ޓެކްނޯލޮޖީ

ޖައްވުގައި އެކަނިވެރިކަން ފިލުވަން ރޮބަޓެއް

Dec 8, 2019

ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ޖައްވީ ރޭހުގައި ނަން ހިނގާ ގައުމުތަކުގެ އެސްޓްރޮނޯޓުން ތިބެ އެވެ. ކިތަންމެ ބައިވަރު އެސްޓްރޮނޯޓަކު ސްޓޭޝަންގައި ތިބި ނަމަވެސް މަސައްކަތުގެ ވަގުތުގައާ އެހެނިހެން ވަގުތު ތަކުގައި މި އެސްޓްރޮނޯޓުން ތިބެން ޖެހެނީ އެކަންޏެވެ. އަތުގައި އޮންނަ ފޯނުން އެކަނިވެރިކަން ފިލުވައިލުން ފިޔަވައި އިތުރުކަމެއް ނޯވެ އެވެ. މިއީ އެސްޓްރޮނޯޓުންގެ އާންމު ޝަކުވާ އެކެވެ.

މިކަމަށް ހައްލެއް ހޯދުމަށް އެއާބަސް ކުންފުންނިން ވަނީ މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ. އެއާބަސްއިން ވަނީ އެސްޓްރޮނޯޓުންގެ އެކަނިވެރިކަން ފިލުވައި ދިނުމުގެ ބޭނުމުގައި ހާއްސަ ރޮބަޓެއް ތައްޔާރުކޮށްފަ އެވެ. އެއާބަސްއިން މި ރޮބަޓް އުފެއްދުމުގެ މަސައްކަތް ހަވާލުކުރީ ޖާމަން އެއިރޯސްޕޭސް ސެންޓާއާ އެވެ. މި ރޮބަޓް ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަނަށް ފޮނުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ޖާމަން އެއިރޯ ސްޕޭސްއިން ތައްޔާރުކުރި ރޮބަޓަށް ދީފައިވާ ނަމަކީ "ސައިމަން-2" އެވެ. މި ރޮބަޓަކީ އާޓިފިޝަން އިންޓެލިޖެންސާއި ވަޓްސަން ޓެކްނޮޖީ ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ރޮބަޓެކެވެ. ވަޓްސަން ޓެކްނޮޖީގެ އެހީގައި އެސްޓްރޮނޯޓުން ކުރާ ސުވާލުތައް ރޮބަޓުގެ މެމެރީގައި ސޭވް ކުރެވޭނެ އެވެ. އަދި އާޓިފިޝަން އިންޓެލިޖެންސުގެ އެހީގައި އެ ސުވާލުތަކަށް ރޮބަޓޫން ޖަވާބު ދޭނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ވެސް ސައިމަން ސްރީސްގެ ރޮބަޓެއް ވަނީ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަނަށް ފޮނުވާފަ އެވެ. އެއީ ސްޕޭސް ސްޓޭޝަނަށް ފޮނުވުނު ފުރަތަމަ އާޓިފިޝަލް އެއްޗެވެ. އެ އަހަރު ފޮނުވުނު ރޮބަޓާއެކު ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެސްޓްރޮނޯޓެއް ކަމަށްވާ އެލެކެސްންޑާ ގާސްޓު ވަނީ 90 މިނިޓުގެ ހޭދަ ކޮށްފަ އެވެ. މިއީ އެ ރޮބަޓް ޓެސްޓު ކޮށްލުމުގެ ގޮތުން ހޭދަކުރި 90 މިނިޓެވެ. އެލެކެސްންޑާ ބުނި ގޮތުންނަމަ މި ރޮބަޓަކީ ކޮމާންޑުތަކަށް ފުރިހަމައަށް އިޖާބަދޭ ރޮބަޓެކެވެ.

ސައިމަން ރޮބަޓުގައި ވަނީ ފިލްމު ބެލުމުގެ ގޮތުންނާއި ލަވަ އަޑުއެހުމުގެ ގޮތުން އޯޑިއޯ ސައުންޑް ސިސްޓަމެއް ވެސް ހިމަނާފަ އެވެ. ޖާމަން އެއިރޯ ސްޕޭސް ސެންޓަރުން ބުނާ ގޮތުގައި، ރޮބަޓާއެކު ވަގުތު ހޭދަކުރުމުން އެސްޓްރޮނޯޓުންގެ ސްޓެރެސް ފިލައި ޑިޕްރެޝަނުން ސަލާމަތްވާނެ އެވެ.