އެމެރިކާގެ ޑިއުކް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ފުރަތަމަ ފަހަރަށް މަރުވެފައިވާ މީހެއްގެ ހިތް ނަގައި ދިރިހުރި އިންސާނެއްގެ ހަށިގަނޑަށް ޓްރާންސްޕްލާންޓް ކޮށްފި އެވެ. މިއީ އެމެރިކާގެ މީހެއްގެ މިގޮތަށް ހިތުގެ ޓްރާންސްޕްލާންޓެއް ހެދި ފުރަތަމަ ފަހަރެވެ.
އާއްމުކޮށް ހިތް ޓްރާންސްޕްލާންޓް ކުރަނީ ސިކުނޑި މަރުވެފައިވާ ނަމަވެސް ހަށިގަނޑުގެ އެހެން ބައިތައް މަސައްކަތްކުރާ މީހުންގެ ހިތެވެ. ހިތް ހަދިޔާކުރަން އެދިފައިވާ މީހަކު ނުވަތަ ސިކުނޑި މަރުވެ ދިރިއުޅުމުގެ އުންމީދުއް ނެތް މީހުންގެ އާއިލާގެ މީހުން ހަދިޔާކުރާ ހިތް ނަގަނީ އެމީހާގެ ފުރާނަ ނުދަނީހެވެ. އެހެންކަމުން ހިތް ލައްވާ މީހާގެ ހިތް ޓްރާންސްޕްލާންޓް ކުރާއިރު ހިތް އޮންނަނީ ތެޅިތެޅި އެވެ.
މިފަހަރު ޑިއުކް ޔުނިވަސިޓީން ހެދި މި ޕްރޮސީޖާ އަށް ކިޔަނީ ޑޮނޭޝަން އާފްޓާ ސާކިއުލޭޓަރީ ޑެތު (ޑީސީޑީ) އެވެ. ސާކިއުލޭޓަރީ ޑެތު އަކީ ބަލި މީހާގެ ހިތާއި ފުއްޕާމޭ އަލުން ނުދިރުވޭ މިންވަރަކަށް ދިއުމެވެ. މިފަދަ ހިތް ނަގާއިރު އޮންނަނީ ހިނގުން ހުއްޓިފަ އެވެ. ޑޮކްޓަރުން އަލުން މަސައްކަތްތަކެއް ކޮށްގެން އެ ހިތް އަލުން ހިނގުވައި، އެހެން މީހެއްގެ ޓްރާންސްޕްލާންޓް ކުރަނީ އެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ޑރ. ޖޭކަބް ޝްރޯޑާ އާއި ޑރ. ބެންޖަމިން ބްރައިނާ އަދި ޑރ. ކާމެލޯ މިލާނޯ އެވެ.
މި ޕްރޮސީޖާ ކުރިޔަށްދާ ގޮތުގެ ތަފްސީލު ދެއްވަން ޑރ. ޝްރޯޑާ ސީއެންއެން އަށް ވިދާޅުވި ގޮތުގައި މުޅިން އަލަށް މި ފެށި ޕްރޮސީޖާ ހަދަން ފަށާއިރު ހިތް އޮންނަނީ ހުއްޓިފަ އެވެ. އަދި ހިތް ހަދިޔާކުރި މީހާގެ ބްލަޑް ސާކިއުލޭޝަން ވެސް އޮންނަނީ ހުއްޓިފަ އެވެ. ދެން އޮންނަނީ ފަސް މިނެޓްގެ ހޭންޑް-އޯފް ވަގުތުކޮޅެކެވެ. މި ވަގުތުކޮޅުގެ ތެރޭގައި ބަލިމީހާ މަރުވީ ކަމަށް ނިންމާނެ އެވެ. ދެން ހިތަށް ވަރަށް ފިނި ސޮލިއުޝަނެއް އެޅުމަށްފަހު ނަގަނީ އެވެ.
މި މަރުހަލާއަށްފަހު ހިތް ބާއްވަނީ ޓްރާންސްމެޑިކްސް އޯގަން ކެއާ ސިސްޓަމްގަ އެވެ. މިއީ ހޫނު ޕާފިއުޝަން ޕަމްޕް އެކެވެ. މި މެޝިނުގައި ބާއްވައިގެން ހިތަށް ހޫނު ލެޔާއި އޮކްސިޖަން އަދި އިލެކްޓްރޮލައިޓްސް ފޮނުވަ އެވެ. އެއާއެކު ހިތް އަލުން ތެޅެން ފަށަ އެވެ. ޓްރާންސްޕްލާންޓް ކުރެވެންދެން ހިތް އޮންނާނީ މި ސިސްޓަމްގަ އެވެ. މިހާތަނުން ދެން އޮންނާނީ ހިތުގެ ޓްރާންސްޕްލާންޓެއް ހަދަން ކުރަންޖެހޭ ކަންތައްތަކުގެ މަރުހަލާ އެވެ. އެ މަރުހަލާތައް ފުރިހަމަވުމުން ހިތް ޓްރާންސްޕްލާންޓް ކުރާނެ އެވެ.
މި ޕްރޮސީޖަ މީގެ ކުރިން ވަނީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި 2015 ގައި ތަޖުރިބާ ކޮށްފަ އެވެ. ނަމަވެސް އެމެރިކާގައި މިފަހަރު ހެދި މި ޓްރާންސްޕްލާންޓަކީ ބޮޑު މީހެއްގެ ހެދި ފުރަތަމަ ޓްރާންސްޕްލާންޓެވެ.
އެމެރިކާގައި ހިތުގެ ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ މީހުންގެ ކިއޫގައި އަބަދުވެސް ލައްކައެއްހާ މީހުން ތިބޭއިރު މިގޮތަށް ހިތް ޓްރާންސްޕްލާންޓް ކުރަން ފެށުމުން އިތުރު ބަޔަކަށް ހިތް ލެއްވޭނެ ކަމުގެ އުންމީދުވަނީ ލިބިފަ އެވެ.
ޑރ. ޝްރޯޑާ ވިދާޅުވީ ސާކިއުލޭޓަރީ ޑެތު ޓްރާންސްޕްލާންޓްސް ހަދަން ފެށުމުގެ ހިތް ލެއްވޭ މީހުންގެ އަދަދު 30 ޕަސެންޓް އިތުރުވެގެން ދާނެ ކަމަށެވެ.
މި ޕްރޮސީޖާ އަކި ވެސް ވަރަށް ޕޮޒިޓިވްކޮށް އަދި ވަރަށް ކާމިޔާބުކަމާއެކު ކުރެވުނު އާ ކަމަކަށް ވިޔަސް މިކަމުގައިވެސް ނުރައްކާތައް ހުރިކަން ވެސް ފާހަގަ ކުރަން ޖެހެ އެވެ. ވެންޑާބިލްޓް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ކާޑިއެކް ސާޖަރީގެ ޗެއާމަން ޑރ. އަޝީޝް ޝާހް ވިދާޅުވީ އިންސާނާގެ ހިތުގެ މަސައްކަތް ހުއްޓުމުން އެ ހިތް ނަގާ މެޝިނަށް ގުޅައިގެން އަލުން އޮކްސިޖަން އާއި ލޭގެ ޕަމްޕްކުރަން ނަގާ ވަގުތުކޮޅު ކުޑަނަމަވެސް އެވަގުތުކޮޅު ވަރަށް ނާޒުކުވެފައި ނުރައްކާ ބޮޑު ކަމަށެވެ. އެ ވަގުތުކޮޅު ދިމާވާ ކުޑަކުޑަ ކަމަކުން ވެސް ހިތަށް ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށާއި އެ ލިބޭ ގެއްލުމެއް ވަގުތުން ނުފެނި މާފަހުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަޝީޝް ވިދާޅުވި އެވެ. މިއީ މި ގުނަވަންތައް ބޭނުންކުރުމުގައި ހުރި ކަންބޮޑުވުމެއް ކަން އޭނާ ފާޙަގަ ކުރެއްވި އެވެ.
ނަމަވެސް މިހާރު މިގޮތަށް ހިތުގެ ޓްރާންސްޕްލާންޓް ހަދާ އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި ކާމިޔާބުކަމާއެކު މިކަން ކުރަމުން ދާތީ އެމެރިކާއަށް ވެސް ކުރެވިދާނެކަމުގެ އުންމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.