ލައިފްސްޓައިލް

ޕަދްމިނީގެ ދަރިފުޅުގެ "ސަބް ކުޝަލް މަންގަލް" ރިލީޒްކުރަނީ

"ސަބް ކުޝަލް މަންގަލް"ގެ ޓްރެއިލާ ދާދިފަހުން ވަނީ ލޯންޗުކޮށްފަ އެވެ. މި އިވެންޓަށް ސްޓޭޖް ތައްޔާރުކޮށްފައި ހުރީވެސް އިންޑިއާގައި އާއްމުކޮށް ބޮޑެތި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާކަހަލަ މަންޑަޕެއް ގޮތަށް ހަދާފައިވާ ތަނެއްގަ އެވެ. އެންމެ ފުރަތަމަ ސްޓޭޖަށް އަރަނީ ފިލްމުގެ އެންމެ މުހިއްމު އެކްޓަރު އަކްޝޭ ކަންނާ އެވެ. އޭނާ ކުޅެނީ ބާބާ ބަންޑާރީ ކިޔާ ކެރެކްޓާ އެކެވެ. އަނެއްކޮޅުން ސްޓޭޖަށް އަރަނީ ޕްރިޔަންކް ޝަރުމާ އެވެ. ޕްރިޔަންކް އަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޮލާޕޫރީގެ ފިރިހެން ދަރިފުޅެވެ. މިއީ އޭނާ ފިލްމީ ދުނިޔެއަށް ތައާރަފްވާ ފިލްމެވެ.

އަކްޝޭ އާއި ޕްރިޔަންކް ވެސް ލޯބިވަނީ އެއް އަންހެންކުއްޖެއް ދެކެ އެވެ. އެހެންވެ ސްޓޭޖުގެ ދެފަރާތުން ދެ މީހުން އަރައި ހަނގުރާމަ އިއުލާން ކުރަނީ އެވެ.

އެއަށްފަހު ދެން ސްޓޭޖަށް އަރަނީ ފިލްމުގެ ބަތަލާ ރިވާ ކިޝަން އެވެ. ރިވާ އަކީ ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ރަވީ ކިޝަންގެ ދަރިފުޅެކެވެ.

މި އިވެންޓްގައި ޕްރިޔަންކްގެ މަންމަ ޕަދްމިނީ އާއި ރިވާގެ ބައްޕަ ރަވީ ކިޝަން ބައިވެރިވި އެވެ. އަދި މި ދެ ތަރިން ވެސް ވަނީ އެމީހުންގެ ދަރިން ފިލްމު ކުޅުމަށް ހުރި ޝައުގުވެރިކަމުގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

ޖެނުއަރީ 3، 2020 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ މިހާތަނަށް ސޯޝަލް މީޑިއާގައި ހަތް މިލިއަނަށް ވުރެ ގިނަ މިހުން ބަލާފައި ވެއެވެ. ޓްރެއިލާ ބެލި މީހުން ބުނަނީ ވަރަށް ހައިރާންވާ ފަދަ އަދި ވާނުވާ ނޭނގި ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ކަހަލަ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ.

ޕަދުމިނީ އަކީ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ މަންމަ އާ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ވާތީ ޕްރިޔަންކް އާއި ޝްރައްދާ އަކީ ދެބެންގެ ދެދަރި ދެބެންނެވެ. އެހެންކަމުން ޕްރިޔަންކްގެ ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރުތައް ޝްރައްދާ އަބަދުވެސް ސޯޝަލް މީޑިއާގައި ޝެއާކޮށް އޭނާގެ ކޮއްކޮގެ ފިލްމު އިޝްތިހާރުކޮށްދޭން ވަރަށް މަސައްކަތްކުރާތަން ފެނެ އެވެ.