ހަބަރު

ޕީޖީއަށް އައްޔަންކުރަން ޝަމީމަށް މަޖިލީހުން ރުހުން ދީފި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާ ޕްރޮސެކިއުޓާ ޖެނެރަލްއަކަށް ޝަމީމް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

އާ ޕީޖީއެއް އައްޔަން ކުރުމަށް ބޭފުޅަކަށް މަޖިލީހުން ރުހުން ދިނީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް މަޖިލީހުން ފަށާފައިވަނިކޮށެވެ. ނުހައްގު ދައުވާތައް އުފުލުން ފަދަ ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެ އެވެ.

ޕީޖީގެ މަގާމު ހުސްވުމުން އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. ނަމަވެސް އެ މަގާމަށް ޝަމީމް އައްޔަން ކުރުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި އެވެ. ނަންތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ އެ މަގާމަށް ޝަމީމް އައްޔަން ކުރުމަށް ރުހުން ދިނުމަށެވެ.

ޝަމީމްގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލް އަހްމަދު ޒަނީން އާދަމް އެވެ.

ޕީޖީގެ މަގާމަށް އައްޔަން ކުރަން މަޖިލީހުން މިއަަދު ރުހުން ދިން ޝަމީމަކީ ޕީޖީގެ އޮފީހުގައި އެންމެ ފުރަތަމަ ދުވަސްވަރު މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވި އެވެ. އަމިއްލަ ގޮތުން ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ގިނަ މައްސަލަތަކުގައި ޝަމީމް ވަނީ ވަކާލާތު ކުރައްވަައިފަ އެވެ.

މިދިޔަ ސަރުކާރުގައި ދައުވާތައް އުފުލުނު ސިޔާސީ ބައެއް ބޭފުލުންގެ ވަކީލެއްގެ ގޮތުގައި ވެސް އޭނާ އުޅުއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަަދި އެ ދުވަސްވަރު ތިން ފަހަރެއްގެ މަތިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.

ޝަމީމަށް މަޖިލީހުން ރުހުން ދިނުމާއެކު އޭނާއަަކީ ޕީޖީގެ މަގާމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލު އަހުމަދު މުއިއްޒެވެ. ދެން އެ މަގާމު ފުރުއްވީ ގާޒީކަން ވެސް ކުރެއްވި މުހުތާޒު މުހުސިނެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.