ހަބަރު

ފޭރެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ފޭރެން އުޅުނު ކަމަށް ބެލެވޭ ދެމީހަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މެދު ޒިޔާރަތްމަގުން ފޭރެން އުޅުނު ކަމަށް ޝައްކު ކުރެވޭ ދެ މީހަކު ހައްޔަރު ކުރި ކަމަށާއި މީގެ ތެރެއިން އެކަކު ހުރީ މޫނު ނިވާ ކޮށްގެން ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަލާ ފާސްކުރި އިރު ފޭރިގަނެފައިވާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެ ތެރޭގައި ފޭރިގެންފައިވާ ކަމަށް ބެލެވޭ، މިދެ މީހުންގެ ވޮލެޓް ނޫން އެހެން ވޮލެޓެއް ފެނުނު ކަމަށާއި، އަދި ގަމީހާއި ޖިންސާއި ދޭތެރެއަށް ޖަހާފައިހުރި ފައިވާނެއްވެސް ފެނިފައިވާ ކަމަށެވެ. އަދި ސިރިންޖަކާއި ކަތުރެއްވެސް މި ދެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ފޭރުން ފަދަ ކުށްތައް ހިންގުމަށް ރާވާ މީހުންގެ އަމަލުތައް ހުންނަ ގޮތުން ކުރިއާލާ އެފަދަ މީހުން ދެނަގަނެވޭނެ ކަމަށާއި އެފަދަ ޝައްކެތްވެސް ވާނަމަ ފުލުހުންނަށް އެކަން ހުށަހެޅުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ޗުއްޓީއާއި ދިމާކޮށް އަތޮޅުތަކުން މާލެއަށް މީހުން އައިސް އުޅޭ އުޅުމުގައި ފައިސާ ރައްކާކޮށްފައި ހުންނަ އަތްދަބަސްފަދަ ތަކެއްޗަށް ސަމާލުކަންދިނުމަކީ މުހިންމު ކަމެކެވެ.