އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާއެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރަން ހަމަޖައްސައި މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމުގައި ސޮއިކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެ ގައުމުގެ މަޖިލީހުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ގާއިމު ކުރެވޭ އެއްބަސްވުމަށްފަހުގައި، ބައިނަލްއަގްވާމީ ކަންކަމަށް ދެ މަޖިލީހުން ގުޅިގެން އެއްބާރުލުން ދޭނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހި ކުރުމަށް ދެ ގައުމުގެ މަޖިލީހުން ގުޅިގެން ރަސްމީ އޮނިގަނޑެއް ވެސް އެކުލަވާލުމަށް ހަމަޖެހިފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ގޮތުން މި ފެށޭ ހަފުތާގައި މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ދަތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ވަފުދުގައި ރައީސް ނަޝީދާއެކު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް 15 މެންބަރުން ހިމެނޭނެ އެވެ. އަދި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.