ހޮލީވުޑް

ވިކްޓަ ފްރެންކެންސްޓެއިން: ޑެނިއަލް ރެޑްކްލިފާއި ޖޭމްސް މެކްއޯވީގެ ވާޝަން

Aug 24, 2015

ސިނަމާގެ ދުނިޔެ އާއި ސައިންސް ފިކްޝަން އަށް ޝައުގުވެރިވާ ފަރާތްތަކަށް ފްރެންކެންސްޓެއިން އަކީ ކާކުކަން އޮޅިފައެއް ނޯންނާނެ އެވެ. އިނގިރޭސި ވާހަކަ ލިޔުންތެރިޔާ މޭރީ ޝެލީ 1818 ވަނަ އަހަރު ޝައިއުކުރި "ފްރެންކެންސްޓެއިން" އަކީ ސައިންސް ފިކްޝަންގެ "މަންމަ" އެވެ.

މި ވާހަކަ އަކީ ދިރޭ އެއްޗެހިތަކުގެ ދިރުމާއި ނެތިދިއުން ދިރާސާކުރާ ވިކްޓަ ފްރެންކެންސްޓެއިން ނަމަކަށް ކިޔާ ޒުވާން ސައިންސްވެރިޔަކު އޭނާގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި "އިންސާނަކަށް" ދިރުން ގެންނަ ގޮތުގެ ވާހަކަ އެވެ.

ނަމަވެސް ފުރިހަމަ އިންސާނެއް އުފެއްދުމަށް އޭނާ ކުރާ މަސައްކަތް ކާމިޔާބުނުވެ އެ މަސައްކަތުން އުފެދެނީ "މޯންސްޓާ" އެކެވެ.

ފްރެންކެންސްޓެއިން އާއި އޭނާގެ މި މޯންސްޓާއެއްގެ ވާހަކަ ސިނަމާގައި އެކި ގޮތްގޮތަށް ކިޔައި ދެމުން ދަނީ 1910 ވަނަ އަހަރު ނެރުނު ފިލްމު "ފްރެންކެންސްޓެއިން" އާ ހިސާބުންނެވެ. އެއީ 16 މިނެޓްގެ ފިލްމެކެވެ.

ވިކްޓަ ފްރެންކެންސްޓެއިން އާއި އޭނާގެ މޯންސްޓާ ރަސްމީކޮށް ބޮޑު ސްކްރީނަށް ނުކުތީ ޔުނިވާސަލް ޕިކްޗާސް އިން 1931 ވަނަ އަހަރު އުފެއްދި ފިލްމުންނެވެ. އެއަށް ފަހު އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ބެލުންތެރިންނާ ހަމަ އަށް މި ދެ ކެރެކްޓާ އައިސްފައިވެ އެވެ.

އެންމެފަހުން މި ދެ ކެރެކްޓާ އެކުގައި ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "އައި، ފްރެންކެންސްޓެއިން" އިންނެވެ.

އެއަށް ފަހު މި އަހަރު އަނެއްކާވެސް މި ދެ ކެރެކްޓާ އެކުގައި ފެނިގެންދާނެ އެވެ. ނަމަވެސް ޓްވިސްޓަކާ އެކުގަ އެވެ.

ހެރީ ޕޮޓާ ފިލްމު ސިލްސިލާ އިން މަޝްހޫރުވި އެކްޓަރު ޑެނިއަލް ރެޑްކްލިފް އާއި އެކްސް މެން ފިލްމު ސިލްސިލާގެ ފަހު ފިލްމުތަކުގައި ޕްރޮފެސާ އެކްސްގެ ރޯލު ކުޅެމުން އަންނަ ޖޭމްސް މެކްއޯވީ ލީޑް ރޯލު ކުޅެފައިވާ "ފްރެންކެންސްޓެއިން" އަކީ ބުނެވޭ ގޮތުގައި މި ސިލްސިލާގެ އެންމެ ވަރުގަދަ އަދި އެންމެ ތަފާތު ފިލްމެވެ.

ވިކްޓަ ފްރެންކެންސްޓެއިންގެ ރޯލު ކުޅެފައި ވަނީ މެކްއޯވީ އެވެ. ރެޑްކްފިލް ކުޅެފައި ވަނީ ޑޮކްޓަރު ވިކްޓާގެ އެސިސްޓަންޓެއް ކަމަށްވާ އީގޯގެ ރޯލެވެ.

މި ފިލްމުގައި ވިކްޓާ އާއި އޭނާގެ މޯންސްޓާގެ ވަހަކަ ދައްކުވައި ދެނީ އީގޯގެ ނަޒަރުންނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ޕޯލް މެކްގުއެގެން އެވެ. އޭނާ އަކީ 2004 ވަނަ އަހަރުގެ ފިލްމު "ވިކާ ޕާކް" އާއި 209 ވަނަ އަހަރުގެ ސައިފައި ފިލްމު "ޕުޝް" ގެ ޑައިރެކްޓަރެވެ. ބީބީސީގެ "ޝާލޮކް" ގެ ބައެއް އެޕިސޯޑްތައް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.

"ވިކްޓަ ފްރެންކެންސްޓެއިން" ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.