ޕީޓާ ސެގަޓް

ގައުމީ ކޯޗް ސެގާޓް މަގާމުން ވަކިކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް، ޕީޓާ ސެގާޓް މަގާމުން ވަކިކޮށްފި އެވެ.

ކޯޗް ޕިޓާ ޝެގަޓް މަގާމުން ވަކިކޮށްފައިވާކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ ޖަލީލް ވަނީ ޔަގީންކޮށްދީފައެވެ. ޕީޓާ ސެގާޓް މަގާމުން ވަކިކޮށްފައި މިވަނީ ސައުތު އޭޝިއަން ގޭމްސްގައި ކާމިޔާބު ހޯދުމުގެ ފުރުސަތު ރާއްޖެއަށް ބަންދުވެ، މުބާރާތާއި އަލްވަދާއު ކިޔާފައިވަނިކޮށެވެ. މިއީ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ކޯޗް ކަމުގައި ރާއްޖެއަށް މޮޅެއް ނުލިބި ނިންމާލި ދެ ވަނަ މުބާރާތެވެ. މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް، އޭނާ ނިންމާލީ މޮޅެއް ނެތި އެވެ.

ބައްސާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގައުމީ ކޯޗް ސެގާޓްއާއި މަޝްވަރާ ކުރުމަށްފަހު އޭނާގެ ކޮންޓްރެކްޓް އުވާލާފައިވާ ކަމަށެވެ. އަދި ޝެގާޓްގެ މަސައްކަތަށް ޝުކުރު އަދާކޮށް އޭނާއަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށް ބައްސާމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅާ ޓީމާ މިހާތަނަށް ހަވާލުވި ކޯޗުންގެ ތެރެއިން ދިވެހިންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކޯޗަކީ ސެގާޓެވެ. ހާއްސަކޮށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުގައި ހިމެނުމަށް ކޯޗް ދެކޮޅު ހެދުމަކީ ފުޓްބޯޅަ އާއިލާގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި ކަމަކަށްވިއެވެ.

އަދި ފަހުން ސެގާޓްގެ ނިންމުން ދިފާއުކޮށް ދައްކަމުންދިޔަ ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ސަަބަބުން ދިވެހި ފުޓްބޯޅައިގެ އިސް ސަފުގައި ތިއްބެވި ކޯޗުންނާއި، ކުރީގެ ކުޅުންތެރިންގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވިއެވެ.

ސެގާޓް މަގާމުން ވަކިކޮށްފައިމިވަނީ އެ މަގާމުގައި ދެމި ހުރުމަށް އުންމީދުކުރާކަން އޭނާ ހާމަކޮށްފައިވަނިކޮށެވެ. އަދި ސެގާޓް މަގާމުން ވަކިނުކުރުމުން އެފްއޭއެމްގެ ރައީސަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވަނިކޮށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ބުރާސްފަތި ދުވަހު ބޫޓާން އަތުން ލަދުވެތި ގޮތަކަށް ރާއްޖެ ބަލިވުމަކީ ފަހުގެ ތާރީހެއްގައި ދިވެހި ފުޓްބޯޅައަށް ލިބުނު އެންމެ ބޮޑު ދެރައެވެ. މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ބޫޓާނަށް ރާއްޖެ ބަލި ކުރެވިފައެއް ނުވެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްކަމާ ޕީޓާ ސެގާޓް ހަވާލުވީ މާޗް 14، 2018 ގައެވެ.