ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ތައުރީފް ޝަމީމަށް!

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޝަމީމަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފި އެވެ.

އާ ޕްރޮސެކިއުޓާ ޖެނެރަލްއަކަށް ޝަމީމް އައްޔަން ކުރަން ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

އާ ޕީޖީއެއް އައްޔަން ކުރުމަށް ބޭފުޅަކަށް މަޖިލީހުން ރުހުން ދިނީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް މަޖިލީހުން ފަށާފައިވަނިކޮށެވެ.

ޝަމީމަށް ތައުރީފުކުރައްވާ އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޝަމީމަކީ ޕީޖީގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. އަދި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި ޝަމީމް، ޕީޖީގެ މަގާމަށް ގެނައުމަށް ނިންމެވި ނިންމެވުމަށް މައުމޫން މަރުހަބާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާއި ގުޅިގެން ރައީސް މައުމޫން ހައްޔަރުުކުރެއްވުމާއި ގުޅިގެން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ހުސައިން ޝަމީމެވެ. އެދުވަސްވަރު ރައީސް މައުމޫންގެ ފަރާތްޕުޅުން މީޑިއާގައި މައުލޫމާތު ދެއްވަމުން ގެންދެވީވެސް ޝަމީމެވެ.

މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އޭރު މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ވަކީލުންނާއި ބައްދަލް ކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތުތަކުގައި ރައީސް މައުމޫނާއި ޝަމީމް ވާހަކަފުޅު ދައްކަވަމުން ގެންދެވީ އަރަބި ބަހުންނެވެ. އެކަމާއި ގުޅިގެން ފުލުހުން އޭރު ވަނީ ބަންދުގައި ތިބި މީހުންނާ ވާހަކަ ދެއްކޭނީ ދިވެހިބަހުން ކަމަށް ކަނޑައަޅާ އެކަން ހުރިހާ ވަކީލުންނަށް އަންގާފައެވެ.