ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް އޮތްއިރު އެ ބާރުގެ ބޭނުން ހަމަ ގޮތުގައި ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިންނާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުގެ ކުރިން އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ ކަމަށެވެ. އެކަމަކު ބާރުތައް ލިބުމާއެކު ޖުޑިޝަރީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރިއަށްވުރެ ބޮޑަށް އެ ނިޒާމު ހަރާބު ކޮށްލައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑިޝަރީ އެއިރަށްވުރެ ބޮޑަށް ހަރާބު ކޮށްލައިފި، ސުޕްރީމް ކޯޓަށް ވެސް މިހާރު އައްޔަން ކުރަމުން ދަނީ އެ މީހުންގެ އެކްޓިވިސްޓުން. ބާރު އޮތީމަ ހަމަ އެ މީހުނަށް ފެންނަހާ ގޮތަކަށް ޖުޑިޝަރީއަށް، ސުޕްރީމް ކޯޓަށް މީހުން އައްޔަން ކުރަމުން ދަނީ." ސަލީމް ވިދާޅުވި އެވެ.
އަދުލު އިންސާފުގެ ނިޒާމުގައި ސުޕްރީމް ކޯޓަކީ އެންމެ ފަހުގެ މަރުހަލާ ކަމުގައިވާތީވެ އެ ކޯޓަށް އައްޔަން ކުރަން ވާނީ އެ ފެންވަރު ހުރެ އިހުލާސްތެރިކަން ވެސް ހުރި ގާބިލް މީހުން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފަހުގެ މަރުހަލާގެ ކޯޓު ބަދަލު ކުރަމުން ދަނީ އެމްޑީޕީން ބޭނުންވާ ގޮތަކަށް އަމަލު ކުރާނެ މީހުން ލައިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ ތެރެއިން ފެންނަނީ ސުޕަ މެޖޯރިޓީ އޮތް ޕާޓީން އެއްވެސް މިންވަރަކަށް މައިނޯރިޓީއަށް ފުރުސަތު ނުދޭ މަންޒަރު ކަމަށެވެ. އަދި އިދިކޮޅުގައި ތިބި ހައެއްކަ މެންބަރުންނަށް އެ ގޮތަށް އިހުތިޖާޖު ނުކުރެވޭނެ ކަމަށް ބުނެ ރިޔާސަތުން އިންޒާރުތައް ދިނަސް މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ބާރެއް ލިބުމަކީ އޭގެ ބޭނުން ނަހަމަ ގޮތުގައި ކުރުމެއް ނޫން. އެ ބާރުގެ ބޭނުން ކުރަން ޖެހޭނީ ހަމަ ގޮތުގައި. ބާރަކީ އަބަދު އޮންނާނެ އެއްޗެއް ނޫން. މިއަދު ބާރުގައި ހުރި މީހާ މާދަމާ ބާރު ނެތިދާނެ. އަޅުގަނޑުމެން ގޮވާލަން ސުޕަ މެޖޯރިޓީ އޮތް މީހުނަށް ހައްގު ގޮތުގައި އެ ބާރު ބޭނުން ކުރުމަށް." ސަލީމް ވިދާޅުވި އެވެ.