ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިހާބަށް ރައީސާއެކު އެއްބަސްވާ ކަމެއް ކުރާނަން: ނަޝީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ މެދު ވިސްނަން އަދި އަވަސް ކަމަށާއި ނަމަވެސް އެ ހިސާބަށް އައުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް އެއްބަސްވެވޭ ކަމެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި މިރޭ ކުރިއަށްދާ ޕްރޮގްރާމްގައި އާންމުންގެ ތެރެއިން ބައެއް މީހުން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެނައުމަށް ތާއީދު ކުރައްވާނީތޯ ނުވަތަ ނަޝީދު އިންތިހާބުގައި ވާދަކުރައްވާނީތޯ ސުވާލުކޮށްފަ އެވެ.

ސުވާލުގެ ޖަވާބު ދެއްވަމުން ނަޝީދު ފުރަތަމަ ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަށް ތައީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންވިޔަސް ރައީސް ސޯލިހާއެކު މި ވަގުތަށް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި ރިޔާސީ އިންތިހާބާ މެދު ނުވިސްނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދި އަޅުގަނޑު ނުވިސްނަން، އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތަށް ކުރަން ހުރި މަސައްކަތްތައް އަދި މާ ގިނަ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި އަޅުގަނޑުމެނަށް ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރެވޭ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކުރެވޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސަށް ތާއީދު ކުރައްވާ ވާހަކަތޯ ޕްރެޒެންޓަރު އަލުން ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަމަށާއި ރައީސް ވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުންނަށް އެއްބަސްވާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ އަދި އަޅުގަނޑުމެން ކިހިނެއްތޯ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރާނީ. ހަމަ ގައިމު ވެސް އަޅުގަނޑުމެން ދެ މީހުން އެއްބަސްވާ ކަމެއް ކުރާނަން. އޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެތޯ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. އެހެންވިޔަސް ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނު އެފަދަ މަސައްކަތެއް ފަށާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެނަމަ ކަމަށެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެކަމަކު އެމަނިކުފާނަށް އޭރު އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ގާނޫނު ހުރަސްއަޅާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވަ އެވެ.

ދެން އެމްޑީޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރެއްވުމަށެވެ. ނަމަވެސް ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނީ ވެސް ރައީސް ނަޝީދަށް ވާދަކުރެވޭ ގޮތް މެދުވެރިވެއްޖެނަމަ އަނބުރާ ޓިކެޓް ވެސް ދޭ ގޮތަށް ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ވާދަވެރިކަމެއް އުފެދިފައިވާ ކަމުގެ އަޑުތައް ވެސް ދާދި ފަހަކުން ގަދަވި އެވެ. ނަމަވެސް އެމްޑީޕީގެ އިސް ބޭފުޅުން އެ ވާހަކަތައް ދޮގު ކުރެ އެވެ. ރައީސް ސޯލިހް ވެސް ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.