ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުލީއާގެއަށް 100 އަހަރު، ހިމާޔަތް ކުރަން ޖެހޭ ސަގާފީ ތަރިކައެއް: ރައީސް

މުލިއާގެއަކީ ރާއްޖޭގެ އެތައް ވެރިން ދިރިއުޅުއްވާފައިވާ ތަނެއް ކަމަށާއި ރާއްޖޭގެ ރަސްމަތިފުޅުގެ ތާރީހުގައި މުހިއްމު އާސާރީ ބިނާއެއް ކަމަށްވާތީވެ އެ ތަން ހިމާޔަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުލިއާގެއަށް 100 އަހަރު ފުރުމާ ގުޅިގެން މިރޭ އެ ތަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މުލިއާގޭގެ ތާރީހު އެއަށްވުރެ މާ ދޮށި ކަމަށާއި އެ ތަނުގައި ގެއެއް ހުންނަތާ 300 އަށްވުރެ ގިނަ އަހަރުވެފައިވާ ކަމަށެވެ. އެ ގޮތުން ގެ ވާރުތަވަމުން އައިސްފައިވާ ރަސްރަސްކަލުންނާއި އެ ގެއާ ގުޅޭ ބައެއް ތާރީހީ ކަންކަމުގެ މައްޗަށް ރައީސް އަލިއަޅުވައިލެއްވި އެވެ.

"މި ތަނުގައި ރިޔާސީ ގަނޑުވަރު ހިނގި. ރައީސް އޮފީސް ހިނގި. ބޮޑުވަޒީރުގެ އޮފީސް ހިނގި. ދާހިލީ ވުޒާރާ، ހާރިޖީ ވުޒާރާ، ސުޕްރީމް ކޯޓު ހިނގި. ރައްޔިތުންގެ މަޖިލިސް ބައްދަލުވުންދިޔަ. ވަޒީރުންގެ މަޖިލިސް ބައްދަލުވި. ވަލީ ކޮމިޓީ ބައްދަލުކުރި. ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވެގެން ދެކެވުނު ވާހަކަތައް ދެކެވިގެންދިޔަ ތަނަކީ ވެސް މި މުލީއާގެ ފެންޑާ." މުލީއާގޭގެ ތާރީހުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވި އެވެ.

މުލީއާގެއާ އިރު އުތުރުން ފެންނަން ހުރި މެދުޒިޔާރަތަކީ 860 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި އިމާރާތެއް ކަމަށާއި ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭ ސަރަހައްދެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މުލީއާގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ހަސަން އިއްޒުއްދީނާއި ޝަމްސުއްދީން ރަދުންއާއި ޕްރިންސް ހަސަން އިއްޒުއްދީން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ފަހުން ރައީސް މުހައްމަދު އަމީންގެ ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސެވި އެވެ. ފަހުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރަށް ބަދަލު ކުރެއްވި އެވެ.

ރިޔާސީ ގަނޑުވަރަށް އެ ތަން ބަދަލު ކުރެއްވި ފަހުން ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ދިރިއުޅުއްވީ އެ ގޭގަ އެވެ. މިހާރު ރައީސް ސޯލިހް ވެސް އުޅުއްވަމުން ގެންދަވަނީ މުލީއާގޭގަ އެވެ.

މިފަދަ އެތައް ސަބަބުތަކަށްޓަކައި މުލީއާގެއަކީ ހިމާޔަތް ކުރަން ޖެހޭ އަސާސީއެއް ބިނާއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސަގާފަތާއި މުލީއާގެ ފަދަ ތަރިތަކަައް ރައްކާތެރި ކުރުމަކީ ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ޖީލުގެ މީހުންގެ ކޮނޑުގައި އޮތް ވާޖިބެއް ކަމަށެވެ.

"މިއީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާ ގުޅިފައިވާ ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އާޘާރީ ބިނާއެއް. މިއީ ރައްކާތެރި ކުރަންޖެހޭ ތަނެއް. ޙިމާޔަތް ކުރަންޖެހޭ ތަނެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މުލީއާގެއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި 29 މީހެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފަ އެވެ. އެ މީހުނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހާއި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނެވެ.