މޯލްޑިވްސް ޕޮލިސް ސާވިސް

ރިޔާސީގެ ގޮއްވާލަން އިންޒާރުކޮށްގެން ބަންދުކުރި އެކަކު ދޫކޮށްލައިފި

ރައީސުއްޖުމުހުއްރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އޮފިސަރު ވިދާޅުވީ މިހާރު ބަންދުގައި ހުރީ ބޮން އޮތް ކަމަށް ބުނި މީހާ ކަމަށެވެ. އަނެއް މީހާ ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި މީހާގެ އަދި މިވަގުތު ފުލުހުންގެ ބަންދުގައި ހުރި މީހާގެ މައުލޫމާތެއްވެސް ފުލުހުން ނުދެއެވެ.

ފުލުހުން މި ދެ މީހުން ހައްޔަރުކުރީ މިއަދު މެންދުރު އެވެ. އެ ދެ މީހުން ވަނީ ރައީސްގެ ރިޔާސީގެކޮޅު މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި އޮތް ފޮއްޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އަޑުގަދަކޮށްފައެވެ. އެ ގޮއްވާލާނެ ކަަމަށް އިންޒާރުކުރި ކަމަށްވެސް ވެއެވެ. ސިފައިންނާއި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް އެ ދެ މީހުން ހައްޔަރުކޮށްފައެވެ.