ރައީސް މުހައްމަދު ނަޝީދު

ދައުރުގެ މެދުން އިންތިޚާބެއް އޮންނާނެ ވާހަކަ ނުދައްކަން: ނަޝީދު

ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ ލީޑަރަކު އެއްބަސްވެފައިނުވާނެ ކަމަށާ އަދި އެފަދަ ވާހަކައެއްވެސް ދައްކާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި މީހަކު ވަނީ އަހަރު ދުވަހަށްފަހު ބާއްވަން ވިދާޅުވި އިންތިޚާބު ކޮބައިތޯ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ.

ވަރަށް ހައިރާންވެ ހުންނަވާ ރައީސް ނަޝީދު ވަނީ އެއީ 2008 ގެ އިންތިހާބާ ގުޅުންހުރި ސުވާލެއްތޯ ވިދާޅުވެފައެވެ. ރައީސް ނަޝީދު އެ އިޝާރަތް ކުރައްވާ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން އެމަނިކުފާނު އޭރު ވެވަޑައިގެންނެވި ވައުދަށެވެ. -ނަމަވެސް އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމަށް އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައެވެ.

ޓްވިޓާ މެދުވެރިކޮށް ސުވާލުކުރި ފަރާތުން ސުވާލުކުރަނީ 2018ގެ އިންތިހާބަށް ކަމަށް ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އަހަރު ދުވަސްފަހުން އިންތިހާބެއް ބާއްވާނެ ކަމަށް ރައީސް ސޯލިހްވެސް އަދި އެމަނިކުފާނުވެސް ވިދާޅުވި ހަނދުމަފުޅު ނެތް ކަމަށެވެ. އަދި އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހް ހުންނަވާނީ ފަސް އަހަރުގެ ޓާމަކަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާނެއް ނުވޭ ރައީސުލްޖުމްހޫރިއްޔާ އަހަރެއްގެ ފަހުން، އަދި އަޅުގަނޑުމެން އެކަކުވެސް އަހަރެއްގެ ފަހުން އިންތިހާބެއް ބާއްވާނެ ވާހަކައެއް ދެއްކި ހަނދާނެއް. އަޅުގަނޑުމެން ނުދައްކަން. ފަސް އަހަރުގެ ޓާމެކޭ އަޅުގަނޑުމެން ދެންނެވީ. އެއީ ދެންނެވެން އޮތް ވާހަކައަކީ" ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ހަނދާނެއް ނުވޭ ރައީސުލްޖުމްހޫރިއްޔާ އަހަރެއްގެ ފަހުން، އަދި އަޅުގަނޑުމެން އެކަކުވެސް އަހަރެއްގެ ފަހުން އިންތިހާބެއް ބާއްވާނެ ވާހަކައެއް ދެއްކި ހަނދާނެއް. އަޅުގަނޑުމެން ނުދައްކަން. ފަސް އަހަރުގެ ޓާމެކޭ އަޅުގަނޑުމެން ދެންނެވީ
ރައީސް މުހައްމަދު ނަޝީދު | 7 ޑިސެންބަރު 2019

ނަމަވެސް ރައީސް ނަޝީދު ވަނީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކުރިން ވިދާޅުވެފައެވެ. ހަތެއް ޖޫން، 2018 ގައި ލަންކާގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އައު ސަރުކާރު ވާންޖެހޭނީ އިންތިގާލީ ސަރުކާރަކަށް ކަމަށާ ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ މަޖިލީސް އިންތިޚާބާ ހަމައަށް ކަމަށެވެ.

އަދި 2019 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު 2020 ވަނަ އަހަރަށް ފަސްކޮށް ނޮވެންބަރު 11 އާއި 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށައަޅުއްވާ ކަމަށެވެ.

"ނޮވެންބަރު 11 ވަނަ ދުވަހު 2018، ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ މިހާރު މި އޮތް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުތަކާއެކީގައި. އެއީ އިންތިގާލީ ވަގުތީ ސަރުކާރެއްގެ މަސައްކަތަކަށް ވާންޖެހޭނީ. މި ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަންދެން. ގާނޫނު އަސާސީ އެބަ ޖާގަދޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ލަސްކުރުމަށް. އަޅުގަނޑު އެ ހުށައަޅަން އެ އިންތިޚާބު [މަޖިލީސް އިންތިހާބު] 2020 ލަސްކުރުމަށް. އަދި ނޮވެންބަރު 11 އާއި 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އަދި އިންތިގާލީ އަދާލަތު ދިވެހި ރައްޔިތުންނަށް ހޯދާދީ، ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމްވެސް، ދާހިލީ ކަންކަންވެސް. ހާރިޖީ ކަންކަންވެސް، ދިވެހިން އެއްބައިވެގެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރުމަށް މި އަހަރެއްހާ ދުވަސް އަޅުގަނޑުމެން ނެގުމަކީ ބުއްދިވެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ވާހަކަފުޅު ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ވަނީ ރައީސް ނަޝީދަށް އަރުވާފައެވެ. އެއީ ދޭއް، ޖޫން 2018 ގައެވެ. އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދީފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދަނިކޮށެވެ.

ނޮވެންބަރު 11 ވަނަ ދުވަހު 2018، ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ މިހާރު މި އޮތް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުތަކާއެކީގައި. އެއީ އިންތިގާލީ ވަގުތީ ސަރުކާރެއްގެ މަސައްކަތަކަށް ވާންޖެހޭނީ. މި ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަންދެން. ގާނޫނު އަސާސީ އެބަ ޖާގަދޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ލަސްކުރުމަށް. އަޅުގަނޑު އެ ހުށައަޅަން އެ އިންތިޚާބު [މަޖިލީސް އިންތިހާބު] 2020 ލަސްކުރުމަށް. އަދި ނޮވެންބަރު 11 އާއި 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އަދި އިންތިގާލީ އަދާލަތު ދިވެހި ރައްޔިތުންނަށް ހޯދާދީ، ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމްވެސް، ދާހިލީ ކަންކަންވެސް. ހާރިޖީ ކަންކަންވެސް، ދިވެހިން އެއްބައިވެގެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރުމަށް މި އަހަރެއްހާ ދުވަސް އަޅުގަނޑުމެން ނެގުމަކީ ބުއްދިވެރިކަމެއް
ރައީސް މުހައްމަދު ނަޝީދު | 7 ޖޫން 2018 [ސްރީލަންކާ]

ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓެއް ހަމަޖެއްސުމަށް އެމްޑީޕީއަށް އަދި ރަނިންމޭޓެއް ހަމަޖެއްސުމަށް ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދީފައިވަނީ އޭގެ ފަހުންނެވެ.

އެމްޑީޕީން އއ އުކުޅަހުގައި ބޭއްވި ކުއްލި ކޮންގްރެސްއެއްގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ސޯލިހް ހަމަޖައްސަވާފައިވަނީ ޖޫން 30، 2018 ގައެވެ.

އެ ކޮންގްރެސްގައި އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ބޭއްވުމަށް ވަނީ ހިމަނާފައެވެ. ކޮންގްރެސްގައި ލޯންޗުކުރި މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސް ކަމެކެވެ. އެއީ ޖަޒީރާ ރާއްޖެ، ނޫ އިގްތިސޯދު، ފަހުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ.

މެނިފެސްޓީގައި ހިމެނޭ އިންސާފުގައި ހިމެނޭ ކަންކަން ތަމްސީލްކުރެއްވުމުގެ ގޮތުން މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ، އިންތި ވިދާޅުވީ، ޕާޓީތަކުން ޕްރައިމަރީތަކުގައި އިންތިހާބުކުރި އެ ޕާޓީތަކުގެ އެންމެ ތާއިދު ބޮޑު ބޭފުޅާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.

އެފަދަ ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް އިންތި ވިދާޅުވި އެވެ.