ތިރީސް މިލިއަން ރުފިޔާގެ އިސްލާމިކް ފައިނޭންސް ފެސިލިޓީއެއް އިކޮނޮމިކް މިނިސްޓްރީން މިރޭ ތައާރަފުކޮށްފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އިސްލާމިކް ފައިނޭންސް ފެސިލިޓީ "ފަސޭހަ މަދަދު" ފެސިލިޓީ ތައާރަފުކޮށް ދެއްވީ ނައިބް ރައީސް އަހުމަދު އަދީބެވެ.
މި ސްކީމަކީ އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޭޝިޔަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ގައުމީ ބޭންކް (ބީއެމްއެލް) ގެ އިސްލާމިކް ވިންގުގެ، އެހީތެރިކަމާއެކު އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވްލޮޕްމަންޓް (އީޑީ) އިން ތައާރަފު ކުރި މި ސްކީމެކެވެ.
މި ސްކީމް ތައާރަފު ކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސްކީމަކީ އަތަށް ފައިސާދޭނެ ސްކީމެއް ނޫން ކަމަށާ، މި ސްކީމް ފަރުމާކޮށްފައިވަނީ ބޭނުންވާ އިކްއިޕްމަންޓް ދިނުން ކަމަށެވެ.
"މިއީ ވަރަށް ޝައުގުވެރި ކުރުވަނިވި ގިނަ ކުރިއެރުންތަކެއް ހޯދިދާނެ ޕްރޮގްރާމެއް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ގެސްޓް ސެޓްގެ ލޯނު ސްކީމު ވެސް ތައާރަފުކޮށް، ޒުވާން 72 ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ހަތް ސަރަހައްދެއްގައި އިންކުބޭޓްރީ ނިޒާމެއްގެ ތެރެއިން މިދަނީ ބޭނުންވާ ތަމްރީން ދެވިފަ. މިއީ ދިވެހި އެންޓްޕްރައިޒިން ޒުވާނަކަށްވުމަށް ބޭނުންވާ ޒުވާނުންނަށް ވަރަށް އުފާވެރި ވަގުތު ކޮޅެއް. މި އުފާވެރި ވަގުތު ކޮޅުގެނެސް ދިނީ ރައީސް އަބްދުﷲ ޔާމީން،" ސައީދު ވިދާޅުވި އެވެ.
މި އިސްލާމިކް ފައިނޭންސް ސްކީމްގެ 40 ޕަސެންޓް ޒުވާނުނާއި އަންހެނުންނަށެވެ. އަދި މި ފެސިލިޓީސްގެ 20 ޕަސެންޓް ކޮންސްޓްރަކްޝަން ދާއިރާއަށް ކަނޑައަޅާފައިވާއިރު، 40 ޕަސެންޓް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ އަށެވެ. އަދި 10 ޕަސެންޓް ކަނޑައަޅާފައިވަނީ ފިޝަރީޒް އާއި އެގްރިކަލްޗަރު ދާއިރާ އަށެވެ. މީގެ އިތުރުން ޓެކްސީ އާއި ސްޕީޑް ލޯންޗް ފަދަ ތަކެތި އާ ކުރުމަށް 20 ޕަސެންޓް ކަނޑައަޅާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސްކީމްގައި ބައިވެރިވުމަށް ބޭނުންވާ ފޯމް ބީއެމްއެލް އާއި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.