ލައިފްސްޓައިލް

ބޫމީ ވެސް ނިކް ޖޯނަސް އާ ރައްޓެހިވާން ބޭނުން

ބޫމީ ޕެޑްނޭކަރްގެ "ޕަތީ ޕަތުނީ އައުރް ވޯ" ހުކުރު ދުވަހު ރިލިޒްވެ ބޮކްސް އޮފީހުގައި ވަރަށް އެދެވޭ ކާމިޔާބެއް ދަނީ ހޯދަމުންނެވެ. ކާރްތިކް އާރްޔަން އާއި އަނަންޔާ ޕާންޑޭ އަދި ބޫމީ ބައިވެރިވާ މި ފިލްމުގައި ބޫމީ ކުޅެނީ ޕަތުނީ ނުވަތަ އަނބިމީހާގެ ރޯލެވެ. ފިލްމުގައި އަނބިމީހާގެ ރޯލު ކުޅުނަސް ޒާތީ ދިރިއުޅުމުގައި ބޫމީ ބޭނުންވަނީ ކޮންމެވެސް ދެމަފިރިއެއްގެ ދެމެދަށް ވަންނަ މީހެއްގެ ރޯލެވެ.

ދާދިފަހުން ބޫމީ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. މި ވީޑިއޯ އިން ފެންނަނީ ކަރަން ޖޯހަރް ހޯސްޓްކުރި ޝޯއެއްގައި ކަރަން ކުރި ސުވާލަކަށް ބޫމީ ދޭ ޖަވާބެވެ.

ކަރަން ސުވާލު ކުރަނީ އޭނާ ރައްޓެހިވާން ބޭނުމީ ކާކުގެ ލޯބިވެރިއެއް ނުވަތަ ފިރިއަކާ ތޯއެވެ. ޖަވާބުގައި ބޫމީ ބުނަނީ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އާ ކަމަށެވެ.

ބޫމީ އިތުރަށް ބުނަނީ އޭނާ ކުޑައިރުއްސުރެ ނިކްގެ ލަވަތައް އަޑުއަހާ ކަމަށެވެ. އޭނާ ވަރަށް ލޯބިކަމަށާއި އަދި ވަރަށް މޮޅު ކަމަށް ވެސް މި ވީޑިއޯގައި ބޫމީ ބުނެފައި ވެއެވެ.

ބޫމީ ވަރަށް ފަހުން ދިން އެހެން އިންޓަވިއު އެއްގައި ބުނީ އިންސްޓަގްރާމްގައި އޭނާ ޕްރިޔަންކާގެ ހަރަކާތްތަކަށް ގަވާއިދުން ފާރަލާ ކަމަށެވެ.

ބޫމީ އަށް މި އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. "ޕަތީ ޕަތުނީ އައުރް ވޯ"ގެ ފެށުން ހީވެސް ނުކުރާހާ ރަނގަޅުވެފައިވާއިރު އޭގެ ކުރިން ނުކުތް "ބާލާ" ވަނީ 100 ކްރޯޑަށް ވުރެ ގިނައިން ހޯދާފަ އެވެ. އަދިވެސް ބައެއް ސިނަމާތަކުން މި ފިލްމު ނުނަގަ އެވެ.
އޭނާގެ ކުރިޔަށް އޮތީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ތަޚުތު" އާއި އަކްޝޭ ކުމާރުގެ "ދުރުގާވަތީ" އެވެ.