ސަލްމާން ޚާންގެ "ދަބަންގް 3" އިން ބޮލީވުޑަށް ތައާރަފްވާ ސައީ މަންޖްރޭކަރް އާއެކު އޭނާގެ މައިންބަފައިން ވެސް އެ ފިލްމުގައި ބައިވެރިވެ އެވެ. ސައީ އަށް ހުވަފެނީ ކެރިއަރެއްގެ ފެށުމެއް ހިންދީ ފިލްމު އިންޑަސްޓްރީން ލިބިފައިވާއިރު އޭނާގެ މަންމަ އާއި ބައްޕަ ފިލްމުގައި ބައިވެރިވާ ކަމީ އޭނާއަށް ފިލްމު އިތުރަށް ޚާއްސަ ވާ ސަބަބެކެވެ.
ސައީ އަކީ އެކްޓަރު-ޑައިރެކްޓަރު މަހޭޝް މަންޖްރެކަރްގެ ދަރިފުޅެކެވެ. "ދަބަންގް 3" އިން މަހޭޝް އާއި އަންހެނުން މެދާ މަންޖްރެކަރް ވެސް ފެންނާނެ އެވެ. ފިލްމުގައި ވެސް މެދާ ކުޅެނީ މަހޭޝްގެ އަންހެނުންގެ ބައެވެ.
ފުރަތަމަ ފިލްމުގައި މައިންބަފައިން ވެސް މަސައްކަތްކުރާތީ އުފަލުން ހުރި ސައީ ބުނީ ބައްޕައާއެކު އޭނާ ކުޅުނު ފުރަތަމަ މަންޒަރުގައި މަންމަ ވެސް ހުރެ އެވެ. އެހެންވެ އެއީ ވަރަށް ޚާއްސަ މަންޒަރެކެވެ. ފިލްމު ސެޓުގައި މަންމަ އާއި ބައްޕަ އާއެކު މަންޒަރުތައް ކުޅެން ލިބުމުން އެ ކުރެވުނު އިހްސާސް ބަޔާން ކޮށްދޭން ވެސް ނޭނގޭ ކަމަށް ސައީ ބުންޏެވެ. ފިލްމީ ދުނިޔެއަށް ތައާރަފްވާން މިއަށް ވުރެ ރަނގަޅު ފިލްމެއް ނުލިބޭނެކަން ސައީ އަށް ވެސް ޔަގީން ކަމަށް އޭނާ ބުންޏެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ދަބަންގް 3" އަކީ ކުރީގެ ފިލްމުގެ ސީކުއަލް އެކެވެ. މީގެ ނުވަ އަހަރު ކުރިން "ދަބަންގް" ގެ ފުރަތަމަ ފިލްމުން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީ ސިންހާ މި ފްރެންޗައިސްގެ ތިން ވަނަ ފިލްމުން ވެސް ފެންނާނީ ހަމަ ކުރީގެ ދެ ފިލްމުގައި ކުޅުނު ރޯލުންނެވެ.
ކުރީގެ ފިލްމުތަކުގައި ވިނޯދް ކަންނާ އަދާކުރި ރޯލު މިފަހަރު އަދާކުރާނީ އޭނާގެ ކޮއްކޮ ޕްރޮމޯދު ކަންނާ އެވެ.
މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ސާޖިދު-ވާޖިދު އެވެ. މިފިލްމުގައި ސާޖިދުގެ ދަރިފުޅު މުސްކާންގެ ލަވައެއް ހިމެނެ އެވެ. މިއީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ފިލްމަކަށް މުސްކާން ކިޔައިދޭ ފުރަތަމަ ލަވަ އެވެ.