ލައިފްސްޓައިލް

ޖަޕާނުގެ ޒުވާނުންގެ ނަޒަރުގައި ކައިވެންޏަކީ ވަގުތު ބޭކާރުކުރުން

ވަރަށް ރީތިކޮށް ހެދުންއަޅާފައި ތިބި ޒުވާނުން ތަކެއް ވައް މޭޒުތަކެއްގެ ވަށައިގެން ހިނގާބިނގާވާތަން ފެނެ އެވެ. ކޮންމެވެސް އެއްޗެކޭ ބުނެލާފައި އެމީހުންގެ މައުލޫމާތު ހިމެނޭ ސީވީ އެއް ބަދަލުކުރާތަން ވެސް ފެނެ އެވެ. އެންމެން ވެސް ތިބީ ފާޑެއްގެ ހިތްހަމަނުޖެހުމެއްގައި ތިބި ހެނެވެ. މި އެންމެންނަކީ ވެސް ކައިވެނި ކުރާނެ ޕާޓްނަރުން ހޯދަން އައިސް ތިބި މީހުންނެވެ. މި ޒުވާނުންނާއެކު އެމީހުންގެ މައިންބަފައިން ވެސް ތިއްބެވެ.

އެތަނުގައި ހުރި 38 އަހަރުގެ އަންހެނަކު ބުނީ ބައިވެރިޔަކު ހޯދާހާ ހިތްވަރެއް އޭނާގެ ނެތް ކަމަށެވެ. އަދި މަޑުމަޑުން މަންމަ އާ ދުރަށް ޖެހިލި އެވެ. މި ތަނަކީ އަންހެނުންނަށާއި ފިރިހެނުންނަށް ކައިވެނިކުރާނެ ރަނގަޅު މީހުން ހަމަޖައްސައިދޭން އިންތިޒާމްކޮށްފައިވާ ޕާޓީ އެކެވެ. އެހެންވެ މި އަންހެންމީހާގެ މަންމަ ވެސް އެ މަސައްކަތް ކުރަނީ އޭނާގެ ދަރިފުޅަށް ރަނގަޅު ފިރިއަކު ލިބޭތޯ އެވެ.

ނަން ބުނަން ބޭނުންނުވާ މި އަންހެންމީހާ ބުނީ ފިރިހެނުންނާ ބައްދަލުކުރުމުގެ ފުރުސަތު މާ ގިނައިން ނުލިބޭ ކަމަށާއި އޭނާ މަސައްކަތްކުރާ ތަނުގައި ގިނައީ އަންހެނުން ކަމަށެވެ.

ޖަޕާނު ސަރުކާރުން އެއްކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު އެ ގައުމުގެ 20 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ އެއްގޮތަކަށް ވެސް ކައިވެންޏެއް ނުކުރާ މީހުންނެވެ.

މި އުމުރަކީ ކައިވެނިކުރަން އެންމެ ގިނަ މީހުން ބޭނުންވާ އުމުރަށް ވާއިރު ޖަޕާނުގެ ގިނަ މީހުންގެ ހިތުގައި މި އުމުރުގައި ވެސް ކައިވެންޏަށް އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނުހުރެ އެވެ. މުޖުތަމައުގައި ހުރި ބޯދާ ބައެއް އާދަތަކުގެ ސަބަބުންނާއި ފައިސާ ހޯދަން ބޭނުންވާލެއް ބޮޑުކަމުން އޮންނަ ޕްރެޝަރުގެ ސަބަބުން މިކަން މިގޮތަށް ދިމާވަނީ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެ ގައުމުގެ ގިނަ މީހުން ކައިވެނީގެ ކުރިން ދިރިއުޅެނީ މައިންބަފައިންނާ އެކުގައި ކަމަށް ވެފައި ކައިވެނި ކޮށްގެން އެހެން ގެއަކަށް ބަދަލުވުމަށް ވިސްނާކަށް އެހާ ބޮޑަކަށް ބޭނުމެއް ނުވެ އެވެ. އަދި ކައިވެނި ކޮށްގެން މައިންބަފައިންނާއެކު ދިރިއުޅުމަކީވެސް އެމީހުންގެ އާދައެއް ނޫނެވެ.

ލިބޭ މުސާރަކޮޅު ކުޑަކަމުން ކައިވެންޏަށް ފަހު ދިރިއުޅޭނެ ތަނެއް ހޯދުމަކީ ވެސް ޖަޕާނު މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންވެ މައިންބަފައިންނާއެކު ދިރިއުޅެން އެމީހުންނަށް މާ ބޮލަށް ފަސޭހަ އެވެ.

މި ޕާޓީގައި ހުރި 74 އަހަރުގެ ފިރިހެނަކު އެތަނަށް އައިސް ހުރީ އޭނާގެ 46 އަހަރުގެ ފިރިހެން ދަރިފުޅު ކައިވެނިކުރާނެ މީހަކު ހޯދާށެވެ. އޭނާ ބުނީ ކައިވެނީގެ ވާހަކަތައް ދެއްކުމަކީ ވެސް އެމީހުންނަށް ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ސޭލްސްމަން އެކެވެ. އެއްޗެތި ގަންނަން އަންނަ މީހުންނާ ވާހަކަ ދައްކަން ދަރިފުޅަށް ފަސޭހަޔަސް އަންހެނުންނާ ވާހަކަ ދައްކަން ދަރިފުޅު ވަރަށް ޖެހިލުންވާ ކަމަށް އެ މީހާ ބުންޏެވެ.

އޭނާގެ ދަރިފުޅު އަމިއްލައަށް ކައިވެނިކުރާނެ މީހަކު ހޯދަން ނޫޅެނީ ކީއްވެތޯ ސުވާލުކުރުމުން މުސްކުޅި ފިރިހެން މީހާ ބުނީ ދަރިފުޅު އުޅެނީ މަސައްކަތުގައި މާ ބިޒީކޮށް ކަމަށެވެ.

އެމީހާ ބުނި ގޮތުގައި އޭނާގެ ދޮށީ އަންހެންދަރިފުޅު އުޅެނީ ކައިވެނި ކޮށްގެންނެވެ. ނަމަވެސް ހަގު އަންހެން ދަރިފުޅު ވެސް އަދި ކައިވެންޏެއް ނުކުރާ ކަމަށާއި 34 އަހަރުގެ އެ ދަރިފުޅަކީ އެމެރިކާގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އަންހެން ޑޮކްޓަރުންނަށް ޕާޓްނަރުން ހޯދަން ވަރަށް އުނދަގޫކަމުގެ އަޑުތައް އިވުމަކީ ވަރަށް ކަންބޮޑުވާ ކަމަށް މި ފިރިހެންމީހާ ބުންޏެވެ.
ޖަޕާނުގެ މެދުތެރޭގައިވާ ޗުކްޔޯ ޔުނިވަސިޓީގެ ސޯޝިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޝިގޭކީ މަޓްސޫޑާ ބުނި ގޮތުގައި ޖަޕާނުގެ ކައިވެނިކުރާ މީހުންގެ އަދަދު ދަށްވަމުންދަނީ 'ހައިޕާގަމީ"ކިޔާ މައްސަލައެއްގެ ސަބަބުންނެވެ.

"ޖަޕާނު އަންހެނުން ބޭނުންވަނީ އެމީހުންނަށް ވުރެ ތައުލީމީ އަދި މަތީ ވަޒީފާތައް އަދާކުރާ ފިރިހެނުން،" ޝިގޭކީ ބުންޏެވެ.

މެޗް-މޭކިން ޕާޓީން ވެސް ޕްރޮފެސަރު ބުނި ކަހަލަ މަންޒަރުތައް ފެނުނެވެ. އަންހެން ގްރޫޕެއް ފިރިހެނެއްގެ ވަށާލައިގެން އޭނާގެ މައުލޫމާތު ހޯދާ އޭނާއަށް ޝައުގުވެރިކަން ފާޅުކުރާތީ ފެނުނެވެ. ޚަބަރު ބަލާއިރު މިމީހާ އަކީ އެތާ ތިބި ހުރިހާ އަންހެނުންނަށް ވުރެ ތައުލީމީ ގޮތުންނާއި ވަޒީފާގެ ގޮތުން ވެސް މަތީ މީހެކެވެ.

ޕްރޮފެސަރު ބުނި ގޮތުގައި ޖަޕާނު މީހުންނަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރެވޭނީ ތިމާއަށް ވުރެ މަދު އާމްދަނީ ލިބޭ ފިރިހެނުންނާ ވެސް ކައިވެނި ކުރުމުގެ ވިސްނުމެއް ޖަޕާން އަންހެނުން ގެންގުޅެންފެށި އިރަކުންނެވެ.

މި ޕާޓީގައި ހުރި ހުސްހަށިބައި އަންހެނަކު ބުނި ގޮތުގައި މިއީ ކައިވެނިކުރާނެ ބައިވެރިން ހޯދަން ރަނގަޅު ތަނެކެވެ. މަގުމަތިން ދިމާވާ މީހެއް ކައިރީގައި އޭނާ ސިންގަލް ތޯ ނޭހޭނެ ނޫންހޭ އެމީހާ ބުންޏެވެ. އެހެންވީމާ މިފަދަ ތަނަކުން ދިމާވާ މީހުންނާ އެ ސުވާލުވެސް ޖެހިލުމެއް ނެތި ކޮށްލެވޭނެތީ މިއީ ރަނގަޅުކަމެއް ކަމަށް އޭނާއަށް ގަބޫލު ކުރެވެނީ އެވެ.

މި ޕާޓީގައި ހުރި މެރިޖް ކައުންސެލާއެއް ބުނި ގޮތުގައި ޖަޕާން ޒުވާނުން ފައިސާ ހަނދާން ނައްތާލާފައި ލޯބި ހޯދަން އަމާޒު ހިފުން މާ ރަނގަޅުވާނެ ކަމަށެވެ.

"މާ ގިނަ ޝަރުތުތައް ކަނޑައަޅަންޏާ މައްސަލަ ހައްލެއް ނުވާނެ. ގަޔާވާ މީހަކާ ކައިވެނިކޮށްގެން ދެން ހުރި މައްސަލަތަކާ މެދު ވިސްނާ،" ކައުންސެލަރު ލަފާ ދިނެވެ.