ލައިފްސްޓައިލް

މެޑެއްޔަކަށް ވުރެ އިންސާނެއްގެ ފުރާނަ މުހިއްމުވީ މީހާއަށް ތައުރީފު

ކުޅިވަރު ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ ރަނގަޅު އެއް ސިފައަކީ ކުޅިވަރުގެ އަޚްލާގެވެ. ފިލިޕީންސްގެ ރާޅާއަޅާ މީހަކު ވަނީ އޭނާއަކީ ކުޅިވަރުކުޅުންތެރިންނަށް ނަމޫނާއެއްކަން ސާބިތުކޮށްދީ ގިނަ ބައެއްގެ ތައުރީފު ހޯދާފަ އެވެ.

ރާޅާއެޅުމުގެ މުބާރާތެއްގައި ބައިވެރިވި މިމީހާއަށް އޭނާއާއެކު ވާދަކުރާ އެހެން މީހަކު ގެނބޭ މަންޒަރު ފެނުނީ މުބާރާތުގައި ރާޅާ އަޅަމުން ދަނިކޮށެވެ.

ރޮޖާ ކެސުގޭ ނަމަކަށް ކިޔާ މި މީހާ އެއްގޮތަކަށް ވެސް މުބާރާތާ ދޭތެރޭ ވިސްނާލުމެއް ނެތި ގެނބެމުންދިޔަ އިންޑޮނީޝިޔާގެ އަރިޕް ނޫރްހިދާޔަތު ސަލާމަތް ކުރުމަށް އަވަސްވެ ގަތެވެ. އޭނާގެ ސާފްބޯޑު ހަލާކުވެ އޭރު އެމީހާ އޮޔާ ދަމައިގަންނަނީ އެވެ.

މި ހާދިސާ ހިނގީ 2019 ސައުތުއީސްޓް އޭޝިއަން (އެސްއީއޭ) ގޭމްސްގެ ފިރިހެނުންގެ ލޯންޗްބޯޑު އޯޕަން ސާފިން މުބާރާތުގަ އެވެ.

އޭނާ އާއެކު ވާދަކުރި މީހާ ގެނބޭ މަންޒަރު ރޮޖާ ކެސުގޭ އަށް ފެނުނުއިރު އޭނާ އޮތީ ވަރަށް ކުރިން ރޭސް ނިންމަން މިސްރާބު ޖަހާފަ އެވެ. ނަމަވެސް ވާދަވެރިޔާ ގެނބޭތަން ފެނިފާ އޭނާ ރޭސް ދޫކޮށްލާފައި އެމީހާ ސަލާމަތްކުރަން އަވަސްވެގަތީ އެވެ. ރޭހަކަށް ވުރެ އިންސާނެއްގެ ފުރާނަ މުހިއްމު ވީމަ އެވެ.

ޖެފާސަން ގެނުއެލަސް ކިޔާ މީހަކު އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އަރިޕް ނޫރްހިދާޔަތު އަކީ އިންޑޮނީޝިޔާގެ ލޯންގްބޯޑް ސެންސޭޝަން އެކެވެ. ނަމަވެސް އެ ދުވަހު މޮނަލިޒާ ޕޮއިންޓްގައި އޮތް މުބާރާތުގައި ވާދަކުރަނިކޮށް އޭނާގެ ބޯޑު ބިންދައިގެން ގޮސް ވަރުގަދަ ތިން ރާޅެއްގެ ދަށުވީ އެވެ. އެ މަންޒަރު ފެނިފައި އެހެން ސާފަރެއް ކަމަށްވާ ރޮޖާ ކެސުގޭ މުބާރާތް ދޫކޮށްލާފައި އައިސް އަރިޕްގެ ފުރާނަ ސަލާމަތް ކޮށްދިނީ އެވެ. އެދުވަހު އޭނާ ރޭހައިގެން ކުރިޔަށް ދިޔަނަމަ ގޯލްޑް މެޑަލް ލިބުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާ އެއަށް ވުރެ ބޮޑަށް މީހެއްގެ ފުރާނަ ސަލާމަތްކުރަން އިސްކަން ދިނީކަމަށް އެ ފެބީ ޕޯސްޓްގައި ވެއެވެ.

ރޮޖާ ކެސުގޭގެ މި އިންސާނިއްޔަތުން ފުރިގެންވާ އަމަލުގެ ވާހަކަ ވަރަށް އަވަހަށް ސޯޝަލް މީޑިއާގައި ވައިރަލް ވެ އެސްއީއޭ ގޭމްސް 2019ގެ ޓީމުގެ އޮފިޝަލް ޕޭޖްގައި ވެސް ރޮޖާ އަށް ވަރަށް ތައުރީފުކޮށް މެސެޖެއް ލިޔެފައި ވެއެވެ.

ރޮޖާގެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު އޭނާގެ ބައެއް އެކުވެރިން ވަނީ ރޮޖާގެ ރަނގަޅުކަމުގެ އިތުރު ވާހަކަތައް ވެސް ޝެއާ ކޮށްފަ އެވެ. ރޮޖާގެ އެކުވެރިން ބުނާ ގޮތުގައި އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ އޮންނަނީ 'ރަނުގެ ހިތެކެވެ.'

ފައި ބިންދައިގެން ގޮސްފައިވާ ކުއްތާއެއް މަގުމަތިން ފެނިގެން އެސޮރު ގެންގޮސްގެން އަމިއްލަ ޚަރަދުގައި ބޭސްކޮށްދިން ވާހަކައެއް ރޮޖާގެ ރަހުމަތްތެރިއަކު ކިޔައިދިނެވެ.

ދުނިޔެއަށް ރޮޖާ ކަހަލަ ގިނަ މީހުން ބޭނުންވާ ކަމަށް މި މުބާރާތުގެ ކޮމެންޓޭޓަރު ބުންޏެވެ.

ފިލިޕީންސްގެ ސާފިން އެސޯސިއޭޝަނުން ވެސް ވަނީ ރޮޖާ އަށް ތައުރީފުކޮށް ބަޔާނެއް ނެރެފަ އެވެ.

"ކުޅިވަރުކުޅޭ ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުޅޭ ކުޅިވަރަކުން ކުރިއަރައި ދާށެވެ. މުބާރާތްތަކުން މެޑަލްތައް ހޯދުމަށް އެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް ކާމިޔާބެއް ލިބުމުގެ ފުރުސަތު އޮއްވާ އެ ފުރުސަތު ދޫކޮށްލާފައި އޭނާގެ ވާދަވެރިއެއްގެ ފުރާނަ ސަލާމަތްކުރަން ދާނީ އިންސާނިއްޔަތުކަމުގެ މިސާލެއް ފަދަ މީހެކެވެ،" ފިލިޕީންސްގެ ސާފިން އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.