މި އަހަަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްވެރިންގެ ފޯރަމެއް މިއަދު ފަށައިފި އެވެ.
ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ފެށި މި ފޯރަމުގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސްވެރިކަމާ ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާބެހޭ ގޮތުން މައުލޫމާތު ބަދަލުކޮށް، ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
ފޯރަމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިއަހަރުގެ ފޯރަމްގައި އެންމެ މުހިއްމު މައުލޫއަކަށް މަޝްވަރާ ކުރާނީ އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސްބާނާނެ މިންވަރު ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށެވެ. މި ކަމާމެދު މަޝްވަރާ ކުރާއިރު މިއީ މަސްވެރިކަމަށް ބަރޯސާވާ ގައުމުތަކުން ހާއްސަކޮށް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިއީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ރަތް ދަރަޖައިގައި ގިންތި ކުރެވިފައިވާ ދުވަސްވަރެއްގައި ވަކިން ހާއްސަ މައުލޫއަކަށް ވަނީ ވެފަ. ރާއްޖެ އަށް މި މައުލޫގެ ހައްސާސްކަން ވަކިން ބޮޑު" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިއަދު މަޝްވަރާ ކުރާ އިތުރު މައުލޫތަކަކީވެސް މަސްވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން، މަސްވެރިިކަމުގެ ތަފާސް ހިސާބަކީ ކެޗް އެލޮކޭޝަން ފޯމިއުލާއެއްގެ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި އެ މައުލޫއަށް ވާހަކަދައްކާ މަޝްވަރާ ކުރުމަށް މިނިސްޓަރު ވަނީ ފޯރަމްގައި ބައިވެރިވާ މަސްވެރިންނާ ދާއިރާގެ ބައިވެރިން ނަށް އެދިލައްވާފަ އެވެ.
މި ޑިސެމްބަރު މަހު 10 ގައި ފާހަގަ ކުރަނީ 39 ވަނަ މަސްވެރިންގެ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ވަކީ ތަފާތު އެކި ހަރަކާތްތަކެއް ރާވާފަ އެވެ. މިއަދު ފެށި ދެ ދުވަހަށް ކުރިއަށްގެންދާ މި ފޯރަމްގައި ރާއްޖޭގެ 15 އަތޮޅަކުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތެއް ބައިވެރިވާނެ އެވެ.