ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(3 ޑިސެމްބަރ 2019 އާ ގުޅޭ)

"އަހަންނާއެކު ނުދާންވީ ކީއްވެ؟ އަހަރެންގެ ވާހަކަ އަޑު ނާހަންވީ ކީއްވެ؟... ޒެއްލު... ތިހެން ނުހަދާ، ޕްލީޒް... ޕްލީޒް... ބޭބީ މި ދޮރުހުޅުވަބަލަ... އަހަރެން ބޭނުމޭ ވާހަކަދައްކަން... ޒެއްލުއާއެކީ ނޫނީ އަހަރެން ވެސް ނުދާނަން ގެއަކަށް" ލިއަމް ބުންޏެވެ.

ލިއަމްގެ ގަދަ ހެދުމަކަށް މިއަދު ހޭޒަލްގެ ފުށުން ހަމްދަރުދީގެ ކުޑިފުކެއް ވެސް ލިބޭކަށްނެތެވެ. ދުވަހަކު އުންމީދުނުކުރާ ވަރަށް ހޭޒަލްގެ ހިތުގައި ލިއަމް ޖައްސައިފިއެވެ. އިތުބާރު ނުކުރެވޭއިރު ލިއަމްގެ ދުލުން ނުކުންނަ އެއްވެސް ބަހެއްގެ ތެދުދޮގު ވަކިކުރާނީ ކިހިނެއް ހެއްޔެވެ. ދެން ދުވަހަކުވެސް ލިއަމްއަށް އިތުބާރު ނުކުރެވޭނޭ ހޭޒަލްގެ ޟަމީރު ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އޭނާހެން ފިރިމީހާއަށް އިތުބާރުކުރި އަނތްބަކު ހުންނާނޭބާއޭ އަމިއްލަ ނަފްސާ ހޭޒަލްއަށް ސުވާލު ކުރެވުނެވެ.

ތުނިކޮށްލާފައި އޮތް ވާރޭ ބޯކޮށްލުމާއެކު ބާރު ގުގުރިއެއްގެ އަޑު އިވިގެން ދިޔައެވެ. އެޕާޓްމެންޓުގެ ބޭރުގައި ދޮރުފަތުގަ ލެނގިލައިގެން ހުރި ލިއަމް އަތުކުރީ ގަޑިއަށް ބަލާލިއެވެ. އެތަނުގައި އޭނާ ހުންނަތާ ގަޑިއެއްގެ އިރު ފާއިތުވެއްޖެއެވެ. ދޭތެރެއަކުން މޫނު ދޮރާ ކައިރިކޮށްލާ ހޭޒަލްއަށް ގޮވާލައެވެ. ވާހަކަދައްކަން ބޭނުންވާކަމާއި އެ ފުރުޞަތު އޭނާއަށް ދިނުމަށް ލިއަމް އެދެއެވެ. ނަމަވެސް ހޭޒަލް ޚިޔާރުކުރީ ހިމޭންކަމެވެ. އެލެވޭޓާއިން ނުކުމެ އެޕާޓްމެންޓަށް ވަނުމާ ދޭތެރޭ އޮންނަ ހޯލްވޭގައި ހުރި ކުޑަދޮރުގެ ކައިރީ ލިއަމް އައިސް ހުއްޓިލިއެވެ. ހޭޒަލްގެ ފުށުން މިވަގުތު ޚަބަރެއް ނުވިޔަސް ލިއަމްއަށް ވިސްނުނީ ހޭޒަލް އޭނާއާ ވާހަކަނުދައްކާ ނުހުންނާނޭ ކަމެވެ. އެހެންވެ ލިއަމް ނިންމީ އިހަށް ހޭޒަލްއަށް ވަގުތު ދިނުމަށެވެ. އޭނާ ހަމައަކަށް އެޅުމުން ލިއަމްއާ ވާހަކަދައްކަން ބޭނުންވާނޭކަން ލިއަމްއަށް އެނގޭތީއެވެ. އެހާތަނުން ހޭޒަލް އޭނާއާ ސުވާލުކުރަން ބޭނުންވެގެން ވެސް ވާހަކަދައްކާނެއޭ ލިއަމްގެ ސިކުނޑި ވިސްނައިދިނެވެ. ވާރޭ ތުނިކޮށްލަންދެން ކުޑަދޮރު ކައިރީ ހުރެފައި އެނބުރި އެޕާޓްމެންޓުގެ ދޮރުކައިރިއަށް އޭނާ އައެވެ. ހޭޒަލް އެތާ ހުރިކަމެއް ނޭނގުނަސް އޭނާ ހޭޒަލްއަށް ގޮވާލިއެވެ. މިވަގުތު ލިއަމް ދާން ނިންމިއަސް އޭނާ އަދި އަންނާނޭކަން ބުނެލިއެވެ. އަދި ހޭޒަލްއަށް ޖެހޭނީ އޭނާއާ ވާހަކަދައްކަން ކަމުގައި ލިއަމް ބުންޏެވެ. އެ އަޑުގައި ފުރަތަމަ ފަހަރަށް މަޖުބޫރުކުރުމުގެ އަސަރުވިއެވެ.

* * * * *

ދޮރުބުޑުގައި ހޭޒަލް އިނެވެ. އެ ދެ ލޮލުގައި ކަރުނަ ހިފެހެއްޓިފައި ވިއެވެ. ހޭޒަލްގެ މެޔާ ކައިރިކޮށްލި ދެ ކަކުލުގައި ދެއަތުން ހިފަހައްޓާލުމާއެކު ދޮރުފަތުގައި ބޮލުގެ ފުއްކިބަ ޖައްސާލިއެވެ. މަޑުމަޑުން ދެ ލޯ މަރާލި ގޮތުން ހީވީ އޭނާ ވަރުބެލިވީހެންނެވެ. އޭނާއަށް ލިއަމް ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނަފްސު ވަރުބަލިވެފައި ވިޔަސް ސިކުނޑީގެ މަސައްކަތް ހުއްޓުމަކަށް ނައެވެ. ލިއަމްއާއެކު މިހާތަނަކަށް ކުރި ދަތުރުގައި ހޭޒަލް ސުވާލު އުފެދުނު އެކި ފަހަރުގެ ހަނދާންތައް އާވަމުންދިޔައެވެ. އޭރު މުހިންމުކަމެއްނޫންކަމަށް ދުށް ކިތަންމެ ކަމަކުން މިއަދުން ހޭޒަލްއަށް ނޭނގި އޮތްކަންކަން ފަހުމްވަމުން ދިޔައެވެ. އެއާއެކު ދޫވަމުންދިޔަ ކައިވެނީގެ ވާފަށުގައި ހިފަހެއްޓުމުގެ ބޭނުން ހޭޒަލްއަށް ނެތިއްޖެއެވެ. އެ ނިންމުމާއެކު އޭނާގެ ނަފްސު ފުނޑުފުނޑުވާނޭކަން ޚުދު ހޭޒަލްއަށް އެނގެއެވެ. އެހިސާބަށް އޭނާގެ ވިސްނުން ދިއުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓާލައި ބޯހޫރާލިއެވެ.

މިއަދުން ފެށިގެން ހުރިހާ ކަމެއް ބަދަލުވާނޭކަން ހޭޒަލްއަށް އެނގެއެވެ. އޭނާ އެނބުރި ލިއަމްގެ ގާތަށް ދާކަށް ބޭނުމެއްނޫނެވެ. އޭނާ މިހާރު ލިއަމްގެ އަނތްބެއްގެ ގޮތުގައި އިންނާކަށް ވެސް ބޭނުމެއްނޫނެވެ. ހުއްޓިފައި ހުރުމަށްވުރެ އޭނާ ހިތްވަރާއެކު ކުރިމަތިލާ މީހަކަށްވުމަށް މަސައްކަތް ކުރިއެވެ. އެކަންވީ އަމިއްލަ ނަފްސަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު މަޖުބޫރީއަށެވެ. ރޮވެނީ ހިތަށްކުރާ އަސަރުންނެވެ. ބަނޑުހައިވެ ހާންތިވެގެން ލޮލަށް އަނދިރިވާގޮތްވާހެން ހީވެ ހޭޒަލް އައިސް ބަދިގެއަށް ވަނެވެ. އަމިއްލައަށް ކާއެއްޗެއް ތައްޔާރުކޮށްގެން މޭޒުދޮށުގައި އޭނާ އިނެވެ. ކަރުނައާއެކު އޭނާ ގަދަކަމުން ހަށިގަނޑަށް ކާނާ އެތެރެކުރިއެވެ.

ދަންވަރުގެ ވަގުތެވެ. ހޭޒަލް އޮތީ އޭނާއަށް އެ އެޕާޓްމެންޓުގައި ޚާއްޞަކުރެވިފައި ހުރި ކޮޓަރީގައެވެ. ފިކުރުތަކުގެ މައްޗަށް ނިންޖަށް ވެސް ކުރިއެއް ނުހޯދުނެވެ. އެހެންވިޔަސް ސިކުނޑިއާއި ނަފްސަށް ހަމަޖެހުމެއް ލިބޭނީ ނިދާލެވުނީމަކަން ހޭޒަލްއަށް އެނގެއެވެ. ދެ ލޯ މަރާލައިގެން އޮވެ އޭނާ އެތައް ސަކަރާތެއް ޖަހައިފިއެވެ. އެންމެފަހުން ނުނިދިގެން ހޭޒަލް ތެދުވެގެން އައިސް އޭނާގެ މަންމަގެ ކޮޓަރިއަށް ވަނެވެ. އެނދުކައިރީ ހުރި އަރިމަތީ ކަބަޑުތައް ހޭޒަލް ބެލިއެވެ. އޭރު ހޭޒަލްގެ ހަނދާންތައް އޭނާގެ އަށް އަހަރުގެ އުމުރުފުރައަށް ގެންގޮސްދިންކަމެއް ނުދެނަހުއްޓެވެ. ސިކުނޑި އޭނާއަށް އޮޅުވާލާކަމެއް ހޭޒަލްއަކަށް ނޭނގެއެވެ. އޭނާ ސާއިރާގެ ކޮޓަރި ހާވަމުން ދިޔައީ ބޭހެއް ހޯދާށެވެ. މީހާ ވަރުބަލިވެގެން ހަލާކުވާއިރު ވެސް ފިކުރުތައް އޭނާގެ ނަފްސުގައި ވަކިހިއްޕާލާފައިވާލެއް ގަދަކަމުން ހަމަވިސްނުން ގެއްލި މޮޔައަކަށް ހަދައެވެ.

ހިތްވަރު ގަދަ އަންހެނެއްގެ ގޮތުގައި ހޭޒަލް ދުށް ފުރަތަމަ އަންހެނަކީ އޭނާގެ މަންމައެވެ. އުމުރުން ހަގު ނަމަވެސް ހޭޒަލް ހުރީ ދުނިޔޭގެ ކަންކަން އެނގޭވަރު ވެފައެވެ. މަންމައާއި ބައްޕަގެ ދެމެދުގައި އޮތް ގުޅުން ހީނަރުވަމުން އައިތަން އޭނާ ދުށްޓެވެ. ހޭޒަލްއަށްވުރެ އުމުރުން އާތިޝް ދޮށި ވިޔަސް އޭނާ އެފަދަ މަންޒަރުތައް ފެންނަކަމަށް ނުހެދިއެވެ. ހޭޒަލްއާއި އާތިޝްގެ ކަންކަން ވީއެންމެ ފުރިހަމައަކަށް ސާއިރާކޮށްދޭއިރު އެ މަންމައަށް ބަދަލުތަކެއް އަންނަކަށް ހޭޒަލްއަށް ފާހަގަވިއެވެ. ދަރީންގެ ކުރިމަތީގައި ރޮއެ ނުހެދި ނަމަވެސް އެ މަންމަ ދެރަވެ ހިތުގައި ޖެހިފައި ހުންނަކަށް ހޭޒަލްއަށް އެނގެއެވެ. އެމީހުން ދޫކޮށް ބައްޕަ ދިއުމުން މަންމައަށް ކުރުވި ފުން އަސަރު ހޭޒަލް ދުށްޓެވެ. މަންމަ ބޭސްކާތަން ހޭޒަލް ދުށީ އޭރުއެވެ. ބައްޕައަކީ މުހިންމު މީހެއްނޫންކަން ހޭޒަލް ނިންމީ މަންމައަށް ޓަކައެވެ. ބައްޕަ ކޮބާހޭ ވެސް އޭނާ މިއަދާ ހަމައަށް އައިއިރު ސާއިރާ ގާތު އަހާނުލައެވެ. ކައިވެންޏަށް ވެގެން ހޭޒަލްއަށް ވަލީ ބޭނުންވެގެން ސާއިރާ ގުޅުމުން ވެސް އެ ބައްޕަ އެއްވެސް ކުއްޖަކާ ވާހަކަދައްކާލަން ވެސް ނޭދުނެވެ. ވަލީ ދިނީ ވެސް ފޯނުންނެވެ.

ސާއިރާގެ ޚިޔާލުތަކާއެކު އަރިމަތީ ކަބަޑުގެ ވަތްގަނޑު ލައްޕާލައި އެނދުގެ އަރިމަތީގައި މަޑުމަޑުން ހޭޒަލް އިށީނެވެ. ސާއިރާ ބޭސްކަނީ ބަލިވެގެން ކަމަށް ހީކޮށް އެކަމާ ހޭޒަލް ސުވާލު ކުރުމުން އެނގުނީ އެއީ ރޭގަނޑު ނުނިދޭތީ ކާ ބޭސް ކަމެވެ. އެ ޚިޔާލުތަކާއެކު ހޭޒަލްއަށް ރޮވިއްޖެއެވެ.

"މަންމަ ގާތު ބުނާނީ ކީކޭ؟... އަހަރެން ލިއަމްދެކެ ލޯބިވާވަރު މަންމައަށް ރަނގަޅަށް އެނގޭނެ... ނޫން!... މަންމަގެ ހިތްހަލާކުވާނެ..." ހޭޒަލްއަށް ބާރަށް ބުނެލެވުނެވެ.

* * * * *

ހޭޒަލްއާ ބައްދަލުނުކުރެވިގެން ލިއަމް އަނެއްކާ ވެސް ގުޅީ އާތިޝްއަށެވެ. އިތުރު ގޮތެއްނެތްކަން އެނގޭތީއެވެ. ހޭޒަލް ގެއިން ނުކުމެގެން ދިޔަތާ ހަތަރު ދުވަސްވީއެވެ. އާތިޝްގެ ނަންބަރަށް ނުގުޅިގެން ލިއަމް އައީ އޭނާގެ މަސައްކަތްކުރާ އޮފީހަށެވެ. ކަންތައް ދިމާކުރީ ހީނުކުރާ ގޮތަކަށެވެ. އިންވެސްޓަރުންނާ ބައްދަލުކުރަން އާތިޝް ރާއްޖޭން ބޭރަށް ފުރީއެވެ. އެނބުރި އަންނާނީ ތިން ދުވަސް ފަހުން ކަމަށް ލިއަމްއަށް ޚަބަރު ލިބުނެވެ. ދެން ހަދާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

ހޭޒަލްގެ މަންމަމެންގެ އެޕާޓްމެންޓަށް ލިއަމް އައިސް ދޮރުގައި ތަޅައި ހަދައިފިއެވެ. ހޭޒަލް އިޝާރާތެއް ވެސް ކޮށްނުލިއެވެ. ހައިރާންކަމާއެކު ރުޅި ވެސް ލިއަމް ގާތަށް އައެވެ. ހޭޒަލް އެހާ ކެތްގަދަވެދާނޭ ލިއަމް ހިޔެއްނުކުރެއެވެ. ކިތަންމެ ކަމަކުން އޭނާ އެ ހުރީ ބޯދަމައިގަނެފައެވެ. އެ ހުރިހާ ފަހަރަކު ވެސް ހޭޒަލް ވަނީ އޭނާގެ ވާހަކަތައް ޤަބޫލުކޮށްފައެވެ. ދެންވާނީ ކިހިނެއްކަމެއް ނޭނގޭ ހިސާބަށް ކަންތައް ގޮސްފިކަން ލިއަމްއަށް ޤަބޫލުކުރެވެއެވެ. ހޭޒަލްގެ ސިކުނޑީގައި ހިނގާ ކަންކަން ނޭނގޭހާ ދުރުގައި ލިއަމް ހުންނާކަށް ނޭދެއެވެ.

ރަސްމީ ވަގުތެވެ. ލިއަމް އުޅުނީ އޮފީހުގައެވެ. އޭނާއަށް ފޯނުކޯލެއް އައެވެ. ސޭވްކޮށްފައި ނެތް ނަންބަރަކުންކަން ގުޅަނީ އެނގި ހުރެ އޭނާ ކޯލަށް ޖަވާބުދިނެވެ. މުޅި މީހާ ހުއްޓުނީ ޢާއިލާއާބެހޭ ކޯޓުން ލިޔުމެއް ހަވާލުކުރަންކަން ގުޅަނީ ބުނުމުންނެވެ. ލިއަމްއަށް ވާހަކަދެއްކުނީ އެ މީހަކު ދެވަނަ ފަހަރަށް އެއީ ލިއަމްތޯ ސުވާލު ކުރުމުންނެވެ. ލިއަމް އާނއެކޭ ބުނުމުން އެ މީހަކު ބުނީ ލިއަމްއަށް ގުޅީ އޭނާ އުޅޭ އެޑްރެސްއަށް ނުވަދެވިގެން ކަމުގައެވެ. އަދި އެ ލިޔުމާ ހަވާލުވުމަށް ކޯޓުގެ އިދާރީ ބަޔަށް އައިސް ދިނުމަށް އެމީހާ އެދުނެވެ. އަދި އެ ލިޔުމާ ވަކި މުއްދަތެއްގެ ތެރޭ ހަވާލުވާން ޖެހޭނޭކަން ވެސް އެމީހާ އެންގިއެވެ.

ފޯނުކޯލު ކެނޑުމުން ވެސް ލިއަމްއަށް އިނދެވުނީއެވެ. ޢާއިލާ ކޯޓަށް އޭނާ ދާންޖެހޭނެ ސަބަބެއް ނެތްކަން އެނގެއެވެ. އެހެންވިޔަސް ހޭޒަލްގެ ޚިޔާލާއެކު އޭނާގެ ސިކުނޑީގެ ވިސްނުން އެހެން ދިމާއަކަށް އެނބުރުނެވެ. ބޭއިޚްތިޔާރުގައި ނޫނެކޭ ލިއަމްއަށް ބުނެލެވުނެވެ. އިނދެވުނީ އޮފީސް ތެރޭގައިކަން ވެސް ލިއަމްއަށް ރެއަކާލީ ގާތުގައި އިން ޒުވާނާ ކިހިނެއްވީތޯ އަހާލުމުންނެވެ. ލިއަމް ދެފަރާތަށް ބޯހޫރުވާލުމާއެކު އިންތަނުން ތެދުވިއެވެ. މުހިންމު ކަމަކު ބޭރަށް ނުކުމެލަން ޖެހިއްޖެކަމުގައި ބުނެ ލިއަމް އޮފީހުން ނުކުތީއެވެ. މަގުމައްޗަށް ނުކުތުމާ އެ ދޭތެރޭގައި އޭނާ ހޭޒަލްގެ ފޯނަށް ގުޅޭތޯ ބެލިއެވެ.

ޢާއިލާ ކޯޓުންކޯޓުން ލިއަމްއާ ހަވާލުކުރީ ކޯޓަށް ހާޟިރުވުމަށް އޮތް ޗިޓާއި ވަރިއަށް އެދި ހޭޒަލް ލާފައި އޮތް ފޯމުގެ ކޮޕީއެވެ. ޤަބޫލުކުރަން ދަތިވެގެން ލިއަމްއަށް ސިޓީއުރައާއި ކަރުދާސްތަކުގެ ދެފުށާއި އޭގައި ލިޔެފައި އޮތް އެއްޗެއް ތަކުރާރުކޮށް ކިޔާލެވުނެވެ. އޭގައި އޮތީ ހޭޒަލްގެ ނަމެވެ. އޭނާގެ މަޢުލޫމާތެވެ. ވަގުތުން ސިޓީއުރައިގެ ތެރެއަށް ކަރުދާސްތައް ލުމާއެކު ލިއަމް ހިނގައިގަތީ ސައިކަލާ ދިމާއަށެވެ. އޭނާގެ މިސްރާބަކަށްވީ މ.ސްނޯލޭންޑެވެ.

* * * * *

އެޕާޓްމެންޓުގެ ދޮރުގައި ބާރަށް ތަޅައިގަތް އަޑާއެކު ސޯފާގައި އިން ހޭޒަލް ދިޔައީ ސިއްސައިގެންނެވެ. އޭރު ވެސް އޭނާ އިނީ ފެންކަޅިވެ ލިއަމްގެ ޚިޔާލުތަކަށް ގެއްލިފައެވެ. ދެތިންފަހަރަށް ދޮރުގައި ތަޅައިގަތުމާއެކު ހޭޒަލް ސޯފާއިން ތެދުވެގެން އައިސް ދޮރުމަތީ ހުއްޓުނެވެ. ޒެއްލޫއޭ ކިޔާ ލިއަމް ހަޅޭލަވައިގަތް އަޑުއިވުނެވެ. ދޮރުހުޅުވާށޭ ބުނެ ލިއަމް އަމުރުކުރިއެވެ. އަދިވެސް ހޭޒަލްއަކީ އޭނާގެ އަނބިމީހާއޭ ލިއަމް ބުންޏެވެ. ދޮރުނުހުޅުވައިފިއްޔާ އޭނާ ވެސް މަޑަކުން ނުހުންނާނަމޭ ލިއަމް ބުނެލިއެވެ. ވާހަކަދައްކަމުން އޭނާ އަނެއްކާވެސް ދޮރުގައި ޖެހިއެވެ. މިފަހަރު އޭނާ އެ ޖެހީ ކޮޅުފައިންހެން ހޭޒަލްއަށް ހީވިއެވެ. ދޮރަށް އެރި ބާރާއެކު ހޭޒަލްއަށް ޖެހިލުންވެ ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ.

"ދުވަހަކުވެސް ވަރިއެއްނުކުރާނަން... އަޑުއިވިއްޖެ... ނުކުރާނަން ވަރިއެއް..." ލިއަމް ހަޅޭލަވައިގަތެވެ. އެހިނދު ހޭޒަލްއަށް ހުރިހާކަމެއް ފަހުމްވެއްޖެއެވެ. ވަރިވާން ހޭޒަލް ބޭނުންވާކަން ލިއަމްއަށް އެނގުނީ ކަމެވެ. ހޭޒަލްއަށް އަނގަމަތީގަ ދެއަތްއަޅައި ހިފަހައްޓާލެވުނީ އަޑެއް ބޭރުވާން ނޭދޭތީއެވެ. ލިއަމްއާ ކުރިމަތިލާކަށް އޭނާ ބޭނުމެއްނޫނެވެ. އެކިއެކި އިންޒާރުތައް ލިއަމް ދޭންފެށިއެވެ. ކަންބޮޑުވުމަށްވުރެ ހޭޒަލްގެ ހިތަށް ކުރި އަސަރު ބޮޑެވެ. އޭނާއަށް ރޮވެން ފެށުނެވެ. ލިއަމް އޭނާއާ ވަކިވާން ބޭނުންނުވާއިރު އޭނާއަށް ބޭވަފާތެރިވީ ކީއްވެތޯ ހިތަށް އެރިއެވެ. އަނބިމީހާގެ ފުރަގަހުގައި ހިލޭ އަންހެނުން އުފާކޮށްދިނުމުގައި ހަޤީޤީ ލޯބިވާ ފިރިއަކު ޝާމިލުނުވާނޭކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ވީއިރު ލިއަމް އެ މަސައްކަތް ކުރަނީ ކޮންކަމެއް ސާބިތުކުރަންބާއޭ ހޭޒަލްގެ ހިތަށް އެރިއެވެ.

ދޮރުވައްޓާލާފައި އެތެރެއަށް ވަދެވޭވަނަމަ ލިއަމް ވަނީސްކަން ގައިމެވެ. ނަމަވެސް އޭނާ ހަޅޭލަވަލަވާފައި ހިނގައްޖެކަން ހޭޒަލްއަށް ޔަގީންވީ ހިމޭންކަން ދިގުދެމިގެން ދިއުމުންނެވެ. އޭނާ ވަރިވާން ފޯމުލީ އެއްވެސް މީހަކާ ޚިޔާލު ބަދަލުކުރުމެއްނެތިއެވެ. އޭނާގެ ދިރިއުޅުން އޭނާއަށްވުރެ ބޮޑަށް އެނގޭނޭ މީހަކު ނުހުންނާނެތީއެވެ. ލިއަމް ކަންތައްކުރި ގޮތުން ހޭޒަލްގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވެއްޖެއެވެ. އެ ދިރިއުޅުމުން އޭނާއަށް ލިބޭނޭ އެއްވެސް އުފަލެއްނެތްކަން ޔަގީން ކުރެވިއްޖެއެވެ. އޭނާއަށް ޖެހުނު ބައްޔަކަށް ލިއަމްވީއެވެ. ފިކުރުތަކުން މިންޖުނުވެވުނުއިރު އޭނާ ލިއަމްއާ ކުރިމަތިލާން ބޭނުންނުވަނީ ފަކުރުންނެވެ. ހަށިގަނޑުގައި ލިއަމްނޫން މީހަކު ނުބީހޭނޭ ގުނަވަންތައް އޭނާ ސާފުކޮށްކޮށް ފާރުވެއްޖެއެވެ. ސިކުނޑީގައި އެނބުރެނީ ލިއަމްގެ މުޑުދާރު ޢަމަލުތަކެވެ. ކަސްބީ އަންހެނުންނާ ލިއަމް އޭނާ އެއްވަރުކޮށްފިއެވެ. އުމުރުން ދުވަސްތަކެއް ބޭކާރުވެއްޖެކަމުގެ އިޙްސާސް ހޭޒަލްއަށް ކުރެވެނީއެވެ. ލިއަމްގެ ހަޔާތުގައި އޭނާގެ މަޤާމަކީ ކޮބައިކަން އޮޅިއްޖެއެވެ. ދަރިސްފަސްކޮޅެއް ބިނާކުރުމާއި މުސްތަޤުބަލެއް ލިއަމްއާއެކު އޮތްކަމަށް ހޭޒަލްއަށް މިހާރު ޤަބޫލެއްނުކުރެވެއެވެ. އެއާއެކު ހޭޒަލްގެ މުޅި ނަފްސު ވަށާލީ ބިރުވެރި ކަޅުކަން ގަދަ އަނދިރިކަމަކުންނެވެ. އެ އަނދިރިކަން އޭނާއަށް އިޝާރާތްކުރަނީ ލިއަމްއަށް ދަރިއަކު ނުދެވުނު ކަމެވެ. ނުކުޅުދޭ މީހަކީ ހޭޒަލް ކަމެވެ. ދިރިއުޅުމުގައި އެއްވެސް ކުލައެއް ނުޖެއްސުނީ ހޭޒަލްގެ ހުރި އުނިކަމަކުން ކަމެވެ. މިއީ ހޭޒަލް ހޭލަން ބޭނުންވީ ހަޤީޤަތެއްނޫނެވެ. އޭނާގެ ވަށައިގެންވި ދުނިޔެ ފުނޑުފުނޑުވާއިރު އެކަމާ ކުރިމަތިލާން އޭނާ ހިތްވަރުކުރާކަން ޔަގީނެވެ. އެހެންނަމަވެސް ގޮތްހުސްވެ އަމިއްލަ މީހާގެ ބޭނުމެއްނެތްކަން އިޙްސާސް ކުރެވޭ ވަގުތުތައް ގިނަވާން ފަށައިފިއެވެ. އެފަދަ ހިނދުކޮޅުތައް ދެކެ ހޭޒަލް އިންތާހަށް ބިރުގަންނަ ދަރަޖައަށް ހިނގައްޖެއެވެ. އޭނާއަކީ ބޭކާރު މީހެއްގެ ގޮތުގައި ވިސްނެނީއެވެ. ވަރިވެގެން ގޭގައި އުޅޭން ފެށުމުން މަންމަގެ މިނިވަންކަމަށް ހުރަސް އެޅި އެ މަންމައަށް ލިބޭނީ ނުތަނަވަސްކަން ކަމުގައި ހޭޒަލް ހީކުރެވެނީއެވެ. އޭނާގެ ސަބަބުން އެއްވެސް މީހަކަށް އުނދަގުލެއް ފޯރާކަށް ހޭޒަލް ނޭދެއެވެ. އެންމެންނަށް ބުރައަކަށްވުމަށްވުރެ އޭނާ އެންމެންނާ ވަކިވުން މާ ރަނގަޅުވާނޭ ހޭޒަލްއަށް ހީވަނީއެވެ. އެ ޚިޔާލުތަކާ ދުރަށް ދިއުމަށް އޭނާ އަޅުކަމުގައި ވަގުތު ހޭދަކުރިއެވެ. ނަމަވެސް ނަފްސުގެ ބައިބައި މަރުވަމުން ދާކަމުގެ އިޙްސާސަށް ހުއްޓުމެއް ނައެވެ. އަބަދުވެސް ހީވަނީ ހަށިގަނޑު ނަޖިސްވެފައި ހުންނަ ހެންނެވެ. އޭގެ ދުނިޔެއަށް ގިނަވެފައިވާ މީހެއްކަން އޭނާއަށް އިޙްސާސްކޮށްދެނީ ހިތުންކަމެއް ނޫނީ ސިކުނޑިންކަމެއް ދެނެގަންނާކަށް ހޭޒަލްއަކަށް ނޭނގެއެވެ. އަނދިރިކަމުގެ ތެރެއަށް އޭނާ ދަމާކޫއްތާފައި ގެންދާކަން އެނގެއެވެ.

* * * * *

އާތިޝް މާލެ އައި ދުވަހު އޭނާއަށް ލިއަމް ގުޅިއެވެ. ސާއިރާމެންގެ އެޕާޓްމެންޓަށް އޭނާއާއެކު ދިއުމަށް ލިއަމް ބުނިއިރު އެ އަޑުގައި ހުރީ ހަރުކަށިކަމެވެ. ހައިރާންވިއެއްކަމަކު އިތުރަށް ސުވާލު ކުރުމެއްނެތި ލިއަމްއާއެކު ދިއުމަށް އާތިޝް އެއްބަސްވިއެވެ. އޮފީހުގައި އޮތް ބައްދަލުވުންތަކާ ހެދި ލިއަމްއަށް ފަސޭހަ ރަޙުމަތެއްގައި ސަލާމަތްވެވެން ނެތުމުން އޭނާ ގަޑިކީ ހަވީރަށެވެ. އޭނާ ގަސްދުކުރީ އާތިޝް ގޮވައިގެން ގޮސް އެޕާޓްމެންޓަށް ވަނުމަށެވެ. އަދި ކޮންމެ ގޮތަކުން ވިޔަސް ހޭޒަލް އޭނާއާއެކު ގެންދާށެވެ. މި ހުރިހާކަމެއް އާތިޝްއަށް ނޭނގުނަސް އޭނާ ހޭޒަލްއަށް ގުޅީ ކަމެއް އޮޅުން ފިލުވާށެވެ. ހޭޒަލްގެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ. ފުރަތަމަ ފަހަރަށް އާތިޝްއަށް ހޭޒަލްއާއި ލިއަމްއަށް ސަމާލުކަން ދެވުނެވެ. އޮފީހުގެ މޭޒުދޮށުން ވަގުތުން އާތިޝް ތެދުވިއެވެ. ކުންފިނި ހިންގާ އިމާރާތުން ނުކުމެގެން އައިސް ޕާކު ކޮށްފައި އޮތް ކާރަށް އާތިޝް އެރިއެވެ.

ސާއިރާއާއި ރިޒްވާންގެ އެޕާޓްމެންޓަށް އާތިޝް އައީ ކަމެއް ޔަގީން ކުރާށެވެ. ދޮރު ހުޅުވާލައި އެތެރެއަށް ވަން ހިނދު އޭނާއަށް ހައިރާންކަމެއް ލިބުނީ ދެފައި ކުރުކޮށްލައިގެން ސޯފާގައި އިން ހޭޒަލް ފެނިފައެވެ. ރޮއެރޮއެ ދުޅަވެފައިވާ މޫނުން ފެންނަނީ ބިރުގެންފައި އިންތަނެވެ.

"ކޮއްކޮ އަދިވެސް މިގޭގަތަ؟..." އަޖައިބުވެފައި އާތިޝްއަށް ބުނެލެވުނެވެ. ހޭޒަލް އިސްޖަހާލީއެވެ. އެ މޫނު ފޮރުވަން ބޭނުންވެގެންނެވެ. އާތިޝް ހަލުވިކޮށް އައިސް ހޭޒަލްގެ ގާތުގައި އިށީނެވެ.

"ލިއަމް ކޮބާ؟... ކަމެއް ގޯސްވީތަ؟... މިހެން އަހާކަށް ވެސް ނުޖެހޭ... ކަމެއްނުވަންޏާ ޒެއްލު މިގޭގަ ނީންނާނެ... ޓެލް މީ... ތިވެގެން އުޅޭގޮތެއް ކިޔައިދީބަލަ" އާތިޝްގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ. ދުވަސްކޮޅަކު އެ ގޭގައި ހޭޒަލް މަޑުކޮށްލަން ބޭނުންވަނީއޭ ބުންޏެވެ. އެ ކީއްވެތޯ އާތިޝް ސުވާލު ކުރިއެވެ. ލިއަމްއާ ދުރުގައި މަޑުކޮށްލަން ހޭޒަލް ބޭނުންވުމަކީ އާތިޝްއަށް އާކަމެކެވެ. އޭނާއަށް ވެސް ހޭޒަލްއާއި ލިއަމްގެ ދިރިއުޅުން ހުންނަގޮތް ހުރީ ފެނިފައެވެ. އެ ދެ މީހުން އެކަކުއަނެކަކާ ދުރުގައި ތިބުމަކީ ބުއްދި ޤަބޫލުކުރެވޭ ކަމެއްކަމަށް އާތިޝްއަށް ނުވިއެވެ. އެކަކުއަނެކާކާނުލާ އެއްވެސް ކަމެއް ނުކުރެވޭ ދެމީހުން ދުރުގައި ތިބެން ބޭނުންވުމަކީ އެކަމުގައި ފޮރުވިފައި ސަބަބެއް އޮންނާނޭ ކަމެއްކަން އާތިޝްއަށް ޔަގީންވިއެވެ.

"ލިއަމް ގާތު އަހައިގެން އޮޅުން ފިލުވަފާނަން" ހޭޒަލް ނުބުނަން އުޅޭހެން ހީވުމުން އާތިޝް ބުނެލިއެވެ. އެކަމަކު އޭނާ އެހެންބުނެލީ ހޭޒަލްއަށް ވާގޮތެއް ބަލާށެވެ. އޭނާ އަނގައިން ނުބުނުމުން އާތިޝް އުޅުނީ ކޮއްކޮގެ އަތުގައި ހިފާލާށެވެ. އެހިނދު ހޭޒަލް ފުއްމައިގަތުމާއެކު އަތްނުލައްޗޭ ކިޔާ ހަޅޭލަވައިގަތް ފެނި އާތިޝްއަށް ވެސް ލިބުނީ ސިހުމެކެވެ. ކަންތައްކުރެވުނު ގޮތް ހޭޒަލްއަށް ވިސްނެން ހިނދުކޮޅެއް ނެގިއެވެ. އާތިޝްގެ ސުވާލު އުފެދިފައިވާ މޫނު ފެނި ހޭޒަލްއަށް ހުރި ދިމާއަށް ތިރިވެވުނެވެ. މޫނުގައި އަތްއެޅީ ރޮވެން ފެށުމުންނެވެ. އާތިޝްއަށް އޭނާ ސިފަވާނީ ބަލިކަށި މީހެއްކަމުގައޭ ހީވުމުން ވަކިން ބޮޑަށް ހޭޒަލްއަށް ރޮވުނެވެ.

"ލިއަމް ގުޅި... ހަވީރު އޭނާ އަންނާނެ..." އެ މަޢުލޫމާތު ހޭޒަލްއަށް އެނގެންޖެހޭނެ ކަމުގައި އާތިޝްއަށް ހީކުރެވި ބުނެލިއެވެ.

"އައި އޭމް ޑިވޯސިން ހިމް" ރޮމުންރޮމުން ހޭޒަލް ބުނެލިއެވެ.

އަޑުއިވުނު އެއްޗެއް އާތިޝްއަށް ޤަބޫލެއްނުކުރެވުނެވެ. އޭނާ އަވަސްވެގަތީ ސާއިރާއަށް ގުޅާށެވެ. ހޭޒަލް އެގެއަށް އައި ދުވަހު ވެސް އާތިޝް ކުޑަކޮށް ވެސް ކަމެއް ގޯސްވެގެން ހޭޒަލް އައީކަމަށް ހިޔެއްނުކުރެއެވެ. ވަރިއާ ހަމައަށް ހޭޒަލްގެ ވިސްނުން ދިޔައިރު އޭނާއާއި ލިއަމްއާ ދެމެދު ޖެހުނު މައްސަލައެއް ވެސް އާތިޝްއަށް ސާފެއްނުވިއެވެ. އެފަދަ ކަންކަމުގައި ވާހަކަދައްކާނޭ ގޮތެއް ވެސް އާތިޝްއަކަށް ނޭނގެއެވެ. ހޭޒަލްއާ ދޭނޭ ނަސޭޙަތެއް ވެސް އޭނާގެ ސިކުނޑިއަކަށް ނޭރިއެވެ. ހީވީ އޭނާ ވިސްނަން ބޭނުންނުވާ ފަދަ ކަމަކަށް ވިސްނަން މަޖުބޫރުވީހެންނެވެ.

(ނުނިމޭ)