ކޮކާކޯލާ ކުންފުނިން އުފައްދާ ބުއިންތައް ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ، މީރު ކޮކްޓެއިލްސް ތަކެއް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ކޮކާކޯލާ ކުންފުނިން "މިކްސްއޮލޮޖީ" ގެ ނަމުގައި ސޯލްޓުގައި އިއްޔެ ބޭއްވި ހާއްސަ ވޯކްޝޮޕަށްފަހު ތައާރަފު ކުރި ރަހަތަކުގެ ތެރޭގައި ކޯކާއި ފެންޓާ އަދި ސްޕްރައިޓް ފަދަ މަގުބޫލު ރަހަތައް ބޭންކޮށްގެން ތައްޔާރު ކުރާ ތަފާތު ބުއިންތައް ހިމެނެ އެވެ. މި ބުއިންތައް ރާއްޖެ އަށް ތައާރަފު ކުރުމުގެ ގޮތުން ކޯކު ކުންފުނިން ވަނީ ރާއްޖޭގެ ކެފޭ/ ރެސްޓޯރެންޓުތަކުގައި ވޭޓަރުންނަށް މި ބުއިންތައް ހަދަން ދަސްކޮށްދީފަ އެވެ.
ވޭޓަރުންނަށް ވޯކްޝޮޕް ހިންގާފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު މިކްސްއޮލޮޖިސްޓެއް ކަމަށްވާ ސަސަންތާ ގެނެސްގެންނެވެ.
ވޯކްޝޮޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިލިދް ދެރަސާރީ ވިދާޅުވީ ކޯކް އަމިއްލަ ޒާތުގައި ވެސް މިއީ އެއް ވަނައިގެ ބުއިމެއް ކަމަށާ، ނަމަވެސް މި ބުއިން އިތުރަށް ފުރިހަމަވެގެން ދަނީ އިތުރު ބާވަތްތަކާއެކުގެ ތައްޔާރުކޮށްލާ މޮކްޓެއިލްއެއްގެ ސަބަބުން ކަމަށެވެ.
"ކޯކްއާ އިތުރު ބާވަތްތައް އެއްކޮށްލައިގެން ޑްރިންކްއެއް ތައްޔާރު ކޮށްލީމަ އިތުރަށް ފުރިހަމަވަނީ. އެކަން އަޅުގަނޑުމެން މިއަދު މިކުރީ،" މިލިންދް ވިދާޅުވި އެވެ.
ކޮކާކޯލާ ކުންފުނި ރާއްޖެ އަށް ތައާރަފުކުރި މޮކްޓެއިލްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ގިނަ ރެސްޓޯރެންޓް ތަކުން ލިބެން ހުންނާނެ އެވެ. މި ބުއިންތަކުގެ ތެރޭގައި ތާޒާ މޭވާގެ ރަހަތައް އެއްކޮށްގެން ތައްޔާރުކޮށްފައިވާ ބާވަތްތައް ވެސް ހިމެނެ އެވެ.
ކޮކާކޯލާ ކުންފުނިން ދަނީ ދުނިޔޭގެ ބާޒާރަށް ނެރޭ ބުއިންތައް ރާއްޖެ ގެނެސް އާ ކެމްޕޭންތައް ހިންގަމުންނެވެ. އެ ކުންފުނިން 2017 ވަނަ އަހަރު މިނިޓް މެއިޑް ޕަލްޕީގެ ނަމުގައި ޖޫހެއް ނެރެފައިވެ އެވެ. އަދި ރާއްޖޭގެ ކޮމިއުނިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގައި ވެސް ކޯކު ކުންފުނި ބައިވެރިވެ އެވެ.