ރައީސް އަބްދުﷲ ޔާމީން

އިދިކޮޅުން ރައީސް ސޯލިހާ ބައްދަލުކުރަނީ

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލްކުރެއްވުމަށް ނިންމަވައިފި އެވެ.

އިދިކޮޅު ޕާޓީތަކުގެ އެދުމަކަށް ރައީސް ސޯލިހް މިއަދު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ބައްދަލްކޮށްލަން އެދިވަޑައިގަތުމުން ރައީސް ސޯލިހް އެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލްވުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ސޯލިހާ ބައްދަލްކުރުމުގެ މައިގަނޑު ބޭނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތާއިމެދު އޮތް ކަންބޮޑުވުން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލްވުމުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިދިިކޮޅުން ރައީސް ސޯލިހާ ބައްދަލްކުރުމަށް ނިންމާފައިވާއިރު، ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިން ގޭ ބަންދަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"އަނިޔާވެރި ހުކުމާއި ދެކޮޅަށް" މިނަމުގައި ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ކިތަންމެ ބިރެއް ދެއްކިނަމަވެސް ރައީސް ޔާމީންގެ ހައްގުގައި ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމަށާ އިއްވީ ސިޔާސީ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔެވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށާ ވަރަށް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމަށްފަހު ރައީސް ސޯލިހަށް އެ މަންޒަރު ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، ގިނަވެގެން ޖެނުއަރީ ހައެއްގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. އިރާދަ ކުރެއްވިއްޔާ ޖެނުއަރީ ހައެއްގެ ކުރިން އަޅުގަނޑުމެން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. ތިބޭފުޅުން ކުރިއަށް އޮތް، މިއަދުން ފެށިގެން އެއްމަސްދުވަހު އަޅުގަނޑުމެންނާއެކު، އަޅުގަނޑުމެންގެ ހަރަކާތްތަކުގައި، ދުވާލު ގޮވާލިނަމަވެސް، ރޭގަނޑު ގޮވާލިނަމަވެސް، ދަންވަރު ގޮވާލިނަމަވެސް އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކާނަން ރައީސް ޔާމީން މިނިވަންކޮށްފައި." މެންބަރު ޝިޔާމް ވިދާޅުވިއެވެ.