އިދިކޮޅު ފަރާތްތައް

އިދިކޮޅުން ރައީސާ ބައްދަލުކޮށްފި، ތަފްސީލެއް ނުދިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލްވުމުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލްވުމުގައި އެ ބޭފުޅުން ރައީސް ސޯލިހާ ކުރެއްވި މަޝްވަރާތަކުގެ ތަފްސީލެއް މީޑިއާއާއި ހިއްސާއެއް ނުކުރެވިއެވެ. އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ވަނީ ބައްދަލްވުން ނިންމަވާލެއްވުމަށްފަހު ރައީސް އޮފީހުން ނިކުމެވަޑައިގެންފައެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ މިއަދުގެ ބައްދަލްވުމަކީ “ސިއްރު” ބައްދަލްވުމެއް ކަމަށެވެ.

ރައީސް އޮފީހުގެ ތަރްޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހް އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި މިއަދު ބައްދަލްކުރައްވާފައިވާ ކަމަށެވެ. ބައްދަލްވުމުގެ ތަފްސީލް ނުދެއްވާ ހޫދު ވިދާޅުވީ އެއީ ރައީސް ސޯލިހް އެ ބޭފުޅުންނާއި ބައްދަލްކުރެއްވީ އިދިކޮޅުން އެދިގެން ކަމަށެވެ.

"އެ ބޭފުޅުން [އިދިކޮޅު ޕާޓީ] އެދިގެން ރައީސް ބައްދަލްކުރެއްވީ. ބައްދަލްވުމަށްފަހު މިހާރު އެ ބޭފުޅުން ވަޑައިގެންފި." ހޫދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލްވުމުގައި ބައިވެރިވެފައިވަނީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ގައްސާން މައުމޫނާއި، އަހުމަދު ޝިޔާމް، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ދެ ނާއިބް ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި، މުހައްމަދު ނިމާލްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.

ރައީސް ސޯލިހާ ބައްދަލްކުރުމުގެ މައިގަނޑު ބޭނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލަތާއިމެދު އޮތް ކަންބޮޑުވުން ކަމަށް އަވަސްއާ ވާހަކަދެއްކެވި ޕީޕީއެމްގެ އިސް ބޭފުޅަކު ކުރިން ވިދާޅުވިއެވެ.

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިން ގޭ ބަންދަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"އަނިޔާވެރި ހުކުމާއި ދެކޮޅަށް" މިނަމުގައި ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ކިތަންމެ ބިރެއް ދެއްކިނަމަވެސް ރައީސް ޔާމީންގެ ހައްގުގައި ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމަށާ އިއްވީ ސިޔާސީ ހުކުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔެވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށާ ވަރަށް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ޔާމީން މިނިވަންކުރުމަށްފަހު ރައީސް ސޯލިހަށް އެ މަންޒަރު ދައްކާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، ގިނަވެގެން ޖެނުއަރީ ހައެއްގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. އިރާދަ ކުރެއްވިއްޔާ ޖެނުއަރީ ހައެއްގެ ކުރިން އަޅުގަނޑުމެން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން. ތިބޭފުޅުން ކުރިއަށް އޮތް، މިއަދުން ފެށިގެން އެއްމަސްދުވަހު އަޅުގަނޑުމެންނާއެކު، އަޅުގަނޑުމެންގެ ހަރަކާތްތަކުގައި، ދުވާލު ގޮވާލިނަމަވެސް، ރޭގަނޑު ގޮވާލިނަމަވެސް، ދަންވަރު ގޮވާލިނަމަވެސް އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކާނަން ރައީސް ޔާމީން މިނިވަންކޮށްފައި." މެންބަރު ޝިޔާމް ވިދާޅުވިއެވެ.