ހުސައިން ޝަމީމް

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރައްވައިފި

ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމަށް، ހެންވޭރު ހިޔާކަން، ހުސައިން ޝަމީމު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވާސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ ގެ ދާއިރާއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަމީމަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު އަޒްމިރާލްދާ ޒާހިރެވެ.

ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ޕީޖީއަކަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޝަމީމަކީ ޕީޖީގެ އޮފީހުގައި އެންމެ ފުރަތަމަ ދުވަސްވަރު މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވި އެވެ. އަމިއްލަ ގޮތުން ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ގިނަ މައްސަލަތަކުގައި ޝަމީމް ވަނީ ވަކާލާތު ކުރައްވަައިފަ އެވެ.

މިދިޔަ ސަރުކާރުގައި ދައުވާތައް އުފުލުނު ސިޔާސީ ބައެއް ބޭފުލުންގެ ވަކީލެއްގެ ގޮތުގައި ވެސް އޭނާ އުޅުއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަަދި އެ ދުވަސްވަރު ތިން ފަހަރެއްގެ މަތިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.

ޝަމީމަށް ޕީޖީއަކަށް އައްުޔަން ކުރުމުން އޭނާ ވެގެން ގޮސްފައިވަނީ ޕީޖީގެ މަގާމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ ގާނޫނީ ވަކީލު އަހުމަދު މުއިއްޒެވެ. ދެން އެ މަގާމު ފުރުއްވީ ގާޒީކަން ވެސް ކުރެއްވި މުހުތާޒު މުހުސިނެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.