ހަބަރު

ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމުގެ ގާނޫނު ތަސްދީގުކޮށްފި

ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ނުވަތަ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ޕެސްޓްސައިޑް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ބިލް މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ. މި ބިލު ރައްިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ނޮވެމަބރު މަހުގެ 27 ވަނަ ދުވަހު އެވެ.

ސަރުކާރުން ބުނީ މި ގާނޫނު ތަސްދީގު ކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި ކަމަށެވެ. އަދި ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، އުފެއްދުމާއި، އިމްޕޯޓުކުރުމާއި، އެކްސްޕޯޓުކުރުމާއި ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ އަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެންނާތީ ކަމަށެވެ.

ގާނޫނުގައި ބުނެފައިވަނީ ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، ފިޝަރީސް މިނިސްޓްރީގައި ގާއިމްކުރެވި، އެ ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެ ކަމަށެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރަޓަރީތައް ގާއިމްކުރެވިގެންދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓާކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެ ކަމަށާއި، މި ގާނޫނާއި ހިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5،000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.