ވިޔަފާރި

ވިޔަފާރިތަކުން ނަގާ ލޯނަށް ގެރެންޓީ ދެވޭނެ ފަންޑެއް އެމްއެމްއޭގައި ހަދައިފި

Aug 24, 2015

ލޯނަށް ގެރެންޓީ ދޭ ކްރެޑިޓް ގެރެންޓީ ސްކީމް ފެއްޓުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ސެލްއެއް ގާއިމްކޮށްފައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި "ފަސޭހަ މަދަދު" ފައިނޭންސް ސްކީމް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިކޮނޮމިކް ކައުންސިލުގެ އިސްނެގުމަކަށް ފައްޓާ މި ސްކީމްގެ ފެށުމަށް އެމްއެމްއޭއާއެކު ގިނަ މަސައްކަތްކެއް ކުރެވިފައިވާ ކަމަށެވެ.

"އޭޝިއަން ޑިވްޕޮލްމަންޓް ބޭންކުގެ އެހީގައި މި ކަމާ ބެހޭ ފަންނީ ބޭފުޅެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ގެނެވި މި ދަނީ ކްރެޑިޓް ގެރެންޓީ ސްކީމް އެމްއެމްއޭގައި ގާއިމް ކުރެވިގެން. މިކަމަށް ބޭނުންވާ އޮޕަރޭޝަނަލް މެނުއަލްއެއް މިހާރު ތައްޔާރު ކުރެވިއްޖެ،" ސައީދު ވިދާޅުވި އެވެ.

ކްރެޓިޑް ގެރެންޓީ ސްކީމަކީ ކުދި ވިޔަފާރިތަކުން ނަގާ ލޯނުގެ ރަހުނަށް ގެރެންޓީ ދޭނެ ސްކީމެކެވެ. މި ސްކީމްގެ ލިޔުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެމްއެމްއޭއަށް ރޭ ވަނީ ހަވާލުކޮށްފަ އެވެ. މި ލިޔުމާ އެމްއެމްއޭގެ ފަރާތުން ހަވާލުވީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.

ސައީދު ވިދާޅުވި ގޮތުގައި އެމްއެމްއޭގައި ގާއިމްކޮށްފައިވާ މި ސެލްއަށް މިވަގުތު ހަމައެކަނި މަދުވަނީ ފަންޑެވެ.

"އެސްއެމްއީ ގާނޫނުގައި އަޅުގަނޑުމެންނަށް އެބަދޭ 50 މިލިއަން ރުފިޔާ އަހަރަކު. އަޅުގަނޑު ބޭނުންވަނީ ރައީސްގެ ލަފާފުޅާ އިކޮނޮމިކް ކައުންސިލް އަދި ފިނޭންސް މިނިސްޓްރީގެ އިޒުނައާއެކު އެސްއެމްއީ ފަންޑުން ބައެއް މީގެ ތެރެއަށް ލުމަށް. މީގެ އިތުރުން ޕްރައިވެޓް އިކުއިޓީ ވެސް މި ސްކީމްގެ ތެރެއަށް އިންޖެކްޓްކުރަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސްކީމްގެ ކަންތަކުގައި ކުރިއަށްދާނެ ސްޓާފުން ވެސް ގަވަރުނަރު އަޒީމާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"މިއީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ގެނެސްދެއްވި އުފާވެރި ހަބަރެއް،" ސައީދު ވިދާޅުވި އެވެ.