ލައިފްސްޓައިލް

ކަރީނާ ސައިފްދެކެ ލޯބިވާކަން ފުރަތަމަ އެނގުނީ އަކްޝޭ އަށް

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ލޯބީގެ ވާހަކަ އަކީ ބޮލީވުޑް ދެ މީހެއްގެ މެދުގައި ހިނގި އެންމެ ރޮމެންޓިކް ލޯތްބެވެ. މި ދެ ތަރިން އެކުގައި ފުރަތަމަ މަސައްކަތްކުރީ 2008 ގައި ރިލީޒްކުރި "ތަޝަން" ގައެވެ. މި ފިލްމުގައި ސައިފް އާއި ކަރީނާގެ އިތުރުން އަކްޝޭ ކުމާރާއި އަނިލް ކަޕޫރު ވެސް ބައިވެރި ވެފައި ވެއެވެ.

ސައިފް އާއި ކަރީނާ ވެސް އެކަކު އަނެކަކާ ގަޔާވެ ލޯބިވެވުނީ މި ފިލްމުގައި މަސައްކަތް ކުރި ދުވަސްވަރު އެވެ. ނަމަވެސް އެ މީހުން މިކަން މުޅި ދުނިޔެއަށް ސިއްރުކޮށްގެން ވަރަށް ގިނަ ދުވަހު ތިއްބެވެ.

މި ދެ ތަރިންގެ ތެރެއިން ފުރަތަމަ ލޯބި ހުށަހެޅީ ކާކުތޯ އާއި އެމީހުންގެ ލޯބީގެ ވާހަކައިގެ ތަފްސީލު އެ މީހުންގެ ފޭނުން ތިބީ ވަރަށް އަޑުއަހާ ހިތުންނެވެ.

ދާދިފަހުން ކަރީނާ އާއި އަކްޝޭ ބައިވެރިވި އެޗްޓީ ސަމިޓް އިވެންޓުގައި ކަރީނާ ވަނީ މި ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބު ދީފަ އެވެ. ކަރީނާ ބުނި ގޮތުގައި އޭނާގެ ހިތުން ސައިފް އަށް ޚާއްސަ މަގާމެއް ދެވިފައިވާކަން އެންމެ ފުރަތަމަ ދެނެގަތީ އަކްޝޭ އެވެ. އަދި އެމީހުން ރައްޓެހިވީ ފަހުން ވެސް އެކަން ސިއްރެއްގެ ގޮތުގައި އަކްޝޭ ބޭއްވި އެވެ. އެހެންވެ އޭނާ ދެކެނީ އަކްޝޭ އަކީ ވަރަށް ރަނގަޅު އެކުވެރިއެއްގެ ގޮތުގަ އެވެ.

ކަރީނާ އާއި ސައިފް ރައްޓެހިވީއިރު ކަރީނާ އުޅެނީ ޝާހިދު ކަޕޫރާ ވެސް ރައްޓެހިވެގެން ކަމަށް ވަރަށް ގިނަ ފިލްމީ މަޖައްލާތަކުން އެ ދުވަސްވަރު ބުނެފައި ވެއެވެ. އަދި ޝާހިދު އަށް ބޭވަފާތެރިވުމަށްފަހު ޝާހިދު އާ ރުޅިވީ ކަރީނާ އަމިއްލައަށް ކަމަށް ވެސް އޭރު ޝާއިއު ކުރެވުނުބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ދިގު މުއްދަތަކަށް ފަހު އަނެއްކާވެސް އަކްޝޭ އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ވެސް ކަރީނާ ބުންޏެވެ. މި ދެ ތަރިންގެ "ގުޑް ނިއުޒް" މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.