ލައިފްސްޓައިލް

ޑައިރެކްޓަރަކަށް ވެއްޖިއްޔާ އެކަނިވެ ދެރަވާނެ: ޝާހްރުކް ޚާން

ފިލްމީ ތަރިއެއްގެ ގޮތުގައި ޝާހްރުކް ޚާނަކީ އުފާވެރި އަދި ހިތްހަމަޖެހިފައިވާ މީހެކެވެ. ނަމަވެސް ޑައިރެކްޓަރަކަށް ވެއްޖެނަމަ އޭނާގެ އުފާވެރިކަން ގެއްލި އެކަނިވެރިވެދާނެކަމަށް ޝާހްރުކް ގަބޫލު ކުރެ އެވެ. ޝާހްރުކް، 54، ގަބޫލުކުރާ ގޮތުގައި ޑައިރެކްޓްކުރުމަކީ އެންމެ އެކަނިވެރިކަން އިހްސާސްވާ މަސައްކަތެވެ.

"ޑައިރެކްޓަރަކަށް ވެއްޖިއްޔާ އެންމެންގެ މައްޗަށް އަމުރުކުރާ މީހަކަށް ހުންނާނީ. ފިލްމު އުފެއްދުމުގެ ޒިންމާ ނަގާނީ އޭނަ. އެކްޓަރުން ކައިރީގައި އެކްޓް ކުރާނެ ގޮތް ކިޔައިދޭނީ ވެސް އޭނަ. އަދި ޑައިލޮގާއި ސްކްރިޕްޓް ޚިޔާރުކުރުމަކީ ވެސް އޭނާގެ ޒިންމާއެއް. އެވަރަކުން ވެސް ނުނިމޭނެ. ބެލުންތެރިންނަށް ފިލްމު ވިއްކުމާއި ތިއޭޓަރުތަކަށް ގޮސް ބެލުންތެރިންގެ ހަރަކާތްތައް ހުންނަ ގޮތް ބެލުމާއި އަނދިރި ކޮޓަރީގައި އިނދެގެން އެޑިޓް ކުރުމަކީ ވެސް ޑައިރެކްޓަރުން ކުރަން ޖެހޭ ކަންތައްތައް. ފިލްމު ރިލީޒްވާއިރު އެ ފިލްމެއްގެ ކާމިޔާބާއި ނާކާމިޔާބީ ވެސް ކޮނޑުގައި އަޅަން ޖެހޭނީ ހަމަ ޑައިރެކްޓަރު. އެހެންވެ މި ހުރިހާ ކަމެއް އެކަނި ކުރަން ޖެހޭތީ އަހަންނަށް ހީވަނީ ޑައިރެކްޓަރެއްގެ ވަޒީފާ އަކީ ވަރަށް އެކަނިވެރި ވަޒީފާއެކޭ،" އިންޑިއާގެ ފިލްމީ މަޖައްލާ އަކަށް ދިން އިންޓަވިއު އެއްގައި ޝާހްރުކް ބުންޏެވެ.

ނަމަވެސް ޝާހްރުކް އަކީ ހޮލީވުޑް މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޮލާންގެ ފޭނަކަށް ވާތީ އެކްޝަން ފިލްމެއް ޑައިރެކްޓްކުރާ ހިތް އޭނާ ވަރަށް ވެއެވެ.

އެކަމަކު އެހާ ހިތްވަރު އޭނާގެ ހުރި ކަމެއް ހުދު ޝާހްރުކް އަކަށް ވެސް ޔަގީނެއް ނޫނެވެ.

"އަހަންނަކަށް ނޭނގޭ އޯކޭ ބުނަންވީ ކޮންއިރަކު ކަމެއް ވެސް. ރޯލް، ކެމެރާ، އެކްޝަން، ކަޓް، އޯކޭ މިއީ ޑައިރެކްޓަރަކު ބުނަން ޖެހޭ ބަސްތަކަށް ވާއިރު އޯކޭ ބުނަންވީ އިރެއް ނޭނގުމަކީ މައްސަލައެއްނު. އަހަންނަށް އަބަދުވެސް ހީވާނީ އަދި އެއަށް ވުރެ ވެސް އެމަންޒަރެއް ރަނގަޅު ކުރެވިދާނޭ. އަބަދުވެސް ހުންނާނީ ޝައްކެއްގެ މަތީ. އެހެންވެ ޑައިރެކްޓަރަކަށް ވުމުގައި އަހަރެން ތަންކޮޅެއް ފިކުރު ތަފާތުވެގެން މިއުޅެނީ،" ޝާހްރުކް ބުންޏެވެ.

ފިލްމީ މަސައްކަތާ ދުރުގައި މާ ގިނަ ދުވަހު ހުރުމާ ބެހޭ ގޮތުން ޝާހްރުކް ބުނީ ކުޅެންވީ ފިލްމެއް ނިންމަން ވަގުތު ނަގަނީ ކަމަށާއި ސަބަބަކީ އޭނާގެ ފަހުގެ ފިލްމުތައް ފެއިލްވެފައިވާތީ އިތުރު ފިލްމެއް ފެއިލްވުމަކީ އޭނާގެ ކެރިއަރުގައި ނިމުމުގެ ސިއްކަ ޖެހުން ފަދަ ކަމަކަށް ވާނެތީ ކަމަށެވެ.

ޝާހްރުކްގެ އެންމެ ފަހު ދެ ފިލްމް "ޖަބް ހެރީ މެޓް ސޭޖަލް" އާއި "ޒީރޯ" ކުޅުނުއިރު އޭނާ ހީކުރީ އެއީ ވަރަށް މޮޅު އަދި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމުތަކެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވުމުން ދެން ޚިޔާރުކުރާނެ ފިލްމަކާ މެދު އޭނާ ހުރީ ކުޑަކޮށް އޮޅުންއަރާފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި ކޮން ފިލްމެއްކަން ހިނގާނީ އަދި ކޮން ފިލްމެއްކަން ނުހިނގާނީ ބުނާކަށް އެކަކަށް ވެސް ނޭނގެ އެވެ. ކުޅޭނެ ވަކި ފިލްމެއް ނުނިންމި ލަސްވަނީ މި ސަބަބުތަކާ ހެދި އެވެ.

ޝާހްރުކް ޑައިރެކްޓަރަކަށް ނުވިޔަސް އޭނާގެ ފިރިހެން ދަރިފުޅު މިހާރު އެމެރިކާގައި ކިޔަވަމުންދަނީ ފިލްމު އުފެއްދުމުގެ ރޮނގުންނެވެ. އެހެންވެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓަރެއްގެ ގޮތުގައި ފެނުމުގެ އުންމީދު ޝާހްރުކްގެ ފޭނުންނަށް އެބައޮތެވެ.