ރައީސް މުހައްމަދު ނަޝީދު

ޑިމޮކްރަސީ ގެންނަން ހިތްވަރު ލިބުނީ ގާންދީ ދެއްކެވި މިސާލުން: ނަޝީދު

ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ދިވެހި ޒުވާނުންގެ ޖީލެއް ތެދުވެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖެއަށް ގެންނަން ކުރި މަސައްކަތަށް ހިތްވަރު ލިބިގަތީ އިންޑިއާގެ މިނިވަން ކަމުގެ ބަތަލު ކަމުގައިވާ މަހަތުމާ ގާންދީގެ ހަޔާތުގައި ދެއްކެވި މިސާލުތަކުން ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާއަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި މަގްބަރާއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ފޮތުގައި ނަޝީދު ވަނީ ގާންދީއާ ގުޅޭ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ލިޔުއްވައިފަ އެވެ.

މެހެމާނުންގެ ފޮތުގައި ނަޝީދު ލިޔުއްވި ގޮތުގައި ގާންދީގެ އުސޫލުތަކާއި އަމަލުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވެސް މިނިވަން ކަމާއި ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ލިބޭ ކަމަށާއި ވަކިން ހާއްސަކޮށް ރާއްޖެއަށް އެއިން ހިތްވަރު ލިބިފައިވާ ކަމަށެވެ.

"ގާންދީޖީ އަވަހާރަވިތާ އެތައް ޒަމާންތަކެއް ފަހުން ވެސް އެމަނިކުފާނުގެ ހަޔާތުން ހިތްވަރު ލިބިގަނެގެން ދިވެހި ޒުވާނުންގެ ޖީލެއް ވެސް މި ވަނީ ތެދުވެ އަދި އެ މީހުންގެ ގައުމު މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމަކުން ހިންގާ މިނިވަން ގައުމަކަށް ބަދަލުކޮށްފައި، އަދި އެ ގޮތުގެ މަތީގައި މިއަދާ ހަމައަށް ހިފެހެއްޓިފައި ވަނީ ވެސް ގާންދީޖީގެ ހަޔާތުން ހިތްވަރު ލިބިގެން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މެހެމާނުންގެ ފޮތުގައި ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ސަފްހާގެ ފޮޓޯއަކާއެކު އެމަނިކުފާނު ކުރެއްވި ޓްވީޓް

ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތަމްސީލުވާ ގޮތަށް އެ މަޖިލީހުގެ މެންބަރުންތަކަކާއެކު ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްސަބާއާއެކު ރާއްޖޭގެ މަޖިލީހުން ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރަން ކުރައްވާ ދަތުފުޅެކެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އަމީންއާންމު ފާތިމަތު ނިއުޝާއާއި ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވާ އެ ދަތުރުފުޅު ނިންމަލައްވައި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ގާއިމު ކުރާ އެއްބަސްވުމުގައި މަޖިލީހުން ސޮއި ކުރުމަށް މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި ވަނީ 68 މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ.