ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާ ހުކުމެއް އައުމުން ދައުލަތުން ދޭ އިނާޔަތާއި ރައްކާތެރިކަން އިޔާދަކޮށް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ނުލިބޭ އިސްލާހް ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމުން ދައުލަތުން ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ވަކި މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލުމަށް އޮތް އޮތުން، ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ.
ކުރިން އެ ގަނާނޫގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.
ނަމަވެސް ފަހުން މަޖިލީހުން ވަނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ލިބެން ފަށާ ގޮތަށް ނިންމާފައެވެ.
އެ އިސްލާހު ޑިސެންބަރު ދެވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް ދެ މެންބަރުން ވަނީ ވޯޓު ދީފަ އެވެ.
ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހުކޮށްފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނި ކޮށެވެ.
އިސްތިއުނާފު ކޯޓުތަކުން އެހެން ގޮތަކަށް ބަދަލުނުކުރާ ހިނދު، ރައީސް ޔާމީނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަން ދެން ލިބޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.