ހަބަރު

މޮރޮކޯގެ ބޮޑުވަޒީރު، ޝާހިދަށް ދެއްވި ހަދިޔާއެއްގެ މައްސަލަ އޭސީސީއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯ އަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ހަދިޔާ ކުރެއްވި ކާޕެޓެއް ގެއަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އޭސީސީގެ އޮފިޝަލަކު އަވަސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޝާހިދު މޮރޮކޯއަށް ވަޑައިގެންނެވުމުން ހަދިޔާއެއްގެ ގޮތުގައި ދެއްވާފައިވާ އަގުބޮޑު ކާޕެޓެއް އެމަނިކުފާނު ގެއަށް ގެންދެވި މައްސަލައެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުން ކަމަށާއި މި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ރަސްމީ ދަތުރުފުޅުތަކުގައި އެކި ގައުމުތަކުން ހަދިޔާ ކުރައްވާ ތަކެތި ދައުލަތާއި ހަވާލުކުރުމަށް ގާނޫނުގައި ބުނެ އެވެ. އަދި މިފަދަ ގޮތަކަށް ލިބޭ ތަކެތި ދައުލަތާ ހަވާލު ނުކޮށްފިނަމަ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅޭނެ އެވެ.