ބައިނަލްއަގުވާމީ ގުޅުންތައް

ޝާހިދު މޮރޮކޯގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯގެ ބޮޑުވަޒީރު، ޑރ. ސައަދުލްދީން އަލް އުސްމާނީއާ ބައްދަލު ކުރައްވައިފި އެވެ.

މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކުރައްވާފަ އެވެ.

މީގެ އިތުރުން މޮރޮކޯއަށް ކުރައްވަމުން ގެންދަވާ އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި މިނިސްޓަރ ޝާހިދު ވަނީ މޮރޮކޯގެ ބޮޑުވަޒީރަށް ދެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ޝާހިދާއެކު ބޮޑުވަޒީރު ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުން ވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން، ދެ ގައުމުގެ ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާއާއި، އިގްތިސޯދީ ދާއިރާއާއި، ތަރިކައިގެ ދާއިރާއާއި، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، މަތީ ތައުލީމުގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ހިމެނޭ ކަމަށެވެ.