އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި އެތައް ހަރުފަތެއް މައްޗަށް ރާއްޖެ ޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓުގައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެ ހޯދި ކުރިއެރުންތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތާއި ތަރައްގީގެ މަސައްކަތުން ލިބުނު ކުރިއެރުން ކަމަށެވެ.
ރާއްޖޭގައި ކުރާ ވަގު ވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، އިންސާފު ގާއިމު ކުރުމުގެ އިތުރުން މި ޖީލަށް ބޭނުންވާ ރައްކާތެރިކަން ހޯދައި ދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.
ވިދާޅުވީ، އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގައުމުތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒް ކުރަން މަސައްކަތް ކުރާ ކަމަށާއި، އިގްތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކޮށްފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އިގެ މި ދަނޑިވަޅުން އަރައިގަތުމަށް އދ. ގެ ޗާޓަރުގައި ކަށަވަރު ކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލު ވުމަށް ގޮވާލައްވައި މިނިސްޓަރު ވިދާޅުވީ، ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ނުކޮށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ކަމަށެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ބައްދަލުވުން ފެށީ އިއްޔެ އެވެ. އެ ބައްދަލުވުން އަންނަ މާޗް މަހުގެ 23 ވަނަ ދުވަހަށް އޮންނާނެ އެވެ.