މޮރޮކޯގެ ބޮޑުވަޒީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަދިޔާ ކުރެއްވި ކާޕެޓް މިނިސްޓަރު ޝާހިދު ގެއަށް ނުގެންދަވާ ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.
މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަދިޔާ ކުރެއްވި ކާޕެޓް މިނިސްޓަރު ޝާހިދު ގެއަށް ގެންދެވި ކަމަށް އަމިއްލަ ފަރާތަކުން މިއަދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހަޅާފަ އެވެ. އޭސީސީއިން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން އަވަސްއަށް ވިދާޅުވީ މޮރޮކޯއިން ހަދިޔާ ކުރެއްވި ކާޕެޓް މި ވަގުތު ވެސް ފޮރިން މިނިސްޓްރީގައި އެބަ އޮތް ކަމަށެވެ. އެ ކާޕެޓް މިނިސްޓަރު އެއްވެސް އިރެއްގައި އަމިއްލަ ގެއަށް ގެންގޮސްފައިނުވާ ކަމަށެވެ.
މިފަދަ ދަތުރުތަކުގައި ދޭދޭ ގައުމުތަކުން ހަދިޔާ ބަދަލު ކުރުމަކީ ޕްރޮޓޮކޯލްގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މި ކާޕެޓަކީ ވެސް އެގޮތުގެ މަތިން މޮރޮކޯއިން ދީފައިވާ ހަދިޔާއެއްކަން މިއުވާން ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިގޮތަށް ދަތުރުތަކުގައި ލިބޭ ތަކެތި ބަހައްޓަނީ ފޮރިން މިނިސްޓްރީގަ އެވެ. އަދި އެ ތަކެތި ބޭނުން ކުރަނީ ދައުލަތުގެ އެކި ބޭނުންތަކަށެވެ. ރަސްމީ ދަތުރުފުޅުތަކުގައި އެކި ގައުމުތަކުން ހަދިޔާ ކުރައްވާ ތަކެތި ދައުލަތާއި ހަވާލުކުރުމަށް ގާނޫނުގައި ބުނެ އެވެ. އަދި މިފަދަ ގޮތަކަށް ލިބޭ ތަކެތި ދައުލަތާ ހަވާލު ނުކޮށްފިނަމަ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅޭނެ އެވެ.
ފޮރިން މިނިސްޓްރީއިން އަމިއްލަ ފަރާތަކުން ކުރި ތުހުމަތު ދޮގުކޮށްފައިވާއިރު ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.