ފޮޓޯ އިން އެ ފެންނަނީ އެއްގޮތަކަށް ވެސް ބްރުސް ލީއެއް ނޫނެވެ. މިއީ މާޝަލް އާޓްސްގެ ލެޖެންޑް، ބްރުސް ލީގެ ފިޔަވަޅު މަތިން ހިނގަމުން އަންނަ އަފްޣާނިސްތާނުގެ 20 އަހަރުގެ ޒުވާނެކެވެ.
އަބްދުލްފާޒަލް އައްބާސް ޝަކޫރީ އަކީ އޭނާގެ ފުރިހަމަ ނަން ކަމުގައިވިޔަސް އެންމެން ވެސް އޭނާ ދަންނަނީ ބްރުސް ހަޒާރާގެ ގޮތުގަ އެވެ. ނުވަތަ އަފްޣާނިސްތާނުގެ ބްރުސް ލީގެ ގޮތުގަ އެވެ.
ފެންނަ ފެނުމަށް އަބްދުލްފަޒާލް ހަމައެކަނި ބްރުސް ލީއާ ސިފައިން ވައްތަރީކީއެއް ނޫނެވެ. އޭނާ ފުންމައި ކިކު ޖަހަނީ ވެސް ބްރުސް ލީ ފަދައިންނެވެ. މާޝަލް އާޓްސްގެ އާދަޔާހިލާފު އުކުޅުތަކަށް ވެސް އެހާމެ ފަރިތަ އެވެ.
އޭނާގެ މި ހާއްސަ ސިފަތަކާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ އިންޓަނެޓާއި ސޯޝަލް މީޑިއާގައި ވެސް މަގްބޫލު މޫނަކަށް ބަދަލުވެފަ އެވެ. ޝަކޫރީ ބުނަނީ އޭނާ އަކީ ބްރުސް ލީގެ ފިލްމުތައް ބަލަމުން ބޮޑުވި ޒުވާނެއް ކަމަށާއި އޭނާގެ ސްޓައިލް ދަސްކުރީ އެގޮތަށް ފިލްމުތައް ބަލައިގެން އަމިއްލަ އަށް ކަމަށެވެ.
އެކަމަކު ބައެއް މީހުންނަށް އޭނާގެ މި ވާހަކަ ގަބޫލުކުރަން ވެސް ދައްޗެވެ.
"ބައެއް މީހުން ހީކުރަނީ ބްރުސް ލީއާ އަހަރެން ވައްތަރު ގޮތެއް ހުންނަނީ ފޮޓޯޝޮޕްކޮށްގެން ހަދާފައިވާ ގޮތަކުން ކަމަށް. ބައެއް މީހުން ބުނޭ ތިއީ ފޮޓޯޝޮޕްކޮށްފައިވާ ފޮޓޯތަކޭ ވެސް. ދެން އެ މީހުން ބޭނުން ވަނީ އަހަންނާ އަސްލަށް ބައްދަލުކުރަން،" ވައިރަލް ވެގެން ދިޔަ ފޮޓޯތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޝަކުރީ ބުންޏެވެ.
މިހާރު އޭނާ ދަނީ މާޝަލް އާޓްސް އިން ޕްރޮފެޝަނަލް ޓްރެއިނިން ވެސް ހަދާފައިވެ އެވެ. އެގޮތުން ޗައިނީސް މާޝަލް އާޓްސްގެ ވައްތަރެއް ކަމަށްވާ ވޫޝޫގެ ކްލާސްތަކެއް ކުރިން ނެގި ނަމަވެސް ފަހުން އޭނާގެ މި ތަމްރީނުތަކާއި މުޅި ކިޔެވުން ވެސް ވަނީ އާއިލާގެ ފަގީރުކަމާ ހެދި ކުރިއަށް ނުގެންދެވިފަ އެވެ.
ނަމަވެސް ޝަކޫރީ ހުރީ ބްރުސް ލީ އަށް ވުމުގެ ހުވަފެން ދޫކޮށްލުމުގެ ހިޔާލެއްގައެއް ނޫނެވެ. ވެރިރަށް ކާބުލްގައި މިފަހުން ބޭއްވި ވޫޝޫގެ މުބާރާތެއްގައި ވެސް އޭނާ ވަނީ އެންމެ ކުޅަދާނަ ޕާފޯމަރުންގެ ތެރޭގައި ހިމެނިފަ އެވެ.
"އަހަރެން ނުވެދާނެ ބްރުސް ލީ އަށް. އެކަމަކު މަރުވަން ދެން ވެސް އަހަރެން ކުރިއަށް ދާނީ މި ގޮތުގައި،" ޝަކޫރީ ބުނަނީ މިހެންނެވެ.