ރީކޯ މޫސާ މަނިކު

ރިޔާސަތު ވަށާ ފެންސު ޖެހުމުން ފާޑުކީ ހަނދާން އައު ކޮށްދީފި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އުސްކޮށް، ވަށައިގެން ފެންސެއް ޖެހުމުން އެކަމަށް ފާޑުކީ ބޭފުޅުންނަށް މިއަދު ބާރު ލިބިފައިވާއިރު އެކަމަށް ބަދަލު ގެނެސްފައިނުވާތީ އެ މަސައްކަތް ކުރުމުގައި އިސްކޮށް އުޅުނު ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރިޔާސަތު ކުރިޔަށް ވުރެ އުސްކޮށް، ރިޔާސަތު ވަަށައިގެން ފިލައިން ހަދާފައިވާ އުސް ފެންސެއް ޖަހާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. މަޖިލީހުގެ ޗެމްބަރަށް އެ ބަދަލު ގެނައީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އަޅައި ސިފައިން މެދުވެރިކޮށްގެން މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ދުވަސްކޮޅަކަށްފަހު އެވެ.

އެ ބަދަލާއި ގުޅިގެން އެއީ މަޖިލީހުން އިދިކޮޅުގެ އިހްތިޖާޖުގެ އަޑު ކަނޑުވާލަން ކުރި އަމަލެއްގެ ގޮތުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕީޕީއެމްގެ ބާރު ގެއްލި، ވެރިކަން ނިމި، 18 ވަނަ މަޖިލީހަށްފަހު 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން އެ ވާހަކަތަކުގެ އަޑު ވަނީ ކެނޑިފައެވެ.

އެ ހަނދާންތައް އައު ކޮށްދެމުން މޫސާ މަނިކު މިއަދު ވަނީ އެދުވަހު އެކަމާ ހިތްހަމަ ނުޖެހުނު ބޭފުޅުންނަށް މިއަދު އެކަން ރަނގަޅު ނިންމުމަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"މަޖްލިސް ރިޔާސަތުގެ ފާރު އުސްކޮއްގެން އެކަމާ ހިތްހަަމަ ނުޖެހުނު މެމްބަރުން ހަމަ އެ ފާރު އެގޮތައް ހުރެ ދައުރަކައް ފަހު ދައުރެއް! ރަނގަޅު ނިއްމުމެއްނު." މޫސަގެ ޓްވީޓްގައި ވިދާޅުވިއެވެ.