ރީކޯ މޫސާ މަނިކު

އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއް ފެށެނީތޯ މޫސަ ސުވާލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދަތި ކުރަމުންދާ ކަމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ކުރެއްވި މޫސާ މަނިކު ތުހުމަތު ކުރައްވައިފި އެވެ.

މޫސަ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ދައުރުގައި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުގައި އިންނަވައިގެން އިދިކޮޅުން ފޮނުވާ މައްސަލަތައް ތާށި ކުރައްވާ ކަމުގެ ތުހުމަތު ކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮވެ ސަރުކާރުން ފޮނުވާ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީސްތެރެއިން ދަތިކުރާ ކަމަށެވެ.

"މެޖޯރިޓީއަކީ ސަރުކާރު. އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއް ބާ؟" އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮތްކަމަށް ތުހުމަތު ކުރައްވާ މޫސަ ސުވާލު ކުރެއްވި އެވެ.

މަޖިލީހުގެ 64 ގޮނޑި ތަމްސީލް ކުރަނީ އެމްޑީޕީންނެވެ. މަޖިލީހުގެ ރައީސަކީ އެމްޑީޕީގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒަމާންވީ އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް މިފަހުން މަޖިލީހަށް ހުށައެޅޭ ގިނަ މައްސަލަތަކުގައި ގޮތް ނުނިމި ލަސް ވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި ސަރުކާރުން މަޖިލީހަށް ބިލެއް ހުށައެޅުުމުން އެ ބިލް ފާސް ކުރުމަށް ދެކޮޅު ހަދާ އެމްޑީޕީގެ ތެރެއިން އެފަދަ ބިލްތައް ހުށައަޅާތައް ފެންނަމުން ދެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ސަރުކާރުން ހުށައެޅި ބިލްތަކަށް މަޖިލީހުން އަދިވެސް ގޮތްތަކެއް ނިންމާފައެއް ނުވެއެވެ.

މީގެ އިތުރުން ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މި ވަގުތު ބޭނުންވާ އިތުރު 4.4 ބިލިއަން ރުފިޔާ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އިސްތިސްނާ ވުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމީވެސް ދެތިން ހަތަރު ޖަލްސާއަކަށްފަހު އެވެ. އެ ޖަލްސާތަކުގައި އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރާއި، ވަޒީރުންނަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފައި ވެއެވެ.