ވިޔަފާރި

އެންސިސްގެ ދަޅު މަސް ފެކްޓަރީ ރައީސް ހުޅުވައިދެއްވައިފި

އެންސިސް ފިޝަރީޒް އިން ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ގާއިމް ކުރި ދަޅު މަސް ބަންދު ކުރާ ފެކްޓަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިދެއްވައިފި އެވެ. މިއީ ރާއްޖޭގައި ހުޅުވާ ދަޅު މަސް ބަންދު ކުރާ ތިންވަނަ ފެކްޓަރީ އެވެ.

އެންސިސްގެ ފެކްޓަރީ ގާއިމް ކޮށްފައިވާ އިމާރާތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ތަން ހުޅުއްވައިދެއްވުމުގައި ރައީސް ސޯލިހާއެކު އެންސިސް ގްރޫޕްގެ ތިން ހިއްސާދާރުން ކަމުގައިވާ މުހައްމަދު ވަސީމް އިސްމާއީލް އާއި އަބްދުﷲ ސައީދު އަދި އަބްދުލް ވާހިދު ތައުފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

ފެކްޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ އެ ފެކްޓްރީ ބައްލަވާލައްވާފައެވެ. އަދި އެ ފެކްޓަރީގެ ބޭރުގައި މިފްކޯއިން މަސް ކެނޑުމުގެ މުބާރާތެއް ވެސް ބޭއްވި އެވެ. އެ މުބާރާތަކީ މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އެންސިސް އިން އަލަށް ހުޅުވި މަސް ބަންދު ކުރާ ކާރުހާނާއަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ކާރުހާނާއިން ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދު ކުރެވޭއިރު، އެއް ފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހުރެ އެވެ. އަދި އެ ތަނުގައި 100 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ.

އެންސިސްގެ ފެކްޓަރީގައި ދިވެހިންނަށް ހާއްސަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާއިރު، އޭގެ ތެރެއިން 175 ވަޒީފާ ވަނީ އެ ކުންފުނިން އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ ތަނުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން އަށް ހާއްސަކޮށް ފަސް ބުރީގެ ދެ އިމާރާތެއް ހަދާފައިވެ އެވެ.

"ޕްރީފެބް" މެޓީރިއަލް އިން ހަދާފައިވާ މި އިމާރާތް ތަކުގައި ދަޅު މަސް އުފައްދާނެ އެންމެ ފަހުގެ އާލާތްތައް ވަނީ ގާއިމްކޮށްފަ އެވެ. އެ ތަނުގައި ކަރަންޓުން މަސް ކައްކާނެ ވަސީލަތްތަކާއި ދަޅުގައި ބަންދު ކުރުމަށްފަހު އަލުން އެ ދަޅުތައް ކައްކާނެ މެޝިނަރީތައް ވެސް ހުރެ އެވެ. މީގެ ގިނަ މެޝިނަރީތަކަކީ އޮޓަމެޓިކުން މަސައްކަތް ކުރާ ތަކެއްޗެވެ.

ޔޫރަޕާއި ދުނިޔޭގެ އެކި ބާޒާރުތަކަށް މަސް ބޭރު ކުރާ ގޮތަށް ހަދާފައިވާ މި ފެކްޓްރީ ތަރައްގީ ކުރަމުން ގެންދަނީ މަސް ފިނި ކުރަން ހާއްސަ 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އެއް ހުރެ އެވެ.

މަސް ކެނޑުމަށް ފަހު އުކާލާ، ނުވަތަ މަސް މަހުން ބާކީވާ ބާވަތްތަކުގެ އުފެއްދުންތައް އުފެއްދެން ވެސް އެ ފެކްޓަރީގައި ހުރެ އެވެ. އަދި މި ފެކްޓްރީއަށް މަސް ކިރަން އަންނަ އޮޑި ފަހަރަށް ހާއްސަކޮށް 20 ދޯނި ބަނދަރުކުރެވޭ ބަނދަރެއްވެސް ހަދާފައިވެ އެވެ.