މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޮޑްކޮމްގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީ، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ގާނޫނީ ހުސްކަމެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ބްރޮޑްކޮމްގެ މެންބަރު ކަމަށް ތިން ބޭފުޅަކު މިދިޔަ ހަފްތާގައި ވަނީ އައްޔަން ކޮށްފައެވެ. އެއީ ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ އިތުރުން އަހުމަދު ގައިސް އެވެ.

ކޮމިޝަންގެ ނާއިބް ރައީސަކަށް ކުރިން ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމުމުން މީގެ ކުރިންވެސް ކޮމިޝަންގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލިއެވެ. އެ ފަހަރު ކުރިމަތިލީ މީހުންގެ ނަންތައް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވުމުން އެއްވެސް މީހަކަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ނިންމާ، އަލުން މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ވަނީ ލަފާދީފައެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ކޮމިޝަނުން މިިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ބައްދަލްވުމުގައި ބްރޯޑްކޮމް ގެ ރައީސަކަށް މަރިޔަމް ވަހީދާ އަދި ނާއިބް ރައީސަކަށް އަހުމަދު ގައިސް ވަނީ ހަމަޖައްސާފައެވެ. މަރީ، އަލީ ޔޫސުފް އަދި ގައިސްގެ އިތުރުން ދެން ތިއްބެވީ ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.