ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމަނާފައިވާ އެއް މާއްދާއަކީ އަންހެނުން ބާރުވެރިކުރުމަށް ކޯޓާއެއް ކަނޑައެޅުން ފަދަ ކަންކަމަށް މަގު ފަހިކުރުމަށް ހާއްސަކޮށްގެން ލިޔުނު މާއްދާއެއް ކަމަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ވަޒީރު ނޢޢވ އަނީސާ އަހުމަދު ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަނީސާއަށް ރައްދު ދެއްވައިފި އެވެ.
ގާސިމް އަނީސާއަށް ރައްދުދެއްވާ ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" އިފްތިތާހު ކުރުމަށް މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ގާސިމް ކުރިން ވަނީ ވިދާޅުވެފައެވެ. އެ ވާހަކަފުޅުތަކާއި ގުޅިގެން ގާސިމް އިބްރާހިމަށް ޓެގް ކުރައްވާ އަނީސާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ އަކީ އަންހެނުން ބާރުވެރިކުރުމަށް ކޯޓާއެއް ކަނޑައެޅުން ފަދަ ކަންކަމަށް މަގު ފަހިކުރުމަށް ހާއްސަކޮށްގެން ލިޔުނު މާއްދާއެއް ކަމަށެވެ.
ގާސިމް މިރޭ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ކަމަށާ ނަމަވެސް އެކަންކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް ކަމެއް ބަދަލުކުރަން ބޭނުންނަމަ އެކަމެއް ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ އަންހެނުން ބާރުވެރިކުރުވަންވީ ފުރުސަތުތައް ތަނަވަސްކޮށްދީގެން ކަމަށާ އެއީ ގާނޫނަށް ބަދަލުތައް ގެނެސްގެން ވަކި އަދަދެއްގެ ކަނޑައަޅައިގެން ނޫން ކަމަށެވެ. މިހާރުވެސް ކެނބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަދި ދައުލަތުގެ މުއައްސަސާތަކާއި، ކޯޓްތަކުގައި އަންހެނުން ތިއްބެވީ ގާނޫނުން ވަކި އަދަދެއް ކަނޑައަޅައިގެން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
އަނީސާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ހާއްސަ މަޖިލީހުގެ ޔައުމިއްޔާތައް އަލުން ބައްލަވާލައްވައިފިނަމަ އަނީސާ އެހެން ވިދާޅުނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކުރިން ދެއްކެވި ވާހަކަފުޅާ "ޗެލެންޖް" ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އިހްތިރާމްކުރާ، ވަރަށް މުރާލި ވަރަށް ކެތްތެރި ބޭފުޅެއް [އަނީސާ] އެއީ. އެހެން ނަމަވެސް މީގަ [އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބު] ބުނެފަ ހުރި އެއްޗަކާއި ކަންތައްތަކާއި ދެކެވިފައި ހުރި ވާހަކަތަކާއި ހާއްސަ މަޖިލީހުގެ ޔައުމިއްޔާ ބައްލަވާލައްވާފަ ދެން އެއްޗެއް ވިދާޅުވީމަ އަޅުގަނޑު ދަންނަވާނަން ރަނގަޅޭ.. އެހެންވީމަ އެކަމަަކާ އަޅުގަނޑާ ޗެލެންޖެއް ނުކުރެވޭނެ އެކަކަށްވެސް މި ދިވެހިރާއްޖޭގައި. އަޅުގަނޑު ވަރަށް ސާބިތުކަމާއެކީ މި ދެންނެވީ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ ލިޔެފައިވަނީ އަނީސާ އެ ވިދާޅުވި ފަދަ ވިސްނުމެއްގައި ނޫން ކަމަށެވެ.
"ކަނޑައެޅިގެން އޭގެ [ގާނޫނު އަސާސީގެ 17 ވަނަ މާއްދާ] ށ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާ މުޖްތަމައުގައި ވަކި ކަމެއް ދިމާވެގެން ވަކި ކަހަލަ ތޫފާނެއް އައިސްގެން ނުވަތަ ވަކި ކަހަލަ ހާލަތެއް ދިމާވާ ވަގުތު އެބައިމީހުންނަށް އިހްސާންތެރިކަން އަދާކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރާ ވާހަކަ. ދެން ރައްޔިތުންނަށް އޮޅުވާލަން ކޮން ވާހަކައެއް ތި ދައްކަނީ."
ގާސިމް ވިދާޅުވީ އަންހެނުންނަށް ވަކި އަދަދެއް ހާއްސަކުރުމަކީ އަންހެނުންނަށް އޮތް ފުރުސަތު ހަނިކޮށް، އަންހެނުންނަކީ ފިރިހެނުންނަށްވުރެ ނިކަމެތި ބައެއް ކަަމަށް ދޭހަ ކޮށްދޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރި ބަޔަކު އެކަންކުރީ ސިޔާސީ ވިސްނުމުގައި ކަމަށް ވިދާޅުވެ ރައްޔިތުންނަށް ކަންކަން އޮޅުވާނުލެއްވުމަށް ގޮވާލެއްވިއެވެ.
އަޅުގަނޑު ވަރަށް އިހްތިރާމްކުރާ، ވަރަށް މުރާލި ވަރަށް ކެތްތެރި ބޭފުޅެއް [އަނީސާ] އެއީ. އެހެން ނަމަވެސް މީގަ [އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބު] ބުނެފަ ހުރި އެއްޗަކާއި ކަންތައްތަކާއި ދެކެވިފައި ހުރި ވާހަކަތަކާއި ހާއްސަ މަޖިލީހުގެ ޔައުމިއްޔާ ބައްލަވާލައްވާފަ ދެން އެއްޗެއް ވިދާޅުވީމަ އަޅުގަނޑު ދަންނަވާނަން ރަނގަޅޭ.. އެހެންވީމަ އެކަމަަކާ އަޅުގަނޑާ ޗެލެންޖެއް ނުކުރެވޭނެ އެކަކަށްވެސް މި ދިވެހިރާއްޖޭގައި. އަޅުގަނޑު ވަރަށް ސާބިތުކަމާއެކީ މި ދެންނެވީގާސިމް އިބްރާހިމް | ހާއްސަ މަޖިލީހުގެ ރައީސް
ގާސިމް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަން ހިތަށްއަރާހާ ވާހަކަތަކެއް ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެމީހަކު ބޭނި ރޮނޑެއްގެ ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށް ކަމަށް ވިދާޅުވެ ގާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ "ވީ ޑޯންޓް ކެއާ އެބައުޓް ދީސް ދެއްތޯ." މިހެން ވިދާޅުވުމަށްފަހު އެވެ.
ކަނޑައެޅިގެން އޭގެ [ގާނޫނު އަސާސީގެ 17 ވަނަ މާއްދާ] ށ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާ މުޖްތަމައުގައި ވަކި ކަމެއް ދިމާވެގެން ވަކި ކަހަލަ ތޫފާނެއް އައިސްގެން ނުވަތަ ވަކި ކަހަލަ ހާލަތެއް ދިމާވާ ވަގުތު އެބައިމީހުންނަށް އިހްސާންތެރިކަން އަދާކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދުކުރާ ވާހަކަ. ދެން ރައްޔިތުންނަށް އޮޅުވާލަން ކޮން ވާހަކައެއް ތި ދައްކަނީގާސިމް އިބްރާހިމް
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ ބުނެފައިވަނީ މުޖްތަމައުގެ އާންމު ހާލަތަށްވުރެ، ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގައި ހ ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތު ކުރުމެއް ކަމުގައި ނުވާނެ ކަމަށެވެ. އެ މާއްދާގެ ހ ގައި ބުނެފައިވަނީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ނަސްލަށް، އުފަންވީ ގައުމަށް، ކުލައަށް ނުވަތަ ޖިންސަށް ނޫނީ އުމަރަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ ރަށައް ބަލާ ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
މުޖްތަމައުގެ އާންމު ހާލަތަށްވުރެ، ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެ ދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގައި ހ ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތު ކުރުމެއް ކަމުގައި ނުވާނެ އެވެ.ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ
މިމަހުގެ ހަތަރުވަނަ ދުވަހު ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއްވެސް ޖިންސަކަށް ހާއްސަކޮށްގެން ވަކި މަގާމުތަކެއް ގާނޫނަކުން ކަނޑައެޅުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ކޮންމެ މީހަކަށް އެބައޮތް ކަމަށާ އެންމެ ގިނަ ވޯޓް ހޯދަނީ ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް މަގާމުތަކަށް އައުމުގައި ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން މިހާރު ކުރަން އުޅޭ މަސައްކަތަކީ މިނިވަންކަން "ހަލާކު" ކޮށްލުމުގެ މަސައްކަތްތަކެއް ކަމަށާއި ކައުންސިލްތަކުން ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރުމުން ފިރިހެނުންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ.
ގާސިމް ވަނީ ކައުންސިލްތަކުން ވަކި އަދަދެއްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަކީ ސިޔާސީ ގޮތުން ވޯޓް ހޯދަން ބަޔަކު ކުރަން އުޅޭ ކަމެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އަދި އެމްޑީޕީއަށް އިޝާރަތް ކުރައްވާ ގާސިމް ވަނީ ފުރަތަމަ ޕާޓީތެރެއިން އަންހެނުންނަށް ފުުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން އަންހެނުންނަށް ވަކި އަދަދެއް ހަމަ އެކަނި ކައުންސިލުންތަކުން ޚާއްސަ ކުރަނީ ކީއްކުރަންތޯ ވެސް ސުވާލު ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވެސް ވަކި ގޮނޑިތަކެއް އަންހެނުންނަށް ކަނޑައަޅަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިސް ވެސް އެހެން ބާއްވަން ވީނުންތޯ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ދެ ދައުރު ފިރިހެނަކު ކޮށްފިއްޔާ، އަންހެން ބޭފުޅަކަށް ދޭން ޖެހޭނެ ނޫންތޯ. ކީއްވެގެންތޯ އެހެން ނަހަދަންވީ. ހަމަ ހަދަންވީ ނޫންތޯ. އެހެންވީމަ ކުރާ ކަންތައްތަކާއި ބުނާ ބަސްތައް ދެކޮޅު ޖެހެން ޖެހޭނެ. ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށްވިޔަސް އަންހެން ބޭފުޅުން ވެސް މި ދިވެހިރާއްޖޭގައި ތިއްބެވި އަންހެން ބޭފުޅުން އެހާ ގަމާރެއް ނޫން. މިހާރު އެބައޮތް ހުރިހާ ކައުންސިލަކަށް ވެސް 100 ޕަސެންޓް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރުވެސް. މިހާރު އެބައޮތް 100 ޕަސެންޓް، ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރު ވެސް." ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެއީ އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރި ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ އެކީ ޖިންސީ ތަފާތު ކުރުމެއް ކަމަށް ސިފަކޮށް އެ ނިންމުމަށް ފާޑުވެސް ކިޔަމުންނެވެ.