ލައިފްސްޓައިލް

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ދެކެ ވެސް ސަލްމާން ރުޅިއަތުވެއްޖެ

ސަލްމާން ޚާން އަކީ ބޮލީވުޑްގައި ވަރަށް ނުފޫޒުގަދަ އެކްޓަރެކެވެ. އަދި ސަލްމާން ބުނާ ގޮތަށް ނުހަދާ ފަންނާނުންނާ އޭނާ އާ ދެމެދު މައްސަލަ ޖެހެ އެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ފަންނާނުން ތަކަކަށް ސަލްމާންގެ ހިތްހަމަނުޖެހުމާއި ރުޅިއާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ނަމަކީ ސަލްމާންގެ "ޓައިގާ ޒިންދާ ހޭ"، "ސުލްތާން"، އަދި "ބާރަތު"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް އެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ބާރަތު" ޝޫޓްކުރަމުންދިޔަ ދުވަސްވަރު އަލީ އާއި ސަލްމާންގެ މެދުގައި ވަރަށް ހޫނު ޒުވާބުތައް ހިނގާފައި ވެއެވެ. ފިލްމުގެ ކޮންމެ މަންޒަރެއް ނަގާއިރު ސަލްމާން ގޮތްކިޔާ ހަދާތީ އަލީ ހިތްހަމަނުޖެހި އަދި ސަލްމާން ބުނާ ގޮތަށް ކަންތައް ނުކުރާތީ ދެ މީހުންގެ މެދުގައި ވަރަށް ގިނަ މައްސަލަތައް ޖެހުނު ކަމަށް ވެއެވެ. އެހެންވެ ސަލްމާން ދެން ކުޅޭ އެއްވެސް ފިލްމެއް ޑައިރެކްޓްކުރުމުގެ ފުރުސަތު އަލީ އަށް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަލީ ދެން ޑައިރެކްޓްކުރާނީ ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅޭ ފިލްމެކެވެ. އަދި "ޓައިގާ" ފްރެންޗައިސްގެ އާ ފިލްމު ޑައިރެކްޓްކުރަން ހަވާލުކުރާނެ މީހެއް ހޯދުމުގެ މަސައްކަތް ސަލްމާން ދަނި ކުރަމުންނެވެ.

ޓައިގާ ފްރެންޗައިސްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ކަބީރް ޚާނެވެ. ނަމަވެސް "ޓިއުބުލައިޓް" އުފެއްދި ދުވަސްވަރު ސަލްމާނާއި ކަބީރް އާ ދެމެދު މައްސަލަތައް ޖެހި ސަލްމާން ކަބީރް އާއެކު އިތުރަށް މަސައްކަތްކުރާ ތަނެއް ނުފެނެ އެވެ.

ސަލްމާނާ އެއްވެސް މައްސަލައެއް ޖެހިގެން އުޅޭ ކަމަކަށް އަލީ އެއްބަހެއް ނުވެ އެވެ. ވަރަށް ފަހުން ނޫސްވެރިއަކު މި ސުވާލުކުރުމުން އަލީ ބުނީ އޭނާ އާ ސަލްމާނާ ދެމެދު އެއްވެސް މައްސައެއް ނުޖެހޭ ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނަނީ މިހާރު އަލީ ދެކެ ސަލްމާން ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށާއި އޭނާއާއެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސަލްމާނާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާ ވެސް ވަނީ މައްސަލަ ޖެހިފަ އެވެ. ސަލްމާން ވަނީ ބާންސާލީގެ "އިންޝާﷲ'އިން ކުއްލިގޮތަކަށް ވަކިވެފަ އެވެ. އަދި މިކަމާ ގުޅިގެން ފިލްމު ވަނީ ފެށޭނެ ދުވަހެއް ނޭނގި ހުއްޓިފަ އެވެ.