މަޝްހޫޜު އަދި ކުޅަދާނަ ބަތަލާ އާލިއާ ބަޓް އަށް ދާދިފަހުން ބޭއްވި ސްޓާ ސްކްރީން އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ. އެވޯޑު ލިބުނީ "ގަލީ ބޯއީ"ގައި ކުޅުނު ސައިފީނާގެ ރޯލަށެވެ.
މި އެވޯޑު ލިބުމުން އާލިއާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވޯޑަށް ކިސް އެއް ދެނިކޮށް ނަގާފައިވާ ފޮޓޮއެއްވެސް ޝެއާ ކޮށްފައި ވެއެވެ.
"ސައިފީނާ. ލަވް. މި ކެރެކްޓާ ދިން ކަމަށްޓަކައި ޒޯޔާ އަޚްތަރު އަށް ޝުކުރިއްޔާ،" ފޮޓޮއާއެކު އާލިއަ ޝެއާކުރި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
އާލިއާގެ މި ޕޯސްޓާއެކު ދެން ސޯޝަލް މީޑިއާގައި ވައިރަލްވީ އެވޯޑް ހިފައިގެން އާލިއާ ދާ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.
ނަމަވެސް މިއީ އެވޯޑު ހަފުލާ ފެށުމުގެ ކުރީގެ ވީޑިއޯ އަކަށް ވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާ އާލިއާ އަށް ކުރިމަތިލާން ޖެހުނީ އެވެ.
ޕަޕަރާޒީން ނަގާފައިވާ މި ވިޑިއޯ ވައިރަލް ވުމާއެކު ގިނަ ބަޔަކު އާލިއާ އަށް މަލާމަތްކުރަމުން ބުނެފައިވަނީ މިއީ މާކުރިއްސުރެ ފިކްސް ކޮށްފައިވާ އެވޯޑެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
އަނެއްބަޔަކު ބުނަނީ ފިލްމު އިންޑަސްޓްރީއަކީ ނެޕޮޓިޒަމްގެ އިންޑަސްޓްރީއެއް ކަމަށެވެ. މާނައަކީ ވަކި ފަރާތަކަށް ޖެހިފައިވާ ތަނެއް ކަމަށެވެ.
"ވަލުދޮރޯށިން އާލިއާ ބަޓް އެވޯޑު ހިފައިގެން ނުކުމެގެން ދިޔައިރު އަދި އެވޯޑް ހަފުލާ ނުވެސް ފެށޭ،" އާލިއާ އަށް ފާޑުކީ އެހެން މީހަކު ބުނެފައި ވެއެވެ.
"މިކަހަލަ ކަންތައްތައް ފަޅާ އަރުވާލުން މުހިއްމު. އޭނާއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު އެ ލިބުނީ ސަޕޯޓިން ބައެއް ކުޅެފައިވާ ފިލްމަކުން،" ސްޓެންޗާ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮތް މި އެވޯޑު ހަފުލާގައި އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބުނީ ރަންވީރު ސިންގް އަށެވެ. ކްރިޓިކްސް ޗޮއިސް ބެސްޓް އެކްޓަރު އެވޯޑު "އާޓިކަލް 15" އިން އަޔުޝްމާން ކުރާނާ އަށް ލިބުނުއިރު އެންމެ މޮޅު ބަތަލާގެ ކްރިޓިކްސް ޗޮއިސް އެވޯޑު ލިބުނީ "ސާންޑް ކީ އާންކް" އިން ބޫމީ ޕެޑްނޭކަރް އަށާއި ތާޕްސީ ޕަންނޫ އަށެވެ.
އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ "ގަލީ ބޯއީ"އިން ޒޯޔާ އަޚްތަރެވެ. މި ކެޓަގަރީގެ ކްރިޓިކްސް ޗޮއިސް އެވޯޑު ލިބުނީ "އާޓިކަލް 15"ގެ ޑައިރެކްޓަރު އަނުބަވް ސިންހާ އަށެވެ.