ރިޕޯޓް

ޓެކްސް ނެގުން ދުނިޔޭގެ އެންމެ އުހަށް: ހިދުމަތް ސުމެއް!

ވެރިކަމަށް އައުމާއެކު އެންމެ އަވަސްވެ ގަންނަ އެއް ކަމަކީ "ޓެކްސް" އެއް ނެގުމެވެ. އިތުރު ޓެކްސް ނުނެގޭނަމަ މިހާރު ނަގާ ޓެކްސްއެއް ބޮޑު ކުރުމެވެ. ކޮންމެ ސަރުކާރެއްގެ ވެސް މައިގަނޑު ފޯކަސްއަކަށް ފުރަތަމަ ވަނީމި ކަމެވެ. މި ސަރުކާރުގެވެސް ފޯކަސް ހުރީ ހަމަ މިގޮތުގަ އެވެ. މި ސަރުކާރުން ވަނީ "އިންކަމް ޓެކްސް" ނަގައި، ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސްއަށް ބަދަލު ގެނެސްފަ އެވެ. ޓެކްސް ނެގުމުގެ ގޮތުން ބަލާނަމަ ރާއްޖެ މިހާރު މިއޮތީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކޭ އެއް ސަފުގަ އެވެ. އެކަމަކު ހިދުމަތް އޮތީ ލަދުގަންނަން ޖެހޭ ހާލަތެއްގަ އެެވެ. ދުނިޔެއާ އެއް ފެންވަރަށް ޓެކްސް ނަގާއިރު، ކިތަންމެ ދެރަވިޔަސް، ހިދުމަތް ދިނުމަށް ހަމަ ދޭނީ ސުމެކެވެ. ޓެކްސް ނެގުމުގައި ސިންގަޕޫރަށްވުރެ މައްޗަށް ރާއްޖެ ހިނގައްޖެ އެވެ. އެކަމަކު ހިދުމަތް ދިނުމުގައި ރާއްޖެ އޮތީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް، ލިސްޓުގެ އެންމެ ފަހަތު ގަނޑުގައޭ ބުނެވިދާނެ އެވެ.

"ހިދުމަތް ހަމަ އެންމެ ތަން ފުކެއް ވެސް ރަނގަޅެއް ނުވޭ. އޮފީހަށް ސިޓީއެއް ލައިގެން ޖަވާބު ލިބެނީ ހަފުތާއެއް ފަހުން. ހިދުމަތް ހޯދަން ދާ މީހާ ފޫހި ވެގެން ހަލާކުވާ ގޮތަށް ކަންތައް މި ހުންނަނީ،" އާއްމުންގެ މީހަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

މިއީ އާއްމު މީހާގެ ވާހަކަ އެވެ. އެންމެ އާދައިގެ މީހާ އަށް ވެސް އެކަށީގެންވާ ރަނގަޅު ހިދުމަތް ތަކެއް ދައުލަތުގެ އޮނިގަނޑުގެ ތެރެއިން ނުލިބޭއިރު ރާއްޖެ އަންނަ މެހުމާނުންނަށް ވެސް ޖެހެނީ ހަމަ މިހާލެވެ.

މާލެ ފައިބަން ހާލެއްގައި!

ޓޫރިސްޓުން ރާއްޖެ އަންނަނީ ބޮޑު އެއްޗެއް ޕޭކޮށްފަ އެވެ. ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލަކަށްވުމާއެކު، ރެއަކަށް 2،000 ނޫނި 3،000 ޑޮލަރު ދައްކާފަ އަންނަ މީހާ އަށް ރިސޯޓުން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބެ އެވެ. އެކަމަކު މައި އެއާޕޯޓުންނާއި ވެރިރަށް މާލެއިން ލިބެނީ ދުނިޔޭގެ އެންމެ އާދައިގެ ތަނަކުން ވެސް މިހާރު ދޭ ފެންވަރަށް ވުރެ ދަށް ހިދުމަތްތަކެވެ. ކަންކަން ރޭވިފައި އޮތީ ހަމައިން ނެއްޓިފައިވާ ގައުމުތަކެކޭ ތަފާތު ކަމެއް ނެތި އެެވެ. މާލެ އަށް އަރާ މީހުންނަށް އެންމެ ކުޑަ މިނުން މަޑުކޮށްލެވޭނެ ރަނގަޅު ތަނެއް ނެތެވެ. ވިއްސާރަ މޫސުންތަކުގައި މާލެ އަށް އަރާ މީހަކު ފޮށިގަނޑު ހިފައިގެން ތެމި ފޯވެގެން ނޫނީ ދާން ބޭނުންވާ ތަނަކަށް ދެވޭނެ ގޮތެއް ނޯވެ އެވެ. އަވި ދޭނަމަ ގަދަ ހޫނުގައި ތިބުން ނޫން އިންތިޒާމެއް ނެތެވެ. ރާއްޖެ އަންނަ ޓޫރިސްޓުން މިކަމާ ތާ އަބަދު ޝަކުވާ ކުރެ އެވެ.

ރާއްޖެ އަށް ހައި ޕްރޮފައިލް މީހުންނާއި ސުޕަ ޔޮޓް ގެންނަ މޯލްޑިވްސް އެސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (މާޔާ) ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މާލެއަށް ފައިބާ މީހުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ލިބެން ނުހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ

"ކޮންމެ މަހަކު އެތަކެއް ހާސް މީހުން މި ގެންނަނީ. އެ މީހުންގެ ފަރާތުން ޓެކްސްގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރަށް ލިބޭ. އެކަމަކު ރާއްޖޭގައި ނުހުރޭ އެ މީހުން މަޑުކޮށްލާނެ ތަނެއް. ފައިބައިގެން ފާހާނާ ކޮށްލެވޭނެ ގޮތެއް ނެތް. އެމީހުން މި ޝަކުވާ ކުރޭ. މިކަން މިގޮތުގައި އޮންނަނަމަ ކްރޫޒްލައިން ވިޔަފާރި ރާއްޖެއަށް ގެއްލުމުގެ ފުރުސަތު ބޮޑު،" އޮފިޝަލް ވިދާޅުވި އެވެ.

ހިދުމަތް ދޭނެ ރަނގަޅު އިންތިޒާމު ތަކެއް ނެތް

ވެރިރަށަށް އަރާ ޓޫރިސްޓު މީހާ އާއި އާއްމު ރައްޔިތަށް ރަނގަޅު ހިދުމަތެއް ނުދެވޭއިރު، މިލިއަނުން ޓެކްސް ދައްކާ މަހުޖަނަށް ވެސް ރާއްޖެ އިން ލިބޭނީ އެންމެ އާދައިގެ ހިދުމަތެވެ. ރާއްޖޭގައި ތަފާތު އެކި ޓެކްސް ނަގަމުން ގޮސް މިހާރު ތައްޔާރުވަނީ ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަގާށެވެ. މި ޓެކްސް 60،000ރ. އިން މަތީގެ އާމްދަނީ އެއް ލިބޭ ކޮންމެ މީހަކު ދައްކަން ޖެހެ އެވެ. އަދި މިވަރުން ނުނިމެ އެވެ. ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ސާވިސް ޗާޖްގެ ބަދަލުގައި އެ މީހުން ދަތުރު ކުރާ ކްލާހަށް ބިނާކޮށް އާ ޓެކްސްއެއް ނަގަން ދަނީ ތައްޔާރު ވަމުންނެވެ. އަންނަ އަހަރު މާޗް މަހުން ފެށިގެން ނަގަން ފަށާ، "ޑިޕާޗާ ޓެކްސް" އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގާނެ އެވެ. ބިޒްނަސް ކްލާހުންނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު ނަގާނެ އެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރެއްނަމަ 60 ޑޮލަރު ދައްކަން ޖެހޭއިރު، ޕްރައިވެޓް ޖެޓު ތަކުން އަންނަ މީހުންގެ އަތުން 120 ޑޮލަރު ނަގާނެ އެވެ.

ފުރާ މީހުންގެ އަތުންވެސް، މަތި މައްޗަށް ޓެކްސް ނެގި ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިދުމަތް ރަނގަޅެއް ނުކުރެވެ އެވެ. މައި އެއާޕޯޓު ތަރައްގީ ކުރުން "ފިނިހަކަ" ދުވެލީގައި އޮތްއިރު، ރާއްޖެ އަންނަ މީހުންނާއެކު އެތަން އޮންނަނީ ފުރި ބާރުވެފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކުހެއް ނަގާނަމަ އެއާ ވިއްދައިގެން ހިދުމަތެއް ރަނގަޅު ކޮށްދެ އެވެ. އިންކަން ޓެކްސްގެ ތުރެޝްހޯލްޑް ތަކަށް ރާއްޖެ އިން ފޯލް ވަނީ ގާތްގަނޑަކަށް 2،000 އެއްހާ މީހުންނެވެ. އަދި ރާއްޖޭގައި ނަގާ ޓެކްސް ތަކުގެ 85 ޕަސެންޓް ދެނީ 60 މީހުންނެވެ. ވީއިރު މި ފަރާތްތަކަށް ވެސް ރަނގަޅު ހިދުމަތެއް ލިބެން ޖެހެ އެވެ. ތަރުތީބުން ކަންކަން ކުރާ ގައުމުތަކުގައި އިންތިޒާމުތައް ހުންނަނީ މިގޮތަށެވެ.

ރާއްޖޭގެ ޓެކްސް ސިސްޓަމް ފުޅާވެ، އެންމެ ފުރިހަމަ އަށް ޓެކްސް ނަގާ ގައުމުތަކާ އެއް ސަފަކަށް އަތުވެއްޖެ އެވެ. އެކަމަކު ހިދުމަތް ރަނގަޅު ނުވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެހެން ގައުމުތަކުގައި ބޮޑު އަދަދު ތަކުން ޓެކްސް ދައްކާ މީހުންނަށް ދަތުރުކުރާއިރު ވަކިން ޗެކިން ކުރުމާއި މި ނޫން ވެސް ތަފާތު ފަސޭހަތައް ލިބެ އެވެ. އެކަމަކު ރާއްޖޭގައި މިކަން ވަރަށް ތަފާތެވެ.

ޓެކްސް ދައްކާ މީހާ ވީއައިޕީ ލައުންޖު ފަދަ ތަންތަން ބޭނުން ކުރާނަމަ އިތުރަށް އެ މީހެއްގެ އަތުން ފީ ނަގަ އެވެ. އާއްމުކޮށް އެތަން ބޭނުން ކުރާ މީހާއާ ތަފާތެއް ނުހުރެ އެވެ. ނަމަވެސް ފުރާ މީހުންގެ އަތުން އާ ޓެކްސްތައް ނަގާއިރު މިފަދަ ގިނަ ފަސޭހަ ތަކެއް އެ ފަރާތްތަކަށް ވެސް ދޭން ޖެހެ އެވެ.

ރާއްޖޭން ބޭރުގައި ވެސް ރިސޯޓު ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އާއްމު ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ނުލިބޭތާނގައި ރާއްޖޭގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ވެސް ފަސޭހަ ނުވާ ކަމަށެވެ.

"ރާއްޖެއަކީ ވިޔަފާރި އަށް ފަސޭހަ ގައުމަކަށް ނުހެދޭނަމަ މި ނަގާ ޓެކްސްގެ ފައިސާ ހޭދަކުރާ ގޮތާމެދު ސުވާލު އުފެދޭ. ފައިސާ ނަގައި އެ ފައިސާ އަމާނާތްތެރިކަމާއެކު އެ ބަޖެހޭ ހޭދަކުރަން. އެކަމަކު އެ ތަނެއް ނުފެނޭ. ދައުލަތުގެ އިސްރާފު އިންތިހާ އަށް މަތި. އެހެން ވެގެން ފައިސާ އަށް ވާނުވާ ނޭނގި، އޭގެ އެންމެ ރަނގަޅު މަންފާ ރައްޔިތުންނަށް ވެސް ނުލިބޭ،" ނަން ނުޖެހުމަށް ޝަތުރުކޮށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ސިސްޓަމެެއް ވެސް ރާއްޖޭގައި ހުރީ ވަކި ގޮތަކަށް ބައްޓަން ކޮށްފަ އެވެ. ހާއްސަކޮށް ދައުލަތުގެ އޮނި ގަނޑުތެރޭގައި ހިދުމަތް ދޭން ރަނގަޅު ސިސްޓަމެއް ނެތުމުން ކޮންމެ ފަހަރަކު ހިދުމަތް ހޯދަން މިނިސްޓަރުގެ ފައި ބުޑަށް ފައިބަން ޖެހެ އެވެ. ނަތީޖާއަކީ ހިދުމަތް ރަނގަޅުވާން ފުރުސަތު ނެތުމެވެ.

ޓެކްސް ނަގަން ވީ އެވެ. އެކަމަކު މައްސަލައަކީ މިއާއެކު ހިދުމަތް ރަނގަޅު ނުކުރެވުމެވެ. ސަރުކާރު އޮފީހަށް ސިޓީއެއް ލައިގެން ހަފުތާއެއް ވާއިރު ޖަވާބެއް ނުލިބެ އެވެ. ސިންގަޕޫރު ފެންވަރަށް ހިދުމަތް ދިނުމަކީ މިއީ ހެއްޔެވެ؟