ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖެ ލޮކްޑައުން ނުކުރެވޭނަ ސަބަބު އޭޑީބީގެ އަންދާޒާއިންވެސް ސާފު

ޗައިނާ އިން އުފަންވެގެން މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އާ ކޮރޯނާ ވައިރަހުގެ ނުރައްކާ މިހާރު ވަނީ ރާއްޖެއަށް ވެސް ކުރިމަތިވެފަ އެވެ. ތަފާތު ދެ ރިސޯޓެއްގައި ތިބި ބިދޭސީންނާއި ފަތުރުވެރިން ޕޮޒިޓިވްވެ، ރާއްޖޭގައި އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު އެވަނީ ހަތަރަކަށް އަރައިފަ އެވެ.

ވައިރަސް ޖެހިފައިވާ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން 170 އަށް ވުރެ ގިނަ ކަމަށް ސަރުކާރުން ރޭ ބުނެފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގައި އެ ވައިރަސް ފެތުރިގެން ދިޔުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.

ބަލިން ރައްކާތެރިވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް ވައިރަސް ވަނތް ދޮރު ބަންދުކުރަން އެޅި ފިޔަވަޅު ލަސްކަމުގެ ތުހުމަތުތައް ސަރުކާރުން މިހާރު ދަނީ އަމާޒުވަމުންނެވެ. ޗައިނާ އިން ބޭރު ވެގެން، އެ ވައިރަސް އެންމެ ބާރަށް ފެތުރުނު އެއް ގައުމަކީ އިޓަލީ އެވެ. ރާއްޖޭން އެ ވައިރަސް ފެނުނީ އިޓަލީ ފަތުރުވެރިއެއްގެ ކިބައިންނެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒު ވަނީ އެ ސަބަބާ ހެދި އެވެ. ޗައިނާ އިން އަންނަ މީހުން އެތެރެ ނުވެވޭ ގޮތަށް އެޅި ފިޔަވަޅު އިޓަލީއަށް އަޅަން ލަސްވި ކަމަށް ބުނަމުންނެވެ.

ރާއްޖެ ބަންދެއް ނުކުރެވޭނެ

ނަމަވެސް، ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އިއްޔެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ތަކުރާރުކޮށް ވިދާޅުވީ އެ ވާހަކަ އެވެ.

ވައިރަސް އައުމުގެ ފުރުސަތު ކިތަންމެ ބޮޑު ކަމަށް ވިޔަސް، ފަތުރުވެރިން ނާދެވޭ ގޮތަށް މުޅި ރާއްޖެ ބަންދެއް ނުކުރެވޭނެ ކަމެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ބައެއް ގައުމުތަކުން މުޅި ދުނިޔެއަށް ޓްރެވެލް ރެސްޓްރިކްޝަން ނެރެ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް ރާއްޖެއަށް އެ ކަމެއް ނުކުރެވޭނެ ކަމަށާއި އެ ކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އިގްތިސީދަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ ދިވެހި ސަރުކާރަކަށް ރާއްޖޭގެ އެއާޕޯޓްތައް ބަންދުކޮށް ލޮކްޑައުން ނުކުރެވޭނޭ އެ ގޮތަކަށް މި ގައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމެއް ނުހިފެހެއްޓޭނެ. އިގްތިސޯދު ފުނޑި ރައްޔިތުން ބަނޑަށް ޖެހޭނެ ހާލަތަކަށް ނުގެން ދެވޭނެ، އެ ވިސްނުން ދޫކޮށްލުމަށް އަޅުގަނޑު އެދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭޑީބީގެ ފޯކާސްޓް ވަރަށް ބަނަ

ރާއްޖޭގެ މުޅި އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އިރު، އިއްޔެގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ވައިރަސް ފެތުރެން ފެށި ފަށުން ރާއްޖެއަށް 125،827 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށުމާއެކު، ޓޫރިޒަމަށް ލިބޭ ގެއްލުމުގެ އަގު 600 މިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް އެ ދާއިރާގެ އިސް ފަރާތްތަކުން އަންދާޒާކުރި އެވެ. ނަމަވެސް، އެއީ އޭރު ކުރި އަންދާޒާ އެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެ ވައިރަސް ފެތުރި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް އެކީގައިހެން ހުއްޓާލުމަށް ސަރުކާރުތަކުން އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި، އެ އަންދާޒާ މިހާރު އިތުރުވުމަކީ ގަބޫލު ކުރެވޭ ހަގީގަތެކެވެ.

އިގުތިސޯދީ ގެއްލުމާބެހޭ ގޮތުން ސަރުކާރުން އަދި މިހާތަނަށް ރަސްމީ އަންދާޒާއެއް ހާމަކޮށްފައިނުވި ނަމަވެސް، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ކުރިއަށްއޮތް ހަ މަހެއްހާ ދުވަހަށް ދިގު ދެމިގެން ގޮސްފި ނަމަ، ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ވައިރަހުގެ ސަބަބުން އެކި ގައުމުތަކުގެ އިގުތިސޯދަށް ކޮށްފާނެ އަސަރުތަކުގެ ފޯކާސްޓެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވެސް ވަނީ ކޮށްފަ އެވެ. ވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރާއި، ވިޔަފާރިއަށް ކުރާނެ އަސަރުތަކަށް އޭޑީބީން އަންދާޒާކޮށްފައި ވަނީ ވަކި މުއްދަތުތަކަށް ބަލައިގެނެވެ.

އެގޮތުން މުޅި ދުނިޔޭގެ އުފެންދުންތެރިކަމުގެ ނިސްބަތް 0.1 އާއި 0.4 ޕަސަންޓް ދަށަށް ދިޔުމާއެކު، 77 ބިލިއަނާއި 347 ބިލިއަނާ ދެމެދުގެ މާލީ ގެއްލުމެއް ކުރިމަތި ވެދާނެ ކަމަށް އޭޑީބީން ވަނީ ބުނެފަ އެވެ.

އެ ބޭންކުން ރާއްޖެއަށް ހަދާފައިވާ ފޯކާސްޓަށް ބަލާއިރު، ވައިރަހާ ގުޅިގެން ދުނިޔޭގެ ހާލަތު ކުރިއަށްއޮތް ދެ މަސް ދުވަހަށް ދެމިގެންދިޔަ ނަމަވެސް، ޖީޑީޕީގެ 1.36 ޕަސަންޓް ދަށަށް ގޮސް، މާލީ ގެއްލުމުގެ އަގު 77 މިލިއަން ޑޮލަރަށް އަރާނެ އެވެ. މިހާލަތުގައި ތިން މަސް ހޭދަ ވެއްޖެނަމަ، އެ އަދަދު 2.05 ޕަސަންޓަށް އިތުރުވެ، މާލީ ގެއްލުން 109 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ފައްޔާޒު މީގެ ކުރިން އިންޒާރު ދެއްވި ގޮތަށް، ވައިރަހުގެ އަސަރު ހަ މަސް ދުވަހަށް ދިގު ދެމިގެން ގޮސްފިނަމަ، އެ އަދަދުތައް ގާތްގަނޑަކަށް ދެ ގުނަވެ، އިގުތިސޯދީ ގެއްލުން 218 މިލިއަން ޑޮލަރަށް ވުރެ މަތިވެދާނެ ކަމަށް އޭޑީބީން ވެސް ލަފާކުރެ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކުރަންޖެހޭ ކަމަކީ، ރާއްޖޭގެ އިގުތިސޯދުން ގެއްލިގެންދާނެ ކަމަށް ލަފާކުރާ އަދަދުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއް ހިއްސާ ކުރަނީ ޓޫރިޒަމް ސިނާއަތް ހިމެނޭ ހިދުމަތުގެ ދާއިރާއިން ކަމެވެ.

ފިޔަވަޅުތައް އަވަސް ކުރަންޖެހޭ

އަލީ ވަހީދު އިއްޔެ ވިދާޅުވީ ވަރަށް ހައްސާސީ ވާހަކަފުޅެކެވެ. ކޮރޯނާ ވައިރަސް ފެތުރުމެންދާ ގޮތަށް ބަލާއިރު އެ ވައިރަސް އަންނާނެ ސީދާ ގައުމެއް ނުވަތަ ސަރަހައްދެއް ޔަގީން ކުރެވެން ނެތް ވާހަކަ އެވެ. ވައިރަސް އަތުވެދާނެ ކަމުގެ ބިރަށް އެއާޕޯޓުތަކާއި ބަނދަރުތައް ބަންދު ކޮށްގެން، އެންމެން ގެއަށް ވަދެ ރަޖާލައިގެން ތިބެވޭނެ ފުދުންތެރިކަމެއް ރާއްޖެއަކު ނެތެވެ.

ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން، އެއް ދުވަހަކުން ކުޑައެއް ނުކުރެވޭނެ އެވެ. ދުނިޔެއަށް ކުރިމަތިވާ މިފަދަ ކޮންމެ ހާލަތަކާއެކު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވާ ނުރައްކާ ކުޑަކުރެވޭނީ، އެހެން ސިނާއަތްތައް ވަރުގަދަކޮށްގެނެވެ. އެކަމަކު މިއީ އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ.

މިހާރު ދައްކަންވީ މިހާރު ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އެވެ. އެ ފިޔަވަޅުތަކަށް އަލީ ވަހީދު ވެސް އިއްޔެ ވަނީ ކޮންމެވެސް ވަރަކަށް އަލި އަޅުވާލައްވައިފަ އެވެ. މިނިސްޓަރު ވިދާލުވި ގޮތުގައި، ވައިރަހުގެ އަސަރު އެހާ ބޮޑަށް ނުކުރާ ގައުމުތަކުން ފަތުރުވެރިން ގެނެސް، ކެންސަލްވާ ބުކިންތައް ފޫބެއްދުމަށް ސަރުކާރުން މިހާރު ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.

އޭގެ އިތުރުން، ވިޔަފާރިތަކަށް ލުއި ދެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން ހާއްސަ ޕެކެޖޭއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވިޔަފާރިތަކަށް ލުއި ދޭނެ ގޮތެއްގެ ސްޓެމިއުލަސް ޕެކޭޖެއް ތައްޔާރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން މި ދަނީ. ސަރުކާރުން ވިޔަފާރިތަކަށް ދޭނެ ލުއިތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ދަނީ އެމްއެމްއޭއާ އެކު މަޝްވަރާ ކުރެވެމުން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ދެވޭނެ ލުއިތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެމްއެމްއާއެކު ބީއެމްއެލްއާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން އިންޓްރެސްޓް ރޭޓް ކުޑަ ކުރެވޭނެ ގޮތްތަކާއި ޖޫރިމަނާ ކުރުމުގައި ދެވޭނެ ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީބީން އަންދާޒާކޮށްފައިވާ ގޮތަށް، މިހާރު އޮތް ހާލަތުގައިވެސް އިގުތިސޯދީ ތަސައްވަރު އެހާމެ ބަނަ އެވެ. ޓޫރިޒަމް މިނިސްޓަރު ވެސް އިއްޔެ ވިދާޅުވި ފަދައިން، ފަތުރުވެރިން ނާންނަ ގޮތަށް ގައުމު ބަންދުކޮށްފިނަމަ އިގުތިސޯދުގެ މައި އިންޖީނު ހުއްޓޭނެ އެވެ. ވައިރަހުގެ ބިރުވެރިކަން ކިތަންމެ ބޮޑު ނަމަވެސް، ކޮންމެވެސް ގޮތެއް ހަދައިގެން ނަމަވެސް ރާއްޖޭގެ އިގުތިސޯދު ހިންގަންޖެހެ އެވެ. އެހެން ނޫން ނަމަ، ވައިރަހުގެ ނުރައްކަލެއް ވުރެ، ރާއްޖެއަށް ކުރިމަތިވާނެ ނުރައްކާ މާ ބޮޑުވާނެ އެވެ.