ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހައްގުތަކަށް އަރައިގަނެ އަދަބުތަކުން ރެކިގަންނަ ސަގާފަތް ނައްތާލަނަން: ރައީސް

ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށްފަހު އެއްވެސް އަދަބަކާ ކުރިމަތިނުލައި ސަލާމަތްވުމުގެ ނުބައި ސަގާފަތެއް ރާއްޖޭގައި އެބައޮތް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ސަގާފަތް ނައްތާލުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާ މެދު އިހުމާލުވާނަމަ އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އާންމު ރައްޔިތުންނަކަށް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ވެރިކަމުގައި ބާރުގައި ތިބި ފަރާތްތަކުން އަމަލު ކުރަމުން ދިޔައީ ގާނޫނު އަސާސީއާ ހިލާފަށް އެފަދަ އަމަލުތައް ކުރަމުންނެވެ. ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ފަހު އެއްވެސް އަދަބާ ކުރިމަތިލާން ނުޖެހި އެ ކަންކަމުން ބޯދަމައިގަތުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަންނަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސަރުކާރުގެ އިންތިގާލީ އަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މި އަންނަނީ، މި ދެންނެވި ނުބައި ސަގާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން." ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ ދިރިހުރުމުގެ ހައްގު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންސާނީ އެފަދަ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެޗްއާރުސީއެމްއަށް ދޭން ޖެހޭ އެއްބާރުލުންދީ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވި އެވެ.

"މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ، ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދީ ރައްކާތެރިކޮށް ދިނުމަށް. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙްސާސްކުރެވޭ ފަދަ އަމާން ވެށްޓެއް މި މުޖްތަމައުގައި ގާއިމު ކުރުމަށް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން މި މިނިވަންކަން ދޫކޮށްލުމަށް ބިރެއް ނުގަންނަ ކަމަށެވެ. އަދި މިއަދު އެ ފުރުސަތު ވަރަށް ބޮޑަށް ވެސް ދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް، މީޑިއާތަކުގަޔާއި، ސޯޝަލް މީޑިއާގައި ވެސް އެ އަންނަނީ ފާޑުކިޔައި ހިޔާލު ފާޅުކުރަމުން. މިހާރު ހިޔާލު ފާޅުކުރަމުން ދަނީ ގައުމުގެ ކަންކަން ބިނާ ކުރުމަށް. މިހާރު ދައްކަނީ، ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމުގެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުގެ ތެރެއިން ވިޔަސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހި މުޖުތަމައުން ބާކީވާން ދޫކޮށްނުލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.