ރޮހިންޔާ މުސްލިމުންދާ ދެކޮޅަށް ހަނގުރާމަވެރި ކުށުގެ އަމަލު ހިންގި ކަމަށް ބުނެ މިޔަންމާގެ ސްޓޭޓް ކައުންސިލާ އަންސަން ސޫކީގެ މައްޗަށް އަމިއްލަ ފަރާތަކުން އުފުލާފައިވާ ހަނގުރާމަވެރި ކުށް ހިންގި ކަމުގެ ދައުވާގެ އަޑު އެހުމަށް ސޫކީ މިއަދު ކޯޓަށް ވަޑައިގެންފި އެވެ. ސޫކީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ބައިނަލް އަގްވާމީ ކޯޓަށެވެ.
މިޔަންމާގެ ފަގީރު ހިސާބެއް ކަމަށްވާ ރޮހިންޔާގަައި ދިރިއުޅެމުން އަންނަ މުސްލިމުންނާ ދެކޮޅަށް ސޫކީގެ އެއްބާރުލުމާއެކު އެގައުމުގެ އަސްކަރިއްޔާއިން ދިން އަނިޔާތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި 600،00 ވުރެ ގިނަ މީހުން ވަނީ އަނިޔާއިން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.
މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގި މި އަމަލުތައް ގިނަ ގައުމުތަކުން ސިފަކޮށްފައިވަނީ ނަސްލެއް ނައްތާލުމުގެ އަމަލެއްގެ ގޮތުގަ އެވެ. މުސްލިމުންނަށް ދެކޮޅަށް ދެމުން ގެންދިޔަ ހަމަލާތައް ނުހުއްޓުވާތީ ސޫކީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ. ހާއްސަކޮށް ސޫކީ އަކީ ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ފަރާތަކަށްވުމުން އެ އިނާމު އަނބުރާ ގެންދިޔުމަށް ވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
މިއީ ނޮބެލް އިނާމު ހާސިލް ކުރެއްވި ފަރާތަކާއި މެދު ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ ކޮށްދިނުމަށް އެދުނު ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ގިނަ ގައުމުތަކުން ވަނީ ސޫކީގެ މައްޗަށް ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ އުފުލައިދިނުމަށް އެދިފަ އެވެ. މީގެ ތެރޭގައި އެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
ބައިނަލްއަގްވާމީ ކޯޓު ހުންނަ ނެދަލޭންޑްސްގެ ވެރިރަށުގައި މިހާރު ވަނީ ސޫކީއާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފަ އެވެ. މި މުޒާހަރާގައި ޔޫރަޕްގެ ގިނަ ގައުމުތަކުން މީހުން ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާގެ ބޮޑު ބައެއް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ ކޯޓު ކައިރީގަ އެވެ.
ސޫކީގެ ގާނޫނީ ޓީމުން ބުނެފައިވަނީ ސޫކީ ހުރީ ކޯޓުގައި މައްސަލަ ދިފާއު ކުރައްވަން ތައްޔާރަށް ކަމަށެވެ.