ހޮލީވުޑް

ވަން ޑައިރެކްޝަން އެއްކޮށް ފުނޑުފުނޑު؟

Aug 24, 2015

ޒޭން މަލިކްއަކީ އެހެން ކަމަށްވާނަމަ ގްރޫޕްގެ ބިންގާތާއެވެ. އޭނަ ބޭންޑް ދޫކޮށްލާފައި ދިޔަފަހުން މުޅި ބޭންޑްގެ ފައުންޑޭޝަން އަށް ކްރެކް އަޅާލައިފިއެއް ނޫން ހެއްޔެވެ؟  

މިއަހަރު އެމީހުންގެ ފަސްވަނަ އަލްބަމް ނެރިފައި ބޭންޑުގައި މިހާރު ބާކީ ތިބި ހަތަރު ލަވަކިޔުންތެރިން އަހަރެއްހާ ދުވަސް ވަންދެން ވަކިވަކިން މަސައްކަތްކުރާ ގޮތަށް ނިންމައިފިއެވެ. އަލްބަމްގެ ޓުއާ އަކަށް ވެސް ނުދާން އެންމެން ވަނީ އެއްބަސްވެފައެވެ.

ފަސްއަހަރު އެއްކޮށް މަސައްކަތް ކުރަމުން އައިސް މިއަހަރު މާޗްމަހު ޒޭން ބޭންޑުން ވަކި ވުމުގެ ކުރިންވެސް އަންނަ އަހަރު ސޯލޯކޮށް އެންމެން ލަވަކިޔާން އެއްބަސްވެފައިވާ ކަމަށް ވަން ޑައިރެކްޝަން އިން ބުނެފައިވެއެވެ.

އެންމެ އަހަރަކަށް ބައިވާން ނިންމާފައިވީ ނަމަވެސް ހީވާގޮތުގައި މިއީ ބޭންޑްގެ ނިމުމެވެ. އެއީ ޒޭން ދިޔަ ފަހުން ބޭންޑްގެ އިތުރު މެމްބަރެއް ކަމުގައިވާ ލުއިސް ޓޮމްލިންސަންގެ ލޯބިވެރިޔާ ވިހަން އުޅޭ ވާހަކަ ފެތުރުމުން ލުއިސް ބުނެފައިވަނީ ކޮންމެހެނެއް ހަދާފަވެސް ދަރިއަށްޓަކައި ހުރިހާ ކަމެއް ކޮށްދޭން ލޯބިވެރިޔާގެ ހާޒިރުގައި ހުންނާނެ ކަމަށެވެ. މިއިން ދޭހަވީ ލުއިސްވެސް މާ ގިނަ ދުވަހެއް ވަންދެން ނުހުންނާނެ ކަމަށެވެ.

ބައިބައ ވުމުގެ ކުރިން އެންމެން އެއްގަލަކަށް އަރައި އާންމުންނަށް އަންނަ އަހަރު ޗުއްޓީނަގަން އުޅޭކަމަށް އިއުލާން ކުރީ ކަންނޭނގެއެވެ. ފަސް އަހަރު ތެރޭގައި ލިބިފައިވާ ކުރިއެރުމާއި މަޝްހޫރު ކަމުގެ ސަބަބުންނާއި ޒުވާން އެތައް އަންހެން ކުދިންގެ ހިތްތަކަށް ތީރު ހަރާފައި އޮތުމުން ބޭންޑް އެއްކޮށް ވަކިވާ ހަބަރު ލިބިއްޖެނަމަ މުޅި މީޑިޔާގައި ސާކަސް އެއް ފެށިދާނެތީ ކަމަށްވެސް ނޭނގެއެވެ.

ވަން ޑައިރެކްޝަން ވަކިވުމުގެ ކުރިން އެންމެ ފަހުން ޕާފޯމް ކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރުގެ އެއްތިރީސް ވަނަ ދުވަހު އިންގްލޭންޑްގައެވެ.