ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(8 ޑިސެމްބަރ 2019 އާ ގުޅޭ)

ވަރިއާ ހަމައަށް ހޭޒަލްގެ ވިސްނުން ދިޔައިރު އޭނާއާއި ލިއަމްއާ ދެމެދު ޖެހުނު މައްސަލައެއް ވެސް އާތިޝްއަށް ސާފެއްނުވިއެވެ. އެފަދަ ކަންކަމުގައި ވާހަކަދައްކާނޭ ގޮތެއް ވެސް އާތިޝްއަކަށް ނޭނގެއެވެ. ހޭޒަލްއާ ދޭނޭ ނަސޭޙަތެއް ވެސް އޭނާގެ ސިކުނޑިއަކަށް ނޭރިއެވެ. ހީވީ އޭނާ ވިސްނަން ބޭނުންނުވާ ފަދަ ކަމަކަށް ވިސްނަން މަޖުބޫރުވީހެންނެވެ.

ހަވީރު ލިއަމް އަންނާނޭ އާތިޝް ބުނީއްސުރެން ހޭޒަލްގެ މޭތެޅެން ފަށައިފިއެވެ. ލިއަމް ބުނެފައި ދިޔަ ބަހުގެ ތެދުކަން ހޭޒަލްއަށް އެނގެއެވެ. ވަރީގެ ލަފުޒު ބުނަން ލިއަމް ބޭނުންނުވާކަން ހޭޒަލްއަށް ޔަގީންވެއެވެ. ވަރިނުވާހާ ހިނދަކު އޭނާ ވާނީ ލިއަމްގެ އަނތްބަކަށެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެކުގައި އުޅެން ބޭނުންނުވާއިރު ލިއަމްއާއެކު އެއްފުރާޅެއްގެ ދަށުގައި އުޅޭނޭ ގޮތެއް ހޭޒަލްއަކަށް ނުވިސްނެއެވެ. އޭނާ އަތުވެއްޖެނަމަ ހޭޒަލްއަށް ޖެހޭނީ ދާންކަން އެނގެއެވެ. އެހެންނޫނީ ވަރަށް ބޮޑު ހަމަނުޖެހުމެއް ހިނގާފާނޭ ހޭޒަލްއަށް ހީވަނީއެވެ.

ހޭޒަލް ގާތު ރުއިން ހުއްޓާލާށޭ ބުނާކަށް ވެސް އާތިޝްއަކަށް ނުކެރުނެވެ. މަޑުމަޑުން ސޯފާއިން ތެދުވެގެން އޭނާ ހިނގައިގަތީ ހޭޒަލްއާ ދުރަށެވެ. ފަޓުލޫނު ޖީބުގައި އޮތް ފޯނު އާތިޝް ނެގިއެވެ. ބަދިގެއާ ހަމައަށް އާދެވުނުއިރު އޭނާއަށް ހޭޒަލް ނުފެންނަކަން ޔަގީންވިއެވެ. މުހިންމުކަމެއް ޖެހިއްޖެނަމަ ރިޒްވާނުގެ ނަންބަރަށް ގުޅާށޭ ބުނެފައި ވެއެވެ. އެހެންވެ އާތިޝް ގުޅީ ރިޒްވާނަށެވެ. ގިނަ އިރެއްނުވެ ފޯނުކޯލަށް ރިޒްވާނު ޖަވާބުދިނެވެ. އެއާއެކު އާތިޝް އެދުނީ ސާއިރާއަށް ގޮވާލަ ދިނުމަށެވެ. ސާއިރާ ފޯނުން ވާހަކަދެއްކި އަޑާއެކު ހޭޒަލްގެ ހާލަތު އާތިޝް ހާމަކުރިއެވެ. މަންމަ ގާތު އަވަހަށް އައިސް ދިނުމަށް އޭނާ އެދުނެވެ. ވީއެންމެ އަވަހަކަށް އެމީހުން މާލެ އަންނާނޭކަން ޔަގީންވުމުން ފޯނުކޯލު ކަނޑާލާފަ އާތިޝް އެނބުރި ސިޓިންރޫމަށް އައެވެ. ސޯފާގައި ލެނގިލައިގެން ކާޕެޓުމަތީ ހޭޒަލް އިނެވެ. އާތިޝް އައިގޮތަށް ސޯފާގައި އިށީނެވެ.

"ލިއަމް ގާތަށް ދާކަށް ބޭނުމެއްނޫން... ކޯޓުން ވަރިކޮށްދެންދެން ގޭގައި ހުންނަން ބޭނުންވަނީ" ހޭޒަލް ބޭނުންވާގޮތް ވަރަށް ސާފުކޮށް އޭނާ ފާޅުކުރިއެވެ.

"ކުއްލިއަކަށް ތިކަހަލަ ނިންމުމެއް ނިންމީ ކީއްވެތަ؟ ކޮއްކޮއާ ވަކިވާން ލިއަމް ބޭނުންވާހެނެއް ހިޔެއްނުވޭ... ދޮންބެއަށް އެނގޭ ތި ދެމީހުން އެކަކުއަނެކަކުދެކެ ލޯބިވާވަރު... ދެން ކީއްވެތަ ވަކިވާން ތިއުޅެނީ... ދެމީހުން ވާހަކަދައްކައިގެން ހައްލު ކުރެވޭތޯ ބަލަންވީނު" އާތިޝްއަށް ބުނެލެވުނެވެ.

"މިފަދަ ދުވަހެއް އަތުވެދާނޭ އަހަރެން ވެސް ހިޔެއްނުކުރަން" ހޭޒަލް ބުންޏެވެ. އޭނާ ލިއަމް ދެކެ އަދިވެސް ލޯބިވެއެވެ. ވަރިވާން ގަސްދުކުރީ ލޯބިނުވާތީއެއް ނޫނެވެ. އެކަމަކު ލިއަމްގެ ބޭވަފާތެރިކަން ހާމަކުރާނޭ ހިތްވަރު ހޭޒަލްގެ ނެތީއެވެ.

"އައި އޭމް ސޮރީ..." އިރުކޮޅަކު ހިމޭނުން އިނދެފައި އާތިޝް ބުނެލިއެވެ.

"އަހަރެން ލިއަމްއާއެކު ދާކަށް ބޭނުމެއްނޫން، އެކަމަކު އޭނާ މިގެއަށް ވަދެއްޖެއްޔާ ނުގޮހެއް ވެސް ނުވާނެ" ގޮސް ހުސްވެފައިވާ މީހަކު ފަދައިން ހޭޒަލް ބުނެލިއެވެ. އަދި އޭނާގެ ތެމިފައިވާ ކޯތާފަތް ދެއަތުން ފުހެލިއެވެ. އޭނާ އެ އެދެނީ އާތިޝްގެ މަދަދަށެވެ. އެގެއަށް ލިއަމްއަށް ވަދެވޭނީ އާތިޝް އޭނާ ވެއްދިއްޔާއެވެ.

އާތިޝްގެ މީހަކީ ހޭޒަލްކަން އޭނާ ހަނދާނެއް ނުނެތެއެވެ. ގޮތެއް ނިންމަން ވިސްނުންތަކެއް އޭނާ ނުވިސްނީ އެހެންވެއެވެ. އޭނާގެ ކޮއްކޮ ނޭދޭކަމެއް ކުރާކަށް މަޖުބޫރު ކުރުމެއްނެތެވެ. ލިއަމް އެދޭ ގޮތަށްވުރެ ހޭޒަލްގެ އެދުން ކޮންމެ ގޮތަކުން ވެސް އާތިޝް އިސްކުރާނެއެވެ. ފިނިނޭވާއެއް ހަށިފުރާ ލުމަށްފަހު ހޭޒަލްގެ ބޮލުގައި އާތިޝް ފިރުމާލިއެވެ. އޭނާއާއި ހޭޒަލްއަކީ އެއްބަނޑުއެއްބަފާ ދެބެން ކަމަށްވިޔަސް ބޮޑުވީ އެކަކު އަނެކަކުގެ ކަންތައްތަކާ ނުބެހި ވީހާ ވެސް ދުރުދުރުން އުޅެއެވެ. އެކަކުއަނެކަކުދެކެ ވާލޯބި ހާމަކުރުމެއް ނުވެއެވެ. އެހެންވިޔަސް ހިތުގައި އެ ލޯތްބާއި ޤަދަރު ފޮރުވިފައި އަބަދުވެސް ވިއެވެ. އާތިޝްއަށް ފެށުނީއްސުރެން ކޮއްކޮ ސިފަކުރެވުނީ ފިސާރި ކެރޭ އަންހެންކުއްޖެއްގެ ގޮތުގައެވެ. ކުރިމަތިލާން ނުކުރެވޭވަރު ކަމެއް ހޭޒަލްއަށް ނޯންނާނޭ އާތިޝްއަށް ހީވެފައި ވެއެވެ. ދެމީހުންގެ ޒާތީ ދިރިއުޅުމުގައި ހިނގާ އެއްވެސް ކަމެއް އެކަކު އަނެކަކާ ޚިއްޞާނުކުރި ނަމަވެސް ހޭޒަލްގެ ޖެހިލުން ކުޑަކަން އާތިޝްއަށް ވަރަށް ކަމުދެއެވެ. ކިޔާ ނިމުނު ގޮތަށް އެހާ އަވަހަށް ހޭޒަލް ދިރިއުޅުމެއް ފަށާނޭކަމަށް އާތިޝް ހިޔެއްނުކުރެއެވެ. ހޭޒަލްގެ ޠަބީޢަތް އޭނާއަށް ފެނިފައި ހުރީމައެވެ. އެހެންވިޔަސް ލިއަމްއާއި ހޭޒަލްގެ ކައިވެނި ހަމަޖެހުނު ދުވަހު އެ ކޮއްކޮގެ މޫނުން ފާޅުވީ ފަދަ އުފާވެރިކަމެއް އޭގެ ކުރީން ދުވަހަކުވެސް އާތިޝް ދެކެފައިނުވެއެވެ. އެ ދެބެންގެ ދިރިއުޅުމުން ބައްޕަގެ ހިމާޔަތުގެ އަތްނެއްޓުނު ހިނދު ޢާއިލާގެ ދޮށީ ކުއްޖާއަށް އާތިޝް ވިއެއްކަމަކު އޭނާއަށް އެ ހާލަތުގައި ކަންތައްކުރާނޭ ގޮތެއް ނޭނގުނެވެ. އެވަގުތު ވެސް މަންމަގެ އެކަނިވެރިކަން އިޙްސާސް ކުރެވުނީ ހޭޒަލްއަށްކަން އާތިޝް ދެނަހުއްޓެވެ. މިއަދު އެ ކޮއްކޮގެ ދިރިއުޅުން ރޫޅެނީކަން އެނގުމުން ވެސް އާތިޝްއަށް ކޮށްދެވޭނޭ މާބޮޑުކަމެއް ނެތުނަތީ އޭނާ ހިތާމަކުރެއެވެ.

މަޑުމަޑުން ހޭޒަލްގެ ބޮލުގައި ފިރުމާލަމުން އާތިޝް ވާހަކަދެއްކިއެވެ. އެއްޗެއް ކައިފިންތޯ އޭނާ އެއްސެވެ. ކާއެއްޗަކަށް އޯޑަރު ދޭން އާތިޝް އުޅުމުން އެކަން ހޭޒަލް ހުއްޓުވިއެވެ. އާތިޝްގެ މަސައްކަތްތައް އޭނާއާ ހެދި ހުއްޓިފައި ހުންނާކަށް ހޭޒަލް ނޭދެއެވެ. ކައިގެންކަން ހުރީ ހޭޒަލް ބުނެލުމާއެކު އާތިޝް ގާތު އެދުނީ ދިއުމަށެވެ. އޭނާ އެކަނިކޮށްލާފައި ދިއުން އެއީ ބުއްދިވެރިކަމެއް ނޫނޭ އާތިޝްގެ ޟަމީރު ބުންޏަސް އޭނާއަށް އައި ފޯނު ކޯލާއެކު ނުގޮހެއް ނުވިއެވެ. ކީރާއަށް ނާދެވޭނޭކަން އެނގި ހުރެ އޭނާއަށް ގުޅާކަށް އާތިޝް ބޭނުމެއްނޫނެވެ. ހޭޒަލްއަށް ކަމެއް ދިމާވެގެން އުޅޭކަން އެނގިއްޖެއްޔާ އޭނާ ވެސް ހާސްވާނޭކަން އާތިޝްއަށް އެނގެއެވެ. އޮފީހުގައި އުޅެނިކޮށް ކީރާއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ވިސްނުމެއް އަތިޝްގެ ނެތެވެ.

"އަމީރާ ގެންދަން ޖެހޭ ގަޑި މީ" ފޯނަށް ބަލަން އިނދެ އާތިޝްއަށް ބުނެލެވުނެވެ. ހޭޒަލް އިންތަނުން ތެދުވިއެވެ. ދެއަތުން މޫނު ރަނގަޅަށް ފުހެލައި އާތިޝްއާ ކުރިމަތި ލިއެވެ. އަދި އަމީރާ ގާތަށް އަވަހަށް ދިއުމަށް ހޭޒަލް ބުންޏެވެ. އޭނާއާއި ލިއަމްގެ ދެމެދުގައި ކަމެއް ހިނގައިގެން އުޅޭކަމުގެ ޚަބަރު ކީރާއަށް އަދި ނުދިނުމަށް ހޭޒަލް އެދުނެވެ.

"ޑިވޯސްއަކީ ސިއްރުކުރެވޭނެކަމެއްނޫން... ޝީ އިޒް ފެމެލީ" އަނބިމީހާއަށް ކަންކަން ސިއްރުކުރުމަކީ އާތިޝްގެ ގޮތެއްނޫނެވެ. ހުރިހާ ކަމެއްގައި ވެސް ކީރާގެ ޚިޔާލު އާތިޝް ހޯދައެވެ.

ހޭޒަލް ކުރިއަށް ޖެހިލައި އާތިޝްގެ ގާތުގައި އިށީނދެ އޭނާގެ ކަކުލުގައި އަތްތިލަ ބާއްވާލިއެވެ. އާތިޝްއަށް ބަލަން އިން ގޮތުން އެ ބެލުމުގައިވަނީ ކީކޭކަން އާތިޝް ދެނެގަތެވެ. ކީރާ ގާތު ނުބުނާނަމޭ އާތިޝް ބުނުމުގެ ބަދަލުގައި އޭނާ އިންތަނުން ތެދުވީއެވެ. ފޯނަށް އަންނަމުން ދިޔަ ކޯލަށް ޖަވާބުދިނުމަށްފަހު ހޭޒަލްއަށް އާތިޝް ބަލާލިއެވެ. އޭނާ މިވަގުތު ދިޔަޔަސް ފަހުން އަންނާނަން ކަމަށް ބުނެލިއެވެ. އަދި ހޭޒަލްގެ ފޯނު ހުޅުވުމަށް އާތިޝް ބުންޏެވެ. ހޭޒަލް ބޯޖަހާލިއެވެ. އާތިޝް ނުކުމެގެން ދިޔައީ ދެނެވެ.

ހޭޒަލްއަށް ނިތްކުރީގައި ކަނާއަތްތިލަ ހިންގާލެވުނެވެ. ބޮލުގައި އުފެދިފައިވާ ރިހުން ފިލައިގެންދާ ވަގުތެއް ނައެވެ. ހަމަނިދި ނުލިބޭއިރު ފިކުރުތަކުން ސިކުނޑިއަށް ކުރާ ހައްތަހާ އިތުރުވަނީއެވެ. އާތިޝް ބުނީތީ ހޭޒަލް ފޯނު ހުޅުވަން ނިންމިއެވެ. ޗާޖު ގޮސްފައި އޮތް ފޯނު ފާޚާނާގައި ބޭއްވި ގޮތަށް އޮތީ އެތަނުގައެވެ. އެ ނަގައިގެން ހޭޒަލް އައިސް ވަނީ ސާއިރާގެ ކޮޓަރިއަށެވެ. ލިޔާ މޭޒު ކައިރީ ހުރި ސޮކެޓަކަށް ޖަހާފައިވާ ވާގަނޑުގެ ކޮޅު ފޯނާ ގުޅާލުމާއެކު މޭޒުމަތީ ބޭއްވިއެވެ.

* * * * *

ފޯނު ކަންފަތާ ދުރުކޮށްލުމާއެކު މުހުސިނާ ކުދިކިޔާލިއެވެ. ކާމޭޒު ދޮށުގައި ސައިބޯން އިން ޝަމާޢިލަށް މި މަންޒަރު ފެނި ހީނލިއެވެ. ހުނުމުގެ އަޑާއެކު މުހުސިނާގެ ނަޒަރު ފޯނުން ވަކިވެ ފިރިމީހާއަށް ހުއްޓުނެވެ.

"ނުނެގިއެއްނު... ނުނަގާނެ... އަހަރެން ހިތަށްއަރާ އަހަންނަށް ކީއްކުރެވިގެންބާއޭ ލިއަމް އެހާ ދުރުވެގެން އެ އުޅެނީ... ހުކުރު ދުވަހަކު ގުޅާލިޔަސް އާދެވޭ ކަމަކަށްނުވާނެ، އެ ދެމީހުން ހޭޒަލްގެ މައިންބަފައިން ކައިރިއަށް ދޭކަންނޭނގެ މިގެއަށް ނައެއްކަމަކު، ޝަމާޢިލް އެއްފަހަރު ވެސް ކީއްތަވާނީ ގުޅާލިއްޔާ، އެއީ އަހަރެންގެ އެކަނި ދަރިއެއްނޫންވިއްޔަ" މުހުސިނާ ބުންޏެވެ.

"އަހަރެން ވެސް އޭނާގެ ކަންތައްތައް ނުކޮށްދީއެއްނޫން އެވަރުވީ، އޭނާ އަންނަންވީމަ އަންނާނެ... އަހަރެމެންނާ ދުރުން އުޅެން އޭނާ ބޭނުންވަންޏާ ރަނގަޅުވާނީ އެ މިނިވަންކަން ދިނިއްޔާ، މިގޭގައި އުޅެވެން އޮއްވަ ދޯ ލިއަމް މީހަކާ އިނދެގެން އެ ދިޔައީ.... އަހަރެމެން ގާތުގައި އެހެން ދަރީން އެބަތިބި، އެއްވެސް ދަރިއަކު އަޅާނުލިޔަސް އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ" ޝަމާޢިލް ބުނެލިއެވެ. އޭނާ ވެސް އެބުނީ ދޮގުވާހަކައެއްނޫނޭ މުހުސިނާގެ ހިތަށް އެރިއެވެ. އެހެންވިޔަސް މައިލަގޮނޑިއަށް ކެތްނުވަނީއެވެ. ހުރިހާ ދަރީންގެ ހާލު އެނގެން މުހުސިނާ ބޭނުންވެއެވެ. ލިއަމް މީހަކާ އިނދެގެން ދިޔައީސުރެން އޭނާގެ އެއްވެސް ކަމެއް މުހުސިނާއަށް ނޭނގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހޭޒަލްއަކީ ލިއަމްގެ ޢާއިލާއާ އޭނާ ދުރުކުރުވާހާ ނުފޫޒުގަދަ އަންހެނެއްނޫންކަން މުހުސިނާގެ ޟަމީރު ޤަބޫލުކުރެއެވެ. އެހެންވިޔަސް މައިންބަފައިންނާ ލިއަމް އެހާ ދުރީ ކީއްވެބާއޭ މުހުސިނާގެ ހިތަށް އަބަދުމެ އަރައެވެ.

"ލިއަމް އަހަރެމެންނާ ވާހަކަދައްކަން ބޭނުންނުވާތީ ހޭޒަލް ވެސް ފޯނު ނުނަގަނީ" ވިސްނަން އިނދެފައި މުހުސިނާ ބުނެލިއެވެ.

"ލިއަމްއަށް ވެސް ވިސްނޭނެ އޭނާއަށް ދަރިއަކު ލިބުމުން" ޝަމާޢިލް ބުނެލިއެވެ.

"މިހާ ދުވަސްވީއިރު ވެސް އެމީހުން ދަރިއަކު ހޯދަން ނޫޅޭތީ އަހަރެން ހާދަ އެއްޗެއް ހިތަށް އަރައޭ، ދުރުދުރުން ހޭޒަލްއާ ސުވާލެއް ކޮށްލިޔަސް މާ އެދެވޭ ޖަވާބެއް ނުދޭނެ... ބައެއްފަހަރު ހިތަށް އަރާ އެ ދެކުދީންގެ ތެރެއިން ކުއްޖެއްގެ އުނިކަމެއް ހުންނަނީބާއޭ" މުހުސިނާއަށް ހީވާއެއް ބުނެލިއެވެ.

"ޒައިދަން ގާތު ބުނެބަލަ އޭނާއަށް ގުޅާލަން، އަހަރެމެންވީމަ ނުނަގަން ހުރެދާނެ" ޝަމާޢިލްއަށް ވިސްނޭ އެއްޗެއް ހާމަކޮށްލިއެވެ. އެކަމަށް މުހުސިނާ ބޯޖަހާލިއެވެ.

"ވީރާއަށް ގޮވާބަލަ ސައިބޯން އަންނަން" ރަފާ ބަދިގެއަށް ވަންތަން ފެނިގެން މުހުސިނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ.

"ކޮޓަރި ތަޅުލާފަ ހުރީ..." ސައިބޯން އަންނަމުން ވީރާއަށް ގޮވާލަން އޭނާގެ ކޮޓަރިއާ ރަފާ ކައިރިވެލިކަން ބުންޏެވެ.

"އޭނާ ވެސް ނޭނގެ މިހާރު އުޅޭގޮތެއް... މާގިނައިން ބޭރަށް ދަނީ، އަހާލާއިރަށް ބުނާނެ އޮފީހުގެ ކަމަކުއޭ، މިއަދު އައިއިރު ހީވަނީ ކަމަކާ ހިތްހަމަނުޖެހިފަ ހުރިހެން" މުހުސިނާ ބުނެލިއެވެ.

"މަންމަ ގޮވާލަންވީނު" ރަފާ ޚިޔާލު ދިނެވެ.

"ވެދާނެ މާބުރަ ދުވަހަކީ ކަމަށް... ދަރިފުޅު ސައިބޯން އުޅޭ" ޝަމާޢިލް ބުނެލިއެވެ.

ފޯނުން ވާހަކަދައްކަމުން ދިޔަ ވީރާ އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިނެވެ. އޭނާ ވާހަކަދައްކާ ރާގުން އެ އިނީ ކަމަކާ ނުރުހިފައިކަން ޔަގީނެވެ. ދައްކަމުން ދިޔަ ވާހަކައިގަ އިވެމުންދިޔަ ނަމަކީ ސައިފެވެ. ވީރާއާ ވާހަކަދައްކާ ކޮންމެ ފަހަރަކު ހޭޒަލްއާ ދިމާވިތޯ ސައިފް އަހާތީ އެކަމާ ވީރާއަށް ކެތްކުރަން އުނދަގޫވެއެވެ. ހޭޒަލްގެ ނަން ވެސް ސައިފް ކިޔާކަށް ވީރާ ނޭދެއެވެ. ސައިފް މާބޮޑަށް ހޭޒަލްގެ ދިރިއުޅުމަށް ޝައުގުވެރިވަނީއޭ ވީރާއަށް ހީވަނީއެވެ. އޭނާ ބިރުގަންނަނީ ސައިފް ގެއްލިދާނެތީއެވެ. ކިތަންމެ ފަހަރަކު ހޭޒަލްގެ ވާހަކަ ދައްކަން ވީރާ ބޭނުންނުވާކަން ސައިފް ގާތު އޭނާ ހާމަކޮށްފިއެވެ. އެހެންވިޔަސް އެކަން ސައިފް ހަނދާން ހުންނަކަމަކަށް ނުވެއެވެ. އިންތިހާއަށް ވީރާގެ ރުޅި ފަޅައިގެން ދިޔައީ ގަސްދަކާނުލާ ވިޔަސް ސައިފްއަށް ހޭޒަލްގެ އުނަގަނޑުގައި އިން ކަޅުތިލައެއްގެ ވާހަކަ ބުނެވިގެންނެވެ. ދެމީހުން ބައްދަލުކުރަން ކޮފީ މޭޒު ދޮށުގައި ތިބެފައި ވަގުތުން ވީރާ އެތަނުން ތެދުވެގެން ގެއަށް އައީއެވެ. ސައިފް ގުޅައިގެން އެ އުޅެނީ ވީރާ ރުއްސާށެވެ.

* * * * *

ލިއަމް ގުޅާ ގުޅާ އާތިޝް ފޯނެއް ނުނެގިއެވެ. އޭނާގެ އޮފީހަށް ގޮސްގެން ބައްދަލެއް ނުވިއެވެ. އޮފީހުގައި ވެސް އާތިޝް ނެތީއެވެ. ދެން ހަދާނޭ ގޮތެއް ނެތިގެން އަނެއްކާ ވެސް ލިއަމް އައީ ހޭޒަލްއާ ބައްދަލުކުރާށެވެ. އެހެންނަމަވެސް ދޮރޯށީގެ "ލޮކްކޯޑު" ހުރީ ބަދަލުކޮށްފައެވެ. ބޭރު ދޮރޯށިން ވެސް އޭނާއަށް އެގެއަށް އެތެރެއެއް ނުވެވުނެވެ. ހައްތަހާ އޭނާގެ ރުޅި ގަދަވީއެވެ.

* * * * *

ފޯނު ހުޅުވާލުމާއެކުހެން ރިންގުވާން ފެށިއެވެ. ހޭޒަލްއަށް ލިބުނީ ސިހުމެކެވެ. ލިއަމްއޭ ހީކުރެވުނަސް އިސްކުރީނުން ފެންނަން ހުރީ ދާރިއަންގެ ނަމެވެ. އޭނާ އެ ކޯލު ކަނޑާލުމާއެކު ފޯނު އަނެއްކާ ވެސް ނިއްވާލީއެވެ. ޢާއިލާގެ މީހަކާ ކުރިމަތިލާން ނުކުރިގެން އުޅޭއިރު ދާރިއަންއަކީ ދުރުމީހެކެވެ. އޭނާގެ ދިރިއުޅުމަށް އައިސްގެން އުޅޭ ހަލަބޮލިކަމުގެ ތެރެއަށް ދާރިއަން ވެއްދުމުގެ ގަސްދެއް ހޭޒަލްގެ ނެތެވެ. އިތުރަށް އޭނާގެ ސިކުނޑިއަށް ވެރިވީ ހާސްކަމެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަށް މިވަގުތު ހޭޒަލް ބޭނުމެއްނޫނެވެ. އެކަމަކު އޭނާ އެކަނި ހުންނަން ވެސް ބިރުގަނެއެވެ. އޭނާއަށް ވާގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

ރޭގަނޑު ނުވައެއް ޖަހަނިކޮށް އާތިޝް އެޕާޓްމެންޓަށް އައެވެ. ސޯފާގައި ހޭޒަލްއަށް ނިދިފައި އޮތްތަން އޭނާއަށް ފެނުނެވެ. ސިއްރުން އުޅޭ މީހަކު ފަދައިން އޭނާގެ ޢަމަލުތައް ބެހެއްޓީ ހޭޒަލްއަށް ހޭލެވެން ނޭދޭތީއެވެ. އޭނާ ރަޖާގަނޑެއް ހޯދައިގެން ގެނެސް ހޭޒަލްގެ ގައިގާ އަޅާލީ ވަރަށް މަޑުމަޑުންނެވެ. އަދި ހޭޒަލްއާ ކުރިމަތިވާނޭހެން ހުރި ސޯފާގައި އެތަށް އިރަކު ކޮއްކޮއަށް ބަލަހައްޓައިގެން އާތިޝް އިނެވެ. ހިތާހިތުން އަވަހަށް މަންމަ އައުމަށް އެދެމުން އޭނާ ދިޔައެވެ. ކީރާ ގުޅީ އެވަގުތެވެ. އަވަސްއަވަހަށް ފޯނުކޯލު އާތިޝް ނެގިއެވެ. ވައަތުން އަނގަމަތި ނިވާކޮށްލަމުން އާތިޝް ފޯނުން ވާހަކަދެއްކީ ސިއްރުންނެވެ. ހޭޒަލްގެ ހާލު ކީރާއަށް އޮޅުން ފިލުވައިދިނެވެ. މަންމަމެން އަންނަންދެން ރޭގަނޑު އެ އެޕާޓްމެންޓުގައި އާތިޝް ނިދުމަށް ކީރާ ޚިޔާލު ދިނެވެ. ހޭޒަލް އެކަނިވާން ދޫކޮށްނުލުމަށް އޭނާ އާތިޝް ގާތު އެދުނެވެ.

ދޮރު ފަޅާލާފައި ވަން ލިއަމް ފެނި ހޭޒަލްއަށް ދުއްވައިގަނެވުނީ ބަދިގެއާ ދިމާއަށެވެ. ނޫނެކޭ ބުނަމުންނެވެ. ނަމަވެސް ލިއަމް ފެންނަނީ ޢާންމުކޮށް އޭނާ ފެންނަ ގޮތަށްވުރެ ނުބައި މީހެއް ހެންނެވެ. އައިނައިތަނެއް ނޭނގި ލިއަމްގެ ގާތުގައި އަންހެނުން ތަކެއް ވެސް ތިއްބާ ހޭޒަލްއަށް ފެނުނެވެ. އެމީހުން މަލާމާތުގެ ޒާތަކަށް ހެނީއެވެ. ވާނުވާ ނޭނގިފައި ހުއްޓާ އޭނާއާ ދިމާއަށް ލިއަމް އައީ ވެސް މާ ހަލުވިކޮށެވެ. ކޮޓަރިއަކަށް ނުވަދެ ބަދިގެއާ ދިމާއަށް ހޭޒަލްއަށް ދެވުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ އެހެން ހިތަށް ވެސް އެރިއެވެ. ކޮޓަރިއަށް ދިޔަނަމަ ދޮރުތަޅުލެވުނީހޭ ވިސްނުނެވެ. އެކަމަކު އޭނާގެ ސިކުނޑިއާއި ހަށިގަނޑަކީ މުޅިން ދެ މީހެއް ކަހަލައެވެ. ޢަމަލުތަކުގެ މައްޗަށް ބާރެއް ނުފޯރުވޭ ކަހަލައެވެ. ކުއްލިއަކަށް ލިއަމް އޭނާގެ އަތުގައި ހިފައި ކުއްލިއެއް ޖެހުމުން ހަޅޭލަވައިގަނެވުނެވެ. ވަރިއެއް ނުކުރާނަމޭ ބުނަމުން ދިޔަ ލިއަމްގެ ރުޅި އައިސް ރަތްވެފައިވާ ދެ ލޯ ފެނި ހޭޒަލް ބިރުން ރޫރޫ އަޅާލިއެވެ. ލިއަމް އޭނާގެ ގައިގާ ބީހެން ފެށުމުން ހޭޒަލް ތެޅިފޮޅި ގަތެވެ. އަތްނުލާށޭ ބުނެ ހަޅޭލަމުން ދިޔައެވެ. ލިއަމް ގަސްދުކޮށްގެން އެ އުޅެނީ ކީއްކުރަންކަން އެނގުމުން ހޭޒަލް ވަކިން ބޮޑަށް ގަދަހަދަން ފެށިއެވެ. ލިއަމްގެ ގައިގާ އޭނާ ތަޅަންފެށިއެވެ. އެގޮތްމިގޮތަށް އުޅެމުން ކާމޭޒު މައްޗަށް ވައްޓާލަން އުޅުމުގެ ތެރޭ ލިއަމްގެ އަތްދަށުން ދެމިގަތް ހޭޒަލް އުނދުން ކައިރީ ފާރުގައި ހަރުކޮށްފައި ހުރި ވަޅި ސެޓުން ވަޅިއެއް ނެގިއެވެ.

ސޯފާގައި ނިދިޖެހިފައި އޮތް އާތިޝްއަށް ހޭލެވުނީ ބާރު ހަޅޭކުގެ އަޑަށެވެ. ފުންމައިގެން ތެދުވަން އުޅުމުގައި އޭނާ ސޯފާއިން އަރިއަޅައި ވެއްޓުނީއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ހޭޒަލް ނިދާފައި އޮތް ސޯފާއަށް ހުއްޓުނެވެ. އެތާކު ހޭޒަލްއެއް ނެތެވެ. ރަޖާގަނޑު އޮތީ ކާޕެޓުމައްޗަށް ވެއްޓިފައެވެ. ހޭޒަލް ރޯއަޑުފަށްގަނޑު އަނެއްކާ ވެސް އިވުނެވެ. ކޮޅަށް ތެދުވިގޮތަށް ބަދިގެއާ ދިމާއަށް އާތިޝް ދުއްވައިގަތެވެ. އޭނާއަށް ފެނުނީ އެކަނިމާ އެކަނި މޮޔައެއްހެން ހަރަކާތްތެރިވާ ހޭޒަލްއެވެ. ވަގުތުން އައިސް ކޮއްކޮގެ ގައިގާ ހިފެހެއްޓުމުން އާތިޝްގެ ގައިގާ ހޭޒަލް ތަޅަންފެށީއެވެ. ދޫކޮށްލާށޭ ކިޔާ ހަޅޭލަވަނީއެވެ. އޭނާއަށްވުރެ ހަށިގަނޑުގެ ގޮތުން ހޭޒަލް ބާރު ދެރަނަމަވެސް އެވަގުތު ހޭޒަލް ހިފަހައްޓާލުން އާތިޝްއަށް ދަތިވިއެވެ. އޭނާގެ އަތްދަށުން ދެމިގަތް ހޭޒަލް ވަޅި ނެގިތަން ފެނުމުން އާތިޝް ވެސް ޖެހިލުންވެއްޖެއެވެ.

"ޒެއްލު... ކޮއްކޯ..." އާތިޝް ގޮވިއެވެ. އެހެން ވިޔަސް ހޭޒަލްއަށް އިވޭހެން ހީނުވެއެވެ. ހޭޒަލްއަށް ހަޤީޤަތް ނޭނގޭހެން އާތިޝްއަށް ހީވީ އެވަގުތެވެ. އޭނާ އާތިޝްއަށް ބަލަން ހުއްޓެއްކަމަކު ވާހަކަ އެދައްކަނީ ލިއަމްއާކަން އެނގުނީއެވެ. ލިބުނު ހަނި ފުރުސަތުގައި ހޭޒަލްގެ ފުރަގަހުން އާތިޝް ބެއްދިއެވެ. ހޭޒަލްގެ އަތަށް ފިތާލުމުން އެ އަތުގެ ތެރެއިން ވަޅި ދޫވެގެން ތަޅުންމައްޗަށް ވެއްޓުނު އަޑު ކިޔައިގެން ދިޔައެވެ. ހޭޒަލްގެ ހަރަކާތްތައް ހުރި ގޮތް ފެނި އާތިޝްއަށް ކަމެއް ނަގައިގަނެވުނެވެ. އޭނާއަކީ ވެސް މީހެއްގެ ފިރިއެކެވެ. ދަރިއަކު ވެސް އެބަހުއްޓެވެ. ހޭޒަލްގެ ގައިގާ އޭނާގެ ނުރުހުމުގައި ލިއަމް ބީހެނީކަމުގެ ޚިޔާލު އާތިޝްގެ ސިކުނޑިއަށް ވަނެވެ. ކޮއްކޮގެ އަތަށް ތަދުވެގެން ރޮއިގަތްކަން ވެސް އާތީޝް ދެނަހުއްޓެވެ. އެކަމަކު އޭނާގެ އަތުން އެ ވަޅި ވަކިކޮށްލަން އާތިޝްއަށް މަޖުބޫރެވެ. އޭނާ ހޭޒަލްގެ ކަންފަތް ދޮށުގައި މޫނު ޖައްސައިގެން ހުރެ ކޮއްކޯއޭ ގޮވިއެވެ. ހޭލާށޭ އެދުނެވެ.

ހޭވެރިކަންވީ އިރު ގައިގާ ފިރިހެނަކު ހިފަހައްޓާފައި ހުރިކަން އެނގި ހޭޒަލްއަށް އާދޭސްކޮށްލެވުނެވެ. އެހެންނުހަދާށޭ ބުނެލީ މަޑުމަޑުންނެވެ. އެހިނދު އާތިޝްގެ އަޑު ކަންފަތުގައި ޖެހުނެވެ. އޭނާ ކޮއްކޯއޭ ގޮވާލި އަޑާއެކު ހޭޒަލްއަށް މޫނުގައި އަތްއެޅުނެވެ. ބަދިގެއަށް އާދެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާގެ ސިކުނޑި ކަމެއް ހަނދާންކޮށްދިނީ އެހިނދުއެވެ.

"އިޓްސް މީ..." މަޑުމަޑުން ހޭޒަލްގެ ގައިން ދޫކޮށްލާ އޭނާއާ އާތިޝް ކުރިމަތިލިއެވެ.

"ޑިޑް ހީ ރޭޕް ޔޫ" ފެނުނު ކަންތަކުން އަޖައިބުވެފައި ހުރެ ވެސް އާތިޝް އެއްސެވެ. ހޭޒަލް ވަށައިގެން ނަޒަރު ހިންގާލިއެވެ. ފެނުނީ ހަޤީޤަތެއްނެތްކަމެއްކަން ޤަބޫލުކުރަން ހޭޒަލްއަށް އުނދަގޫވިއެވެ. އެހެންވިޔަސް އޭނާގެ ގާތުގައި ހުރީ ލިއަމްނޫންކަން އެނގެއެވެ. އާތިޝް ދެވަނަ ފަހަރަށް ސުވާލު ތަކުރާރުކޮށްލަމުން ހޭޒަލްގެ ކޯތާފަތުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ހޭޒަލްގެ ސަމާލުކަން އޭނާއަށް ދިނުމަށް އިޝާރާތްކުރާ ކަހަލައެވެ.

* * * * *

މެންދުރުގެ ވަގުތެވެ. އެޕާޓްމެންޓަށް ވަން ގޮތަށް ކޮނޑުގައި އޮތް އަތްދަބަސް ތަޅުން މައްޗަށް ދޫކޮށްލުމާއެކު ސާއިރާ ހަލުވިކޮށް އައިސް ކޮޓަރިތައް ބެލިއެވެ. އޭނާގެ ފަހަތުން ވަން ރިޒްވާނު ލަގޭޖުތައް ވައްދާ އެޕާޓްމެންޓުގެ ދޮރު ލައްޕާލިއެވެ. ކޮޓަރިތަކުން މީހަކު ނުފެނިގެން ބަދިގެއަށް އައިރު ކާމޭޒު ދޮށުގައި ހޭޒަލް އިންތަން ފެނުނެވެ. ތަވާ އަތަށް ލައިގެން އުނދުން ކައިރިން އެނބުރި އާތިޝް އާއި ދޮރުމަތީ ހުރި ސާއިރާގެ ނަޒަރު ސީދާ ވިއެވެ. އޭނާއަށް ހުއްޓުން އެރި ނަމަވެސް ނިކަން އަވަހަށް މޫނުގައިވި އަސަރުތައް ސާއިރާ ފަރުދާކޮށްލައިފިއެވެ.

"ޒެއްލު!... ދޮންބެއަށް ކައްކަން ވެސް ދަސްކޮށްދިނީތަ... ޝެފަކާ ވަރަށް ވައްތަރު" ސަމާސާކަން އެކުލެވޭ ރާގެއްގައި ސާއިރާ ބުނެލިއެވެ. އޭނާ ފާޅުކުރީ އާތިޝްގެ ހަރަކާތްތައް ފެނި ހައިރާންވެފައި ހުރިކަމުގެ އަސަރެވެ. ލޯބިން ހޭޒަލްއަށް ގޮވާލާފައި ކޯއްޗެއްތޯ އާތިޝް ލައްވާ ކައްކުވަނީ އެއްސެވެ. ސާއިރާއަށް ސާފުކޮށް ހޭޒަލްގެ މޫނުގައިވި ހިތްދަތިކަން ފެނުނު ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ނުކުރިއެވެ. ހޭޒަލް އިސް އުފުލާލި ހިނދު ދޮރުމަތީ ހުއްޓުނު ރިޒްވާނު ފެނުމާއެކު އޭނާ އިސްޖަހާލައިފިއެވެ. ސާއިރާއާ އާތިޝް ބަދަލުކޮށްލީ ކަންބޮޑުވުމުގެ ބަލާލުމެކެވެ.

(ނުނިމޭ)