ރައްޔިތުންގެ މަޖިލީސް ދެމި އޮންނާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި މަސައްކަތް ކުރާ މައި އިދާރާގެ ގޮތުގައި ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދުވަހުގެ ހެޔޮ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ދެމި އޮންނާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި މަސައްކަތް ކުރާ މައި އިދާރާއަކީ މަޖިލީސްކަން ފާހަގަ ކުރައްވާ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ދަމަހައްޓާ ދެމެހެއްޓުމުގައި މަޖިލީހުގެ ދައުރު އަދާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ވަނީ ހާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާ މެދު އިހުމާލުވާނަމަ އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އާންމު ރައްޔިތުންނަކަށް ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ވެރިކަމުގައި ބާރުގައި ތިބި ފަރާތްތަކުން އަމަލު ކުރަމުން ދިޔައީ ގާނޫނު އަސާސީއާ ހިލާފަށް އެފަދަ އަމަލުތައް ކުރަމުންނެވެ. ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ފަހު އެއްވެސް އަދަބާ ކުރިމަތިލާން ނުޖެހި އެ ކަންކަމުން ބޯދަމައިގަތުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަންނަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ސަރުކާރުގެ އިންތިގާލީ އަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މި އަންނަނީ، މި ދެންނެވި ނުބައި ސަގާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން." ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ ދިރިހުރުމުގެ ހައްގު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިންސާނީ އެފަދަ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެޗްއާރުސީއެމްއަށް ދޭން ޖެހޭ އެއްބާރުލުންދީ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވި އެވެ.
"މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ، ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދީ ރައްކާތެރިކޮށް ދިނުމަށް. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙްސާސްކުރެވޭ ފަދަ އަމާން ވެށްޓެއް މި މުޖްތަމައުގައި ގާއިމު ކުރުމަށް." ރައީސް ވިދާޅުވި އެވެ.